މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް، އޭނާގެ ކުރީގެ އަންހެނުން ސޯފީ ޓާނާއާ ވަކިވިތާ ދެ އަހަރެއްހާ ދުވަސް ފަހުން، އާ ލޯބިވެރިޔަކު ހޯދައިފިކަން ރަސްމީކޮށް ހާމަކޮށްފި އެވެ.

އެގޮތުންމޮޑެލްއެއް ކަމަށްވާ ޓަޓިއާނާ ގަބްރިއެލާއާ ޖޯ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކުން މިވަނީ ޔަގީންވެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މި ދެމީހުންގެ ގުޅުމާ ބެހޭގޮތުން ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް އައީ، ދާދިފަހުން އެމީހުން އެކުގައި ހޭދަކުރި ރޮމެންޓިކް ޗުއްޓީގެ ފޮޓޯތަކެއް އެ ޕޯސްޓުގައި ހިމެނުމުންނެވެ.

ޖޯ ޖޯނަސްގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ދެމީހުން ވަނީ ގުދުރަތީ ރީތި މާހައުލެއްގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކޮށްފަ އެވެ. ފޮޓޯތަކުގައި ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭ މަންޒަރުތަކާއި، އަތުގައި ހިފައިގެން ހިނގާފައިދާ މަންޒަރުތައް ފެނެ އެވެ.

މިއީ ސޯފީ ޓާނާއާ ވަކިވުމަށްފަހު، ޖޯ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާގައި އާ ލޯބިވެރިޔަކާއެކު ފޮޓޯ ހިއްސާކުރި ފުރަތަމަ ފަހަރެވެ.

ޖޯއާއި 'ގޭމް އޮފް ތްރޯންސް'ގެ ތަރި ސޯފީ ޓާނާ ވަކިވާން ނިންމީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ހަތަރު އަހަރުގެ ކައިވެންޏަށްފަހު އެމީހުން ވަކިވިއިރު، އެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. މި ވަކިވުމަކީ އެ ދުވަސްވަރު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނު، އަދި ކުދިންގެ ބެލެނިވެރިކަމާ ގުޅޭގޮތުން ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ.

ޖޯގެ އާ ގުޅުމާ ބެހޭގޮތުން އޭނާގެ ފޭނުން އަންނަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ. ބައެއް މީހުން ޖޯގެ އާ ދިރިއުޅުމަށް ތަހުނިޔާ ކިޔަމުންދާއިރު، އަނެއް ބަޔަކު އަދިވެސް ތިބީ އޭނާ ސޯފީއާ ވަކިވުމުން އެކަމުގެ ހިތާމައިގަ އެވެ.