އޭނާއަކީ އުފަން ރަށަށް ފަޚުރުވެރި ނަމެއް ހޯދައި ދީފައިވާ ގާބިލް ޒުވާނެއް. މަދަރުސީ ދައުރު ނިމުމަށް ފަހު އޭނާ ބޭނުންވީ ބޭސްވެރިކަމުގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރުމަށް. އެހެން ނަމަވެސް ތަގުދީރު ދިމާކުރި ގޮތުން އޭނާއަށް އެހެން ދާއިރާއެއް ޚިޔާރު ކުރަން ޖެހުނު. އެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ގޮންޖެހުންތަކަކާއި ދިމާވި. އެކަމަކު އާއިލާއާއި ގާތް މީހުންގެ އެހީތެރިކަމާއިއެކު އޭނާ ބޭނުންވާ މަންޒިލަށް ދެވުނު. މިއަދު އޭނާ ބޭނުންވަނީ ދަރިފުޅާއި އާއިލާއާ އެކު ހިތްހަމަޖެހިލައިގެން އުފާވެރި ދިރިއުޅުމެއް އުޅެން.

އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބޯޓެއް އުދުއްސާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ޒިންމާ ނެގޭނީ އެކަމަށް ގާބިލު މީހަކަށް ކަން ޔަގީނެވެ. ހާއްސަކޮށް އަންހެނަކަށް ވެ، ހުރެ އެ ހިތްވަރު ނެރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ޒުވާނާ ވަނީ ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށް ފަހު، ޕައިލެޓްކަމުގެ ލައިސަންސް ހާސިލްކޮށް، އޭނާގެ އުފަން ރަށް ފަޚުރުވެރި ކޮށްފަ އެވެ.

ރ. ދުވާފަރަށް އުފަން ފާތުމަތު އިޔާޝާ (އިޔާޝާ) އަބަދު ވެސް ދެކެމުން އައި ހުވަފެނަކީ ބޭސްވެރިކަމުގެ ރޮނގުން ރާއްޖެއަށް ޚިދުމަތް ކުރުމެވެ. ޑޮކްޓަރަކަށް ވުމަށެވެ. ނަމަވެސް އޭނާގެ ތަގުދީރުގައި ވީ އެއްތަނުން އަނެއްތަނަށް ރައްކާތެރި ކަމާއެކު މީހުން އުފުލުމާ އެކު ކޮންމެ ދުވަހަކު ވެސް ރީތި ގުދުރަތީ މަންޒަރުތައް ފެންނާނެ ފަދަ މަސައްކަތެއް ކަން އޭނާއަށް ޚިޔާލަށް ގެނެވިފައެއް ނުވެ އެވެ.

އިޔާޝާ ޗެކް ރައިޑެއްގައި: އުދުހުމުގައި އުޅޭއިރު ހިތްހަމަޖެހޭ

އޭނާގެ މަދްރަސީ ދައުރު ފެށުނީ ހުޅުމާލޭ ގާޒީ ސްކޫލުންނެވެ. އެއަށް ފަހު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މަތީސާނަވީ އަށް ކިޔެވި އެވެ. އޭލެވެލް ނިމުމަށްފަހު ގިނަ ދުވަހެއް ނުވެ ކޮވިޑްގެ ހާލަތުގައި ރާއްޖެ ލޮކްޑައުންއަށް ދިޔަ އެވެ. އެ ދުވަސްވަރު ގޭގައި ހުރެ އޭނާ ނިންމީ މެލޭޝިއާގެ "ހެލްޕް ޔުނިވާސިޓީ"ގައި ހިންގާ ފައުންޑޭޝަން އިން އާޓްސް ކޯހެއް ހެދުމަށެވެ.

އެ ކޯހުގެ ތެރެއިން ސައިކޮލޮޖީ ކިޔެވުމަށް އިޔާޝާގެ ހިތްޖެހުނެވެ. އޭރު މެޑިސިން ހެދުމުގެ ފުރުސަތު ނެތުމުން ދެން އޭނާ ކުރިއަށް ދިޔައީ ވިލާ ކޮލެޖްގައި ސައިކޮލޮޖީގެ ދާއިރާ އިންނެވެ. އެހެން ނަމަވެސް ކިޔަވަމުން ދަނިކޮށް އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް އައީ ޒަވާޖީ ހަޔާތެއް ފަށައި ދަރިއަކު ލިބުނު ހިސާބުންނެވެ.

