ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކުރުމަށް އަނެއްކާވެސް އެމްޑަބްލިޔުއެސްސީން ނިންމައިފި އެވެ.
މިކަން ހާމަކޮށް އެމްޑަބްލިޔުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ޖޫރިމަނާ މައާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކައި ހަލާސްކުރާ ކަސްޓަމަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް، އެއިންތިޒާމް އެކުންފުނިން ހަމަޖައްސަވައި ދޭނެކަމަށްވެސް ބުނެފައިވެއެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާނަމަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިއާއެކު، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކައި ނިންމުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދިޔުމަށް ހުރިހާ ކަސްޓަމަރުންނަށް ފެން ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިކަމުގައި އެހީތެރިކަން ހޯދުމަށް އެކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް ނާޒިމްގެ ފިޔަކޮށާލައިފި
މައިކަލް ޖެކްސަންގެ ބައޮޕިކްއާއެކު ހޮލީވުޑް ސިއްސުވާލައިފި