ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކުރި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އައި ކަމެއް ކަމަށެވެ. އަދި ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން ހުރީ 1.99 ޑޮލަރަށް އުފުލިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިވަގުތު ޓޫރިސްޓުން އަންނަ ނިސްބަތް 4.8 ޕަސެންޓް ދަށްވެފައިވީ ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވެ، މެދުއިރުމަތީގެ އެއާލައިންތައް ދަތުރު ކުރުން އިތުރުވާ ވަރަކަށް ކުރިއަށް އޮތް ދެ ތިން ހަފުތާ ތެރޭގައި ރާއްޖެއަށް ވެސް އަލިމަގެއް ފެންނާނެ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ. އަދި ރާއްޖެ އަންނަ ބޮޑެތި އެއާލައިންތަކާ ވާހަކަ ދެއްކުމުގެ ނަތީޖާ މިހާރު ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް ބޭއްވުމަށް ޝެޑިއުލް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޝެޑިއުލް ބަދަލު ކުރާނީ ރާއްޖެ އަންނަން ތިބި ޓޫރިސްޓުން ގިނަ ކަމަށް އެ އެއާލައިންތަކުގެ ބުކިން ސިސްޓަމުން ފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
އިރާނުގެ ތެޔޮ ގަތުން ހުއްޓާލަން ޗައިނާއަށް ޓްރަމްޕްގެ އިންޒާރެއް
ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި