ޓެކްސީ ނަފާ ލޯނު ނެގި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލަން އަންގާފައިވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ނަފާ ލޯނާ ގުޅޭ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރު ސައީދާ ވަނީ ސިޓީއެއް ހިއްސާކުރައްވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ސައީދު ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ނެގި ފަރާތުގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު، ބަލައި ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ހައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގައި ދަންނަވަމެވެ،" މިނިސްޓަރު ސައީދުގެ ސިޓީގައި ވިދާޅުވި އެވެ.
އާދަމް ސަލީމް، މިނިސްޓަރު ސައީދު ޓެގްކޮށް އެކްސްގައި އާންމުކުރި ސިޓީގައި ބުނެފައި ވަނީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނެތި ޑްރައިވަރުން ތިއްބާ، އެ ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް އަންގަމުންދާ ކަމަށެވެ.
ޓެކްސީ ނަފާ ލޯނު ސްކީމަކީ ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ނިމިިދިޔަ އެމްޑީޕީ ސަރުކާރުގައި ހާއްސަ ސްކީމަކުން ދޫކުރި ލޯނެކެވެ. އެ ލޯނު ދޫކުރަނީ ސަރުކާރުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދޭ އެސްޑީއެފްސީންނެވެ.
އާދަމް ސަލީމް ބުނީ، ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރުމުގެ އަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަ ނުވެ ތިއްބާ ލޯނު ދައްކަން ޖެހުމަކީ ލޯނު ނެގި މީހުންނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.
މީގެއިތުރުން ކާރު ރަޖިސްޓަރީ ނުވެ ތިއްބާ ޓެކްސީ ދުއްވުމުގެ ހުއްދަ ވެސް ނުލިބޭ ކަމަށާއި ހުއްދަ ނެތި ޓެކްސީ ދުއްވިއްޖެ ނަމަ ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ކާރު ރަޖިސްޓާ ވަންދެން ލޯނުދެއްކުން ފަސްކޮށްދިނުމަށް އާދަމް ސަލީމް އެދިފައެވެ. އަދި ކާރުތައް ރަޖިސްޓާކޮށްދިނުން އަވަސްކޮށްދިނުމަށް ވެސް އެދުނެވެ.އެ ސިޓީގައި އާދަމް ސަލީމް ވަނީ މައްސަލަ ހައްލު ކުރަން ވެސް މިނިސްޓަރަށް ކަންކަން ހުށަހަޅުއްވައިފައެވެ.
އެ މައްސަލަ ހައްލުކުރުމަށް އޭނާއަށް ފެންނަ ކަންތައްތައް އާދަމް ސަލީމް ވަނީ އެ ސިޓީގައި ހިއްސާކޮށްފަ އެވެ.
އާދަމް ސަލީމް ހުށަހެޅި ހުށަހެޅުންތައް
- ލޯނު ދޫކުރި ފަރާތްތަކާ ގުޅިގެން، ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށް (މޮރެޓޯރިއަމް) ހަމަޖެއްސުން.
- ކާރުތައް ރަޖިސްޓަރީ ކުރުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އެޅުން.
- ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރު ކުރެވި، ލޯނު ދެއްކުމުގެ ޒިންމާ ލޯނު ނެގި ފަރާތްތަކުގެ ބޮލުގައި ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކޮށްދިނުން.
- ލޯނު ސްކީމްގެ ދަށުން ކާރު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަދުލުވެރި ހައްލެއް ލިބިދިނުމަށް މިނިސްޓަރާ ހިސާބުން ގޮތެއް ނިންމަވައި ދެއްވުން.
ލުބުނާނާއި އިޒްރޭލުގެ އެއްބަސްވުން 3 ހަފްތާއަށް އިތުރުކޮށްފި
އަމިއްލަ ގެއަށްވުރެ މައިބަފައިންގެ ގެ ކަމުދަނީ ކީއްވެ؟
ހިފަހައްޓާފަ ހުރި ފައިސާތައް ދޫނުކުރަނީސް ހޮރްމޫޒް ނުހުހުޅުވާނަން
