އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޖޯން ޓާނަސް އައްޔަންކޮށްފިކަން އެ ކުންފުނިން އިއްޔެ ހާމަކޮށްފި އެވެ. މި ބަދަލާއެކު، މިހާރު އެ މަގާމުގައި ހުންނެވި ޓިމް ކުކް، އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާ ހަވާލުވާނެ އެވެ.
މިހާރު އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ޓާނަސް ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމާއެކު، އޭނާ އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑާ ވެސް ގުޅޭނެ އެވެ. އަދި އެޕަލްގެ ނޮން- އެގްޒެކެޓިވް ޗެއާމަން އާތާ ލެވިންސަން، އެ ވަގުތުން ފެށިގެން އެ ކުންފުނީގެ ލީޑް އިންޑިޕެންޑެންޓް ޑައިރެކްޓަރުގެ މަގާމަށް ބަދަލުވާނެ އެވެ.
އެޕަލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އާ ސީއީއޯއަށް މަސްއޫލިއްޔަތުތައް ހަވާލުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި ހޫނު މޫސުމުގެ ނިޔަލަށް ކުކް ސީއީއޯގެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. މި ބަދަލު ގެނައުމަށް އެޕަލްގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
މިއީ 2011 ވަނަ އަހަރު ސްޓީވް ޖޮބްސްގެ ފަހުން އެޕަލްގެ ސީއީއޯގެ މަގާމަށް ބަދަލެއް އަންނަ ފުރަތަމަ ފަހަރެވެ. އުމުރުން 65 އަހަރުގެ ކުކްގެ ބަދަލުގައި މަގާމާ ހަވާލުވާ 50 އަހަރުގެ ޓާނަސް ވެގެންދާނީ އެޕަލްގެ ތާރީހުގައި އެ މަގާމު ފުރާ 8 ވަނަ ސީއީއޯ އަށެވެ.
މީގެ އިތުރުން، ޖޯނީ ސްރޫޖީ އެޕަލްގެ ޗީފް ހާޑްވެއާ އޮފިސަރުގެ މަގާމަށް އައްޔަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ކުރިން ހާޑްވެއާ ޓެކްނޮލޮޖީސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ސްރޫޖީ، ދެން ހާޑްވެއާ އިންޖިނިއަރިންގެ މަސައްކަތްތައް ވެސް އިސްކޮށް ބަލަހައްޓާނެ ކަމަށް އެޕަލްއިން ބުންޏެވެ.
ޓިމް ކުކްގެ ދައުރުގައި އެޕަލްގެ ބާޒާރުގެ އަގު (މާކެޓް ކެޕް) 20 ގުނައަށް ވުރެ ބޮޑުވެ، މިދިޔަ ހޯމަ ދުވަހު ވަނީ 4 ޓްރިލިއަން ޑޮލަރަށް އަރާފަ އެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު މުސާރަޔާއި ހިއްސާގެ ގޮތުގައި ޖުމްލަ 74.6 މިލިއަން ޑޮލަރު އޭނާ ހޯދާފައިވެ އެވެ. ފޯބްސް މެގަޒިންއިން އަންދާޒާކުރާ ގޮތުގައި ކުކްގެ މިލްކިއްޔާތު 3 ބިލިއަން ޑޮލަރާ ގާތްކުރެ އެވެ.
ނަމަވެސް، ކުކް ސީއީއޯގެ މަގާމުން ވަކިވެވަޑައިގަންނަވާއިރު، އެޕަލްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ތެރޭގައި މުދާ އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމު (ސަޕްލައި ޗެއިން) އޮޅުންބޮޅުންވުމާއި، ބައިނަލްއަގުވާމީ ސިޔާސީ ނުތަނަވަސްކަމާއި، ޓްރަމްޕްގެ ސަރުކާރުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ހިމެނެ އެވެ.
ޓާނަސްއަކީ އެޕަލްގެ ހާޑްވެއާގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެކެވެ. ޕެންސިލްވޭނިއާ ޔުނިވާސިޓީން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދަސްވެނިވިތާ އެންމެ ހަތަރު އަހަރު ތެރޭގައި އޭނާ އެޕަލްއާ ގުޅުނެވެ. އޭނާ ވަނީ އައިފޯން، އައިޕެޑް، މެކް، އެޕަލް ވޮޗް، އެއާޕޮޑްސް އަދި ވިޝަން ޕްރޯގެ ހާޑްވެއާ އިންޖިނިއަރިން ޓީމުތައް ބަލަހައްޓަވާފަ އެވެ.
ކުކްގެ 15 އަހަރުގެ ދައުރުގައި އެޕަލް އިން ވަނީ ވެއަރަބަލް ޓެކްނޮލޮޖީ