ރަސްކަމެއްގައި ނަމަ މުޅި ގައުމަކީ ރަސްގެފާނުގެ މިލްކެވެ. ރައްޔިތުންނަކީ ރަސްގެފާނުގެ އަޅުތަކުންނެވެ. މުޅި ގައުމުގެ ޚަޒާނާ އަކީ ރަސްގެފާނު ބޭނުން ގޮތެއް ހައްދަވަން އޮންނަ އެއްޗެކެވެ. ރަސްގެފާނު ބޭނުންފުޅު ކަމެއް ކުރައްވަން ވީ އެވެ. އެކަންތަކާ މައްސަލަ ޖެއްސޭނެ ބަޔަކު ނޫޅޭނެ އެވެ. ބޯދާ ރަސްކަމުގެ އެ ނިޒާމު ރާއްޖޭގައި ވެސް އޮތެވެ. ވަރަށް ފަހަކާ ޖެހެންދެނެވެ. އެ ނިޒާމު އުވި ދިޔައީ އެތަކެއް ހައިޖާނުތަކަކަށް ފަހު އެވެ. ރާއްޖެ ދުނިޔެއަށް ހުޅުވި ޒަމާނީ ތަރައްގީގެ ރޭހުގައި ފައި ހަމަކުރަން ފެށީ އެ ހިސާބުންނެވެ.
ޕާލަމެންޓްރީ ނިޒާމް ދުނިޔެއަށް ތައާރަފު ވީ ރަސްކަމުގެ ބާރުތަކަށް ރައްޔިތުން ނުރުހި ބާރު ހޯދުމަށް ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ތަފާތު އެތަކެއް މަރުހަލާއެއްގެ ސިލްސިލާގެ ތެރެއިން އައިސް ޒަމާނީ ޕާލަމެންޓްރީ ނިޒާމު ފުރަތަމަ ގާއިމުވީ އިނގިރޭސިވިލާތުގަ އެވެ. އެހެންކަމުން އެ ނިޒާމަށް ވެސްޓް މިންސްޓަ ސިސްޓަމޭ ވެސް ކިޔައި އުޅެ އެވެ. ރައްޔިތުންގެ އަތް މައްޗަށް ގައުމުގެ ބާރުތައް ދޫކޮށްލުމަށް މަޖުބޫރުވި ކަމަށް ވިޔަސް މުޅި ގައުމަކީ ރަސްކަމުގެ އާދަކާދައިގެ ގޮތުން ރަސްގެފާނަށް އޮންނަ މިލްކެއްގެ ގޮތުގައި އޮންނަ ގޮތަކަށް ނިމުމެއް ނަ އެވެ. ގައުމުގެ ވެރިޔަކަށް ނުވަތަ ހެޑް އޮފް ސްޓޭޓެއް އަންނަނީ އެ އުސޫލުންނެވެ.
ޕާލަމެންޓްރީ ޑިމޮކްރަސީ ދުނިޔެއަށް ފެތުރީ އިނގިރޭސި އިސްތިއުމާރުގެ ތެރެއިންނެވެ. އިނގިރޭސިން އިސްތިއުމާރު ކުރި ގައުމުތައް ދޫކޮށްލިއިރު އެ ގައުމުތައް ބެހުނީ ދެބަޔަކަށެވެ. އެއްބަޔަކީ އިނގިރޭސި ތަޚުތުގައި ހުންނަ ވެރިޔަކީ ހެޑް އޮފް ސްޓޭޓް ނުވަތަ ގައުމުގެ ވެރިޔާ ކަމަށް ގަބޫލު ކުރި ގައުމުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑާއި ކެނެޑާ ފަދަ ގައުމުތަކެވެ. އަނެއް ބަޔަކީ އިނގިރޭސި ތަޚުތައް ހެޑް އޮފް ސްޓޭޓްގެ ލަގަބު ދޭން ބޭނުން ނުވި ގައުމުތަކެވެ. އޭގެ މިސާލަކީ އިންޑިއާ، ޕާކިސްތާން، ސައުތު އެފްރިކާ އެވެ. އެފަދަ ގައުމުތައް ވީ ރިޕަބްލިކަކަށެވެ. މާނައަކީ އެ މީހުންގެ އަމިއްލަ ހެޑް އޮފް ސްޓޭޓެއް އައްޔަންކޮށް އިނގިރޭސިންނާ މުޅިން ގުޅުން ކަނޑާލުމެވެ.
ރާއްޖޭގައި ވެސް ހެޑް އޮފް ސްޓޭޓަކާ ރައީސެއްގެ މައްޗަށް އެކުލެވުނު ޖުމްހޫރިއްޔާއެއް ގާއިމު ކުރެވުނެވެ. އެ ޖުމްހޫރިއްޔާ ނިމުނީ އަނިޔާވެރި ގޮތަކަށް އޮހޮރާލެވުނު ލެޔާއެކު ރައީސްގެ ފުރާނަ ގުރުބާން ވެގެންނެވެ.
ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށްފަހު އިބްރާހިމް ނާސިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޒަމާނީ ކުރެއްވީ ކުރީގެ ތަޖުރިބާތަކުން އިބުރަތް ހޯއްދަވައިގެންނެވެ. ހުރިހާ މާނައެއްގައި ރާއްޖެއަށް މިނިވަންކަން އެމަނިކުފާނު ބޭނުންފުޅުވި އެވެ. އެހެން ކަމުން އެމަނިކުފާނު ރާއްޖެއަށް ގެންނެވީ އިނގިރޭސިން ގައުމުތަކަށް ތައާރަފްކުރި ޕާލަމެންޓްރީ ނިޒާމާ ޚިލާފަށް ރިޔާސީ ނިޒާމެކެވެ.
ހެޑް އޮފް ސްޓޭޓްގެ ނަމުގައި އިތުރު ބޮލެއް ބެހެއްޓުމަކީ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަކަށް ނުވި އެވެ. ނާސިރު ފެއްޓެވި ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންނަށް ކަމުދާ މަގުބޫލު އެއްޗެއް ކަމަށް ވަނީ ވެފަ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މަލްޓި ޕާޓީ ޑިމޮކްރަސީ ގެނެސް ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށް ނެގި ވޯޓުގައި ރައްޔިތުން ރިޔާސީ ނިޒާމަށް ވޯޓު ދިނީ އެ މީހުނަށް އެ ނިޒާމުގެ ފައިދާ އެނގޭތީ އެވެ.
ރައްޔިތުންގެ ނިންމުން ކޮންމެ ގޮތަކަށް އޮތް ކަމަށް ވިޔަސް ބޮޑުވަޒީރާއި ރައީސް ބައިވެގެން އުފައްދާ ވެރިކަމަކަށް ވަކާލާތު ކުރާ އަޑު ދޭތެރެ ދޭތެރެއިން އިވެ އެވެ. ބޭނުމަކީ ވީހާ ގިނަ ބަޔަކު ރަތް ދޫލައިގެ ޝަރަފާއި ވެރިކަމުގެ ޖާހާއި ލައްޒަތު ހޯދުމެވެ. އެކަކު އެކަނި ނިކުމެ ކާމިޔާބު ނުވެދާނެތީ ދެ މީހަކު ގުޅިގެން ވެރިކަން ހޯދުމެވެ. އެއަޑު މިހާރު ވަނީ އަނެއްކާ ވެސް ގަދަވެފަ އެވެ. އެކަކަށް ސަރުކާރުގެ ވެރިކަން އަނެކަކަށް ދައުލަތުގެ ވެރިކަން ހޯދަން ބޭނުންވާ ކަމަށް ވަކާލާތު އެބަކުރެ އެވެ.
ސަރުކާރުގެ ވެރިކަމާއި ދައުލަތުގެ ވެރިކަން ހޯދުމަށް ބަޔަކު މަސައްކަތް ކުރާއިރު އެފަދަ ގޮތަކަށް ދެމީހަކު ވެރިކަމަށް އައިސްގެން ވަނި ކީއްތޯ ބަލާލަން ޖެހެ އެވެ. އެކަމަށްޓަކައި އެންމެ ގާތުގައި އޮތް އިންޑިއާ އަށް ބަލައިލުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެ ގައުމުގައި ރައީސަކު ހުރެ އެވެ. ބޮޑު މުސާރަ އާއި ގަނޑުވަރާ ވެސް ހުންނާނީ ދީފަ އެވެ. އެހެނަސް ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބައެއް ރަސްމިއްޔާތުތައް ޝާރަފުވެރި ކޮށް ދިނުން ފިޔަވައި މާބޮޑު ކަމެއް ނޯވެ އެވެ.
ޝަރަފުވެރި މަގާމެއްގެ ގޮތުގައި ނުވަތަ ބާރުތައް ބަހާ ގޮތަށް ބޮޑު ދެ މަގާމެއް އުފައްދައި ބޮޑު މުސާރަ އާއި ގަނޑުވަރާ ބޮޑީ ގާޑުންނާ ފަރިއްކޮޅާ ދަތުރުފަތުރުގެ ޚަރަދާ އެނޫނަސް ކިތަންމެ ޚަރަދެއް ކުރަން ޖެހޭ ސުވާލު ކުރާ މީހުން ގިނަ އެވެ. އެ ސުވާލު އުފައްދާއިރު ހަނދާން ކޮށްލަން ޖެހެނީ ރާއްޖޭގެ ރައްޔިތުން ކިތަންމެ ފަހަރަކު އެފަދަ ނިޒާމެއް ބޭނުން ނުވާ ކަމަށް ނިންމާފައިވާ ކަމެވެ. ބޮޑުވަޒީރާއި ރައީސްގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ދިވެހި ސިޔާސީ އުދަރެހުގައެއް ނެތެވެ.
އީރާނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
ޒުވާންކޮށް ހުރުމަށް މާފަސޭހަ ގޮތެއް!