މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ކުޅުންތެރިން ބައިވެރިވުމަށް އެމެރިކާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ނަމަވެސް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުން ހުރި އެއްވެސް މީހަކު ކުޅުންތެރިންނާއެކު އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އީރާނަށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެއީ އީރާނުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައި ކަމަށްވާތީ އެވެ. ރޫބިއޯ ވިދާޅުވީ އީރާނުގެ އެތުލީޓުންނަށް ނާދެވޭނެ ކަމަށް އެމެރިކާއިން ބުނެފައެއް ނުވާނެ ކަމަށެވެ.
ރޫބިއޯ އިތުރަށް ވިދާޅުވީ މައްސަލައަކީ އެތުލީޓުން ނޫން ކަމަށާއި، ނަމަވެސް އެމީހުންނާއެކު އަންނަން ބޭނުންވާ ބައެއް އެހެން މީހުން ކަމަށެވެ.
"އައިއާރުޖީސީގެ ޓެރަރިސްޓުންތަކެއް ނޫސްވެރިން ނުވަތަ އެތުލެޓިކް ޓްރެއިނަރުންގެ ގޮތުގައި ހެދިގެން އަޅުގަނޑުމެންގެ ގައުމަށް އެތެރެވުމުގެ ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ވަނީ އައިއާރުޖީސީއަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެތުލީޓުންނަށް އެއްވެސް ހުރަހެއް އަޅަން ބޭނުންނުވާ ކަމަށެވެ. މި އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ.
މި ދަނޑިވަޅުގައި، ވޯލްޑް ކަޕަށް ކޮލިފައި ނުވި އިޓަލީއަށް އީރާނުގެ ބަދަލުގައި ފުރުސަތު ދިނުމަށް ޓްރަމްޕްގެ މަންދޫބަކު ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު އެންޑްރިއާ އަބޯޑީ ވަނީ މި ހުށަހެޅުމަށް ފާޑުވިދާޅުވެ، މުބާރާތަށް ކޮލިފައިވާންޖެހޭނީ ދަނޑުމަތީގައި ކުޅެގެން ކަމަށް ވިދާޅުވެފަ އެވެ.
އީރާނުން ވަނީ މިދިޔަ އަހަރު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު، އީރާނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެ ގައުމުން ވަނީ ފީފާގައި އެދިފަ އެވެ.
ހިފަހައްޓާފަ ހުރި ފައިސާތައް ދޫނުކުރަނީސް ހޮރްމޫޒް ނުހުހުޅުވާނަން
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
ނަތަންޔާހޫ ކެންސަރު ބަލިން ރަނގަޅުވެއްޖެ