"ޓަފް" ޖާނީއެއް، ގިނަ ގޮންޖެހުންތަކެއް، ނަމަވެސް ހިތްވަރު ކުރި

"މެރީ ކުރިތާ ގިނަ ދުވަހެއް ނުވެ ބަލިވެ އިނީ. ދެން ކިޔެވުން ހުއްޓާލާފައި ގޭގަ މަޑުކުރީ ވިހަން ދެން. ދަރިފުޅު ވިހެއުމަށް ފަހު ހިތައް އެރި މަސައްކަތެއް ނުކޮށް ހުންނާކަށް ނުވާނެޔޭ. އެއްވެސް ކަމެއް ނުކޮށް ގޭގައި ހުރުމަކީ އަޅުގަނޑު ގަބޫލު ކުރާ އުސޫލެއް ނޫން. ވިހޭއިރު އުމުރުން ވީ 22 އަހަރު. ފަހުން މެޑިސިން ހަދާނެ ފުރުސަތު ވެސް ލިބުނު. އެކަމަކު މެޑިސިން ހަދައިފިއްޔާ ގިނަ ދުވަހު ދަރިފުޅާ ވަކިން އުޅެން ޖެހިދާނެތީ އެ ވިސްނުން ދޫކޮށްލިން. ދެން ހިތަށް އެރީ ޕައިލެޓަކަށޭ ވާނީ،" އަބަދު ވެސް ދަތުރު ކުރާހިތްވާ އިޔާޝާ ބުންޏެވެ.

އޭނާއަށް ޕައިލެޓް ޓްރޭނިން ހަދަން ފުރުސަތު ލިބުނީ ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން ސްކޫލް އިންނެވެ. އޭރު ދަރިފުޅުގެ އުމުރުންވީ އެންމެ 5 މަހެވެ.

އިޔާޝާ ބުނިގޮތުގައި ޕައިލެޓަކަށް ވުމަށް ކުރިދަތުރު އެހާ ފަސޭހައެއް ނޫނެވެ. ޕައިލެޓްކަން ކިޔަވަމުން ދިޔައިރު އޭނާގެ ޒަވާޖީ ހަޔާތް ރޫޅުނެވެ. އެހެން ނަމަވެސް ހިތްވަރާއެކު ކުރިއަށް ދިޔަ އެވެ.

ޗީފް ފްލައިޓް އިންސްޓްރަކްޓާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ޕައިލެޓް ޓްރެއިނިން ފުރިހަމަ ކުރީ ފިލިޕީންސްގައި.

އެކަނިވެރި މަޔަކަށް ވުމާއި ދަރިއެއް ބެލުމުގެ ޒިންމާ ބޮލުގައި އޮތުމަކީ މިނިވަން ކަމާއެކު ގިނަ ވަގުތު ކިޔެވުމުގައި ވަގުތު ހޭދަކުރުމަށް ހުރަސް އެޅުނު ކަމަކަށްވި އެވެ. އެހެން ނަމަވެސް އާއިލާގެ އެއްބާރުލުން ލިބޭތީ ހިތްވަރު ކޮށްފައި ކުރިއަށް ދިޔައީ އެވެ. އަޒުމް ވަރުގަދަކޮށް މީހަކު ކިޔާފާނެ އެއްޗަކަށް ސަމާލުކަން ނުދިނުމަކީ އޭނާއަށް އެ "ޓަފް" ޓްރޭނިންގައި ހިފަހައްޓައި ލެވުނު އެއް ސަބަބެވެ.

"އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަދި މުޅި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދެވުނީ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ދަރިފުޅުގެ ހުރިހާކަމެއް މަންމަ ވަރަށް ރަނގަޅަށް ކޮށްދޭ. ވަރަށް ރަނގަޅަށް ބަލައިދޭ،" އިޔާޝާ ބުންޏެވެ.

އިޔާޝާ ދަރިފުޅާއި އަދި މައިންބަފައިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ މިހިސާބަށް އައުމުގައި މައިންބަފައިންގެ ބޮޑު ހިއްސާއެއް ވާކަން ފާހަގަކުރޭ

ފިލިޕީންސްއަށް ޓްރޭނިން ހަދަން ދިޔަ ނަމަވެސް، ދަރިފުޅު ހަނދާން ވާތީ މާގިނަ ދުވަހު ދަރިފުޅާ ދުރުގައި ހުންނަން އޭނާ އަށް އުނދަގޫވި އެވެ. ދެން އޭނާ ނިންމީ ދަރިފުޅާއި މަންމަ އާއި ބައްޕަ ވެސް އޭނާގެ ކައިރިއަށް ގެނައުމަށެވެ. އެކަމުގައި އޭނާ ކިޔަވަން ހުރި ފްލައިން ސްކޫލުން ވަރަށް ބޮޑު އެހީތެރިކަމެއް ދިންކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ.

ދެވަނައަށް އެންމެ ދަތިވި ކަމަކަށް އޭނާ ފާހަގަ ކުރަނީ، އެހެން ކުދިން ކިޔަވާ ގޮތަށް އޭނާއަށް އެކަމަށް މުޅިން ހުސްނުވެވުމެވެ. އެއީ މަންމައެއްގެ ޒިންމާ އަދާކުރަން ޖެހުމުން ދެ މަސައްކަތް ބެލެންސް ކުރަން އުނދަގޫ ވުމެވެ. އެހެން ނަމަވެސް ޕައިލެޓެއްގެ މަސައްކަތަކީ ވަރަށް ފަރުވާތެރިވާން ޖެހޭ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ބޮޑު ޒިންމާއެއްކަން ހަދާންކޮށް "ސީރިއަސް" ވެ ކިޔެވީ އެވެ.

"ޕައިލެޓަކަށް ވުމަށް ވަރަށް ބައިވަރު އެއްޗެހި ކިޔަވަން އޮވޭ. މިސާލަކަށް މޫސުން، މޫސުމަށް އަންނަ ބަދަލުތައް، ކޮންމެ އެއާ ކްރާފްޓަކާ ބެހޭ ގޮތުން ދަސްކުރަން ޖެހޭ، އެއާކްރާފްޓެއް ހެނޑްލް ކުރާއިރު ކިހާ ވެއިޓެއްތޯ ދަސްކުރަން ޖެހޭ، ކޮންމެ ލައިސަންސްއަކީ ވަކި އިމްތިހާނެއް، އެއާ ކްރާފްޓް އިމަޖެންސީއާ ބެހޭ ގޮތުން ކިޔަވަން ޖެހޭ، މިހެން ގޮސް ވަރަށް ގިނަ ބައިތައް ހިމެނޭ،" އިޔާޝާ ވަރަށް ތަފްސީލީ ޖަވާބެއް ދެމުން ބުނެލި އެވެ.

އިޔާޝާ ރޭގަނޑުގެ ވަގުތެއްގައި ފިލިޕީންސްގެ ޕަނގްލާއޯމަތިން ބޯޓު ދުއްވަނީ: ޕައިލެޓުން އަބަދު ވެސް އެކި ތަމްރީނުތައް ހަދަންޖެހޭ

ބޯޓު ދުއްވުމުން ސްޓްރެސް ފިލާ

އިޔާޝާއަކީ އޭނާ ނިސްބަތްވާ ދުވާފަރުގެ ފުރަތަމަ އަންހެން ޕައިލެޓެވެ. އޭނާ ޕައިލެޓްކަން ކުރަނީ ވަރަށް ކުރާހިތުން އެކަމާ ވަރަށް ގަޔާވެގެންނެވެ. ބޯޓު ދުއްވާއިރު އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށާއި އެކަމަކީ ހިތްވަރާއި ކެރުމާއި އެކު ކުރިމަތި ލައިފިނަމަ ކޮންމެ މީހަކު ވެސް ކުރެވޭނެ އަދި ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

ބޯޓު ދުއްވަން ފެށުމާއި އެކު އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށާއި އެކަމުން "ސްޓެސް" ފިލާކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް އޭނާ ވަރަށް ރަނގަޅު މެސެޖެއް ދޫކޮށްލި އެވެ.

އިޔާޝާ ގްރެޖުއޭޓްވި ދުވަހު ފްލައިން ސްކޫލްގައި: އޭނާއަކީ ދުވާފަރުގެ ފުރަތަމަ އަންހެން ޕައިލެޓް.

"ރާއްޖޭގައި މިމަސައްކަތާ ދޭތެރޭގައި ދެކޭ ގޮތް ތަފާތު. މީހުން ދައްކާ ވާހަކައިން އެކަން އަޅުގަނޑަށް އިހްސާސްވޭ. އެހެން ނަމަވެސް ބުނެލަން އޮތީ މިމަސައްކަތަކީ ވަކި ޖިންސަކަށް ވަކި މީހަކަށް ޚާއްސަ މަސައްކަތެއް ނޫނޭ. އަލަށް މި ދާއިރާއަށް ނުކުންނަށް ބޭނުންވާ ކުއްޖަކަށް ބުނެލަން މިއީ ވަރަށް ކިޔަވަން ޖެހޭ ވަރަށް ގިނަ ތަމްރީނުތައް އަބަދު ވެސް ހަދަން ޖެހޭ ބުރަ މަސައްކަތެކޭ. ކޮންމެ ފްލައިޓެއް އެޅުމުގެ ކުރިން ރައްކާތެރިކަމުގެ ގިނަ ކަންކަން ބަލަން ޖެހެޔޭ، ވަރަށް ހުޝިޔާރުވާން ޖެހޭ ކަމެކޭ. އެހެންނަމަ ވެސް މިއީ ކުރެވޭނެ ކަމެކޭ. އޮތީ ހިތްވަރާއި އެކު ކުރިމަތިލުމޭ،" އިޔާޝާ ބުންޏެވެ.

އިޔާޝާއަކީ އެކަނިވެރި މައެކެވެ. އަދި އެހެން ޒުވާން އެކަނިވެރި މައިންނަށް ހުރި ފުރިހަމަ ނަމޫނާ އެކެވެ. ދިމާވި ގިނަ ގޮންޖެހުން ހުރަސްކޮށް އޭނާ ޕައިލެޓް ޓްރޭނިން ފުރިހަމަ ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. މިވަގުތު އޭނާދަނީ ކޯހުގައި ފުރިހަމަ ކުރަން ހުރި ބައެއް "ޗެކް ރައިޑްސް" ފިލިޕީންސްގައި ހުރެ ފުރިހަމަ ކުރަމުންނެވެ. އޭނާގެ އުންމީދަކީ ވަޒީފާ އަދާކުރަމުން ދަރިފުޅާއި އާއިލާއާއެކު ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމެވެ.