އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް އަމާޒުކޮށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް، ކުރިން ކަނޑައެޅިފައިވާ އަމާޒުތަކަށް ވަގުތުން ހަމަލާދީ ރައްދު ދޭނެ ކަމަށް ބުނެ، އެގައުމުގެ އަސްކަރީ އޮޕަރޭޝަންތައް ވިލަރެސްކުރާ އެންމެ މަތީ މަރުކަޒުން އެމެރިކާއާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކަށް އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފި އެވެ.

އީރާނުގެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ހަރަކާތްތައް ވިލަރެސްކުރާ ހާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒް އިން މި އިންޒާރު ދީފައިވަނީ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގަ އެވެ.

އެ މަރުކަޒުގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ ވިދާޅުވި ގޮތުގައި، އީރާނުގެ ގާބިލު އަދި ވަރުގަދަ ލަޝްކަރުތައް އޮތީ މާކުރިން ފެށިގެން ފުރިހަމަ ތައްޔާރީ ހާލަތެއްގަ އެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް އެއްވެސް ކަހަލަ ހަމަލާއެއް ނުވަތަ ފިޔަވަޅެއް އަޅައިފިނަމަ، ފުރިހަމަ ބާރާއެކު ކަނޑައެޅިފައިވާ އަމާޒުތަކަށް ވަގުތުން ހަމަލާދޭނެ ކަމަށެވެ. އަދި އަނިޔާވެރި އެމެރިކާއާއި ކުޑަކުދިން މަރަމުންދާ ޒަޔަނިސްޓު އިޒްރޭލަށް، ކުރިއަށްވުރެ މާ ހިތްދަތި ފިލާވަޅެއް މިފަހަރު ދަސްކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސާއި އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކާ ގުޅިގެން ކަމަށް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނަށް ދެ ހަފުތާގެ މެދުކެނޑުމެއް ގެންނަކަން އިއުލާނު ކުރައްވާފަ އެވެ. މި ނިންމުން އައިސްފައިވަނީ އީރާނުގެ އަސްކަރިއްޔާއިން، ސަރަހައްދުގައި ހުރި އެމެރިކާއާއި އިޒްރޭލުގެ މުހިންމު އަދި ނާޒުކު ގިނަ އަމާޒުތަކަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، އެމެރިކާގެ ހަރުކަށި އަދި ބުއްދިއަށް ގަބޫލުނުކުރެވޭ ހުށަހެޅުންތަކާއި އަމަލުތަކުގެ ސަބަބުން އެދެވޭ ނަތީޖާއަކާ ހަމައަށް ދެވިފައެއް ނުވެއެވެ. އިތުރު މަޝްވަރާތަކަށް ފުރުސަތު އޮތް ނަމަވެސް، އީރާނުން ބުނެފައިވަނީ އެގައުމުގެ ބަނދަރުތަކާއި އުޅަނދުފަހަރާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް މަޝްވަރާގެ މޭޒަށް އެނބުރި ނުދާނެ ކަމަށެވެ.

ހޯމަ ދުވަހު ޓްރަމްޕް ވަނީ، މަޝްވަރާގެ ތެރެއިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނާ ދެކޮޅަށް "ވަރުގަދަ އަސްކަރީ ބާރެއް" ބޭނުންކޮށް، ގިނަ އަދަދެއްގެ ބޮން އަޅަން ފަށާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަމަވެސް، އީރާނުން އެގައުމުގެ ނިންމުން ބަދަލުނުކޮށް ސާބިތުކަމާއެކު ދެމިއޮތުމުން، އަންގާރަ ދުވަހު ޓްރަމްޕް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރުކުރިކަން އިއުލާނު ކުރައްވާފަ އެވެ.