ރައީސް މުހައްމަދު މުޢިއްޒު ސަރުކާރުގެ މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެންނެވި ބޮޑެތި ބަދަލުތަކާއެކު، އުވާލި މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެ ފިންގާ ޖެހުމަށްފަހު މަސައްކަތެއް ނެތި ގެއަށް ދާން ޖެހޭކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ކުއްލި ގޮތަކަށް ވަޒީރުންގެ މަޖިލީހަށާއި މިނިސްޓްރީތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެ ގޮތުން ހަ މިނިސްޓްރީއަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. މި ބަދަލުތަކަށް ދެ ހަފުތާ ވާން ގާތްވެފައިވާއިރު، އުވާލި ނުވަތަ ބަދަލުތައް ގެނައި މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދިވެސް ގެންދަވަނީ ކޮންމެ ދުވަހަކު އޮފީހަށް ވަދެ ހާޒިރީގައި ސޮއިކުރުމަށް (ފިންގާ ޖެހުމަށް) ފަހު ގެޔަށް ވަޑައިގަންނަވަމުންކަން ވަނީ އެނގިފަ އެވެ.

އާންމު އިދާރީ އުސޫލުތައް އޮންނަ ގޮތުން، ސިޔާސީ މުވައްޒަފުން މަސައްކަތްކުރާ މިނިސްޓްރީއެއް އުވާލައިފިނަމަ ނުވަތަ އޮނިގަނޑަށް އަންނަ ބަދަލަކުން މިނިސްޓްރީ ބަދަލުވެއްޖެނަމަ، ވަޒީރުންނެކޭ އެއްގޮތަށް ސިޔާސީ މުވައްޒަފުން ވެސް އަލުން އެ މަގާމުތަކަށް އައްޔަންކުރަން ޖެހެ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެކަންތައް ކޮށްފައި ނުވާތީ، ސިޔާސީ މި މުވައްޒަފުންގެ ވަޒީފާގެ ހާލަތާ މެދު ސުވާލު އުފެދިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން "ހުރިހާ" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، ސަރުކާރުގެ އިދާރީ އޮނިގަނޑަށް މިހާރު ގެންނަވާފައިވާ ބަދަލުތަކަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

މި އިސްލާހީ ބަދަލުތަކާ ގުޅިގެން، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ސިޔާސީ ބޭފުޅުންގެ މަސައްކަތްތައް އަލުން ތަރުތީބުކޮށް، އެކި އިދާރާތަކަށް އެސައިންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މުންދު ވިދާޅުވި އެވެ.

"މިއީ ވަގުތުން ވަގުތަށް ނިމޭ ކަމަކަށް ނުވާތީ، މިއީ މިހާރުވެސް ހިނގަމުންދާ މަރުހަލާއެއް،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ވުޒާރާތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މުވައްޒަފުންގެ މަސައްކަތްތައް އެއްކޮށް ރީ-އެސައިންކޮށް ނިމެންދެން، އިދާރީ އުސޫލުތަކުގެ ދަށުން ހާޒިރީ ބެލެހެއްޓުމާއި އެހެނިހެން ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި މި މަރުހަލާގެ ތެރެއިން މުވައްޒަފުންގެ ޕާފޯމަންސް ރިވިއު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވި އެވެ.