ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، މިނިވަން މުސްތަގިއްލު ތަހުގީގަކަށް ފުރުސަތު ދެއްވުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
މިކަމާ ގުޅޭގޮތުން ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެމަނިކުފާނުގެ ޒާތީ ކަރާމާތަށް އަމާޒުކޮށް ހަމަލާދިނުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށްޓަކައި، ކޮންމެ ފަރާތަކުން ކުރި ނަމަވެސް ނޭދެވޭ އަމަލެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެކަމަށް ފުރިހަމަ ސަމާލުކަން ދޭންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހާއްސަކޮށް ޖިންސީ ގޯނާ ފަދަ ސީރިއަސް މައްސަލަތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޖަމީލް ވިދާޅުވީ، ނުފޫޒުގަދަ ފަރާތްތަކުން ނާޒުކު ހާލަތްތަކުގައި ތިބޭ ޒުވާނުންނަށް ދޭ އަނިޔާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ހިތާމަވެރި ހަގީގަތްތަކެއް ކަމަށެވެ. މިގޮތުން އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ އާއި، 'މީޓޫ' ހަރަކާތުގެ އިތުރުން ޖެފްރީ އެޕްސްޓީންގެ މައްސަލަތަކަކީ މީގެ ސީރިއަސްކަން ހާމަވާ މިސާލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާ ގުޅޭގޮތުން ކުރެވުނު ތުހުމަތުތަކެކޭ އެއްފަދައިން، ރައީސް މުއިއްޒުގެ މައްޗަށް މި ކުރެވޭ ތުހުމަތުތަކަކީ ބޭރުގެ ނުދަންނަ މީހަކު ކުރާ ތުހުމަތުތަކެއް ނޫން. މިއީ ސީދާ އެމަނިކުފާނުގެ މަސައްކަތުގެ މާހައުލުގައި އުޅުނު ފަރާތަކުން ކުރާ ތުހުމަތުތަކެއް،" ޖަމީލް ވިދާޅުވި އެވެ.
މި މައްސަލާގައި ތުހުމަތުކުރާ ޒުވާން އަންހެން މީހާއަކީ ގޯސް މީހެއްގެ ގޮތުގައި ސިފަކޮށް އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ނުކުރުމަށް ޖަމީލް ގޮވާލެއްވި އެވެ. އަދި ބާރުގަދަ މަގާމެއްގައި ހުންނެވި ބޭފުޅަކާ ދެކޮޅަށް މިފަދަ ވާހަކައެއް ހާމަކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މިކަމުގައި ހަނުތިބޭތީ ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، މި ސީރިއަސް ތުހުމަތުތަކުން ރައީސް ބަރީއަވުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ. ނަމަވެސް އެކަން ކުރައްވަންވާނީ ނޫސްވެރިކަމަށް ހުރަސްއަޅައިގެން ނުވަތަ 'އަދަދު' ނޫހުގެ އެޑިޓަރާއި ވެރިޔާއާ ދެކޮޅަށް ޒާތީ ބަދަލުހިފުމުގެ އަމަލުތައް ހިންގައިގެން ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް ފެންނަ ކަންކަމުން ދޭހަވަނީ، މިނިވަން މުސްތަގިއްލު ތަހުގީގަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެމަނިކުފާނުގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މި ތުހުމަތުތައް ފޮރުވަން މަސައްކަތް ކުރައްވާ މަންޒަރު،" ޖަމީލް ވިދާޅުވި އެވެ.
ޕޯސްޓް ނިންމަވާލައްވަމުން ޖަމީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހައިބަތު މިފަދަ ތުހުމަތުތަކުން ސަލާމަތްވެފައި އޮތުމަކީ މުޅި ގައުމުގެ ދުއާ ކަމަށާއި، ނަމަވެސް ގޯސް އަމަލެއް ހިންގާފައިވާނަމަ، އެހެން ކޮންމެ ރައްޔިތަކެކޭވެސް އެއްފަދައިން ރައީސުލްޖުމްހޫރިއްޔާވެސް ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.
ޖަމީލް މިވާހަތައް ހިއްސާކުރައްވާފައި މިވަނީ، ރައީސް މުއިއްޒު ކައިވެނީގެ ބޭރުން ޒުވާން އަންހެނަކާ ގުޅުން ބޭއްވެވި ކަމަށް ތުހުމަތުކުރާ ޑޮކިއުމެންޓްރީއަކާ ގުޅިގެން، ރޭ ފުލުހުން 'އަދަދު' ނޫސް ހިންގާ އިމާރާތަށް ވަދެ ބަލާފާސްކޮށް، ބައެއް އިކުއިޕްމެންޓް ގެންގޮސްފައިވާ ވަގުތެއްގަ އެވެ.
އެކަން ހިނގާފައިވަނީ ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، 'އަދަދު' ނޫހުގެ ނޫސްވެރިއަކު އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ރައީސް ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ އެ ތުހުމަތުތައް ދޮގުކުރެއްވުމަށް ފަހު އެވެ. ހަމަ އެއާ އެކު، ރައީސް ވަނީ އެ ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ބަޖެޓުން ހަރަދުކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަނީ
މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހު ކުރޭ: ޔާމީން
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި