އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކުރުމުން ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފި އެވެ.

ހަސަން ވަނީ އޭނާގެ ވަކީލާއެކު މިއަދު ހެނދުނު 8:30 އަށް ފުލުހުންގެ ސާޖަންޓު އާދަމް ހަލީމް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވެފަ އެވެ.

އޭނާގެ ގާނޫނީ ވަކީލު ސައްޔާހް ހަލީލް ވިދާޅުވީ ފުލުހަށް ހާޒިރުކުރުމުން ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން އޭނާ ކޮށްފައިވާ ކަމަށެވެ.

ހަސަންގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް

  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
  • ގަޒުފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
  • ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
  • ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ

މި މައްސަލައާ ގުޅިގެން މިއަދު މެންދުރު 2:30 ގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް ފުލުހަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ.