އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ރާއްޖޭން ފުރުން މަނާކޮށް، އެ ނޫހުގައި ބޭނުންކުރާ ހުރިހާ އިލެކްޓްރޯނިކް ސާމާނު އަތުލަން ފުލުހުން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ފިޔާޒު ފުރުން މަނާކުރަނީ އޭނާ ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. މައްސަލައިގައި ލިބިފައިވާ ހަމައެކަނި ހެއްކަކީ ވެސް މި ބުނާ އިންޓެލިޖެންސް ރިޕޯޓް ކަމަށް އެ ނޫހުން ބުނެ އެވެ.

ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ޕާސްޕޯޓް ހިފަހައްޓަނީ ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޖުލައި 26 ގެ ނިޔަލަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ނެރުނު އަމުރުގައިވެ އެވެ.

"އަދަދު"ގެ ސީއީއޯ ފިޔާޒް މިރޭ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިިދިޔަ މާޗް މަހު ދެއްކި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ދަނީ އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ނަގަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނޫހުގެ މަސައްކަތް ކުރިޔަށް ގެންދަން ހުރަސް އެޅިފައިވާތީ އާއްމުންގެ އެހީތެރިކަމަށް ފިޔާޒް އެދިފައިވެ އެވެ.

ފުލުހުން ބުނީ "ބަލަމުންދާ މައްސަލައަކާ ގުޅިގެން، "އަދަދު" ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ދަނީ ބަލައި ފާސް ކުރަމުން" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަދަދުގެ އޮފީސް ހިންގާ އިމާރާތުގެ ބޭރުގަ އާއި އެތެރޭގައި ވެސް ދަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ. މީގެ ކުރިން "އަދަދު" އިން ބުނެފައިވާ ގޮތުގައި މީޑިއީ ކޮމިޝަނުން ވެސް ޑޮކިއުމެންޓްރީގެ މައްސަލަ ބަލަމުންނެވެ.