ވޮޮޝިންޓަން ހިލްޓަން ހޮޓަލުގައި ކުރިއަށްދިޔަ ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން ރައީސް ޓްރަމްޕް ވާހަކައެއްގައި އިންނަވަނިކޮށް، ބަޑީގެ އަޑުތަކެއް އިވުމާއި ގުޅިގެން ސީކްރެޓް ސާވިސްއިން ޓްރަމްޕް އެތަނުން ނެރެފި އެވެ.

އެ ވަގުތު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށްވެއެވެ. އެއާއެކު، ސީކްރެޓް ސާވިސްގެ އޭޖެންޓުން ވަނީ ރައީސް ޓްރަމްޕް އެތަނުން ރައްކާތެރިކަމާއެކު ބޭރަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން، ޓްރަމްޕްގެ އިސް މުޝީރު ސްޓީވަން މިލާ ވެސް މީހުންގަނޑުގެ ތެރެއިން ނެރެގެން ގެންދަނިކޮށް ފެނިފައިވެއެވެ. މި ހާދިސާ ހިނގި ވަގުތު އެތަނަށް އެއްވެ ތިބި ގިނަ މީހުން ބިމަށް ތިރިވި ނަމަވެސް، ޓްރަމްޕް އެތަނުން ނެރުމަށްފަހު ވެސް ގިނަ ބަޔަކު ތިބީ ހޯލްގެ ތެރޭގަ އެވެ.

ޓްރަމްޕާއެކު މިއަދު ހަރަކާތްތެރިވި ވައިޓް ހައުސްގެ ނޫސްވެރިން ބުނި ގޮތުގައި، ބަޑިޖެހި މީހާ މިހާރު ހުރީ ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށް އެ އެޖެންސީގެ އޮފިސަރުން ބުނާ އަޑު އިވިފައިވެއެވެ.

ވޮޝިންޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ވަގުތީ ފުލުހުންގެ ވެރިޔާ ޖެފްރީ ކެރޯލް މީޑިއާއާ ބައްދަލުކުރައްވައި ވިދާޅުވީ، ވޮޝިންޓަން ހިލްޓަން ކައިރީގައި ހުރި ސެކިއުރިޓީ ޗެކްޕޮއިންޓުން އެ މީހާ ވަދެގަންނަން އުޅުނުއިރު، އޭނާ ހުރީ ޝޮޓްގަންއަކާއި، ފިސްތޯލައެއްގެ އިތުރުން ގިނަ އަދަދެއްގެ ވަޅި ހިފައިގެން ހަތިޔާރު އަޅައިގެން ކަމަށެވެ. ނަމަވެސް، އެ ވަގުތު ފުލުހުން ވަނީ އެ މީހާ ހުއްޓުވައި ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ މި ހާދިސާއާ ގުޅިގެން އެ ހަމަލާދިން މީހާ ހުއްޓުވާ ވީޑިއޯއެއް އާއްމުކުރައްވާފަ އެވެ. ހަމަލާގައި ސީކްރެޓް ސާވިސްގެ މީހަކަށް އަނިޔާވިކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.