މީޑިއާ ކުށްވެރިކުރެއްވުމުގެ ބަދަލުގައި އަމަލުފުޅުތައް އިސްލާހުކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް މުހައްމަދު މުއިއްޒަށް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކު ރައީސް މުއިއްޒަށް ކުރި ތުހުމަތުތަކެއް ހިމެނޭ އައިޝާ ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަނުގައި ބޭނުންކުރާ ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.

އެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވާ،" ޔާމީންގެ މެސެޖުގައިވެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

ރައީސް މުއިއްޒަށް ފާޑުކިޔާތީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރަން ޗެނަލް13އަށް މީޑިއާ ކޮމިޝަނުން ވަނީ އަންގާފަ އެވެ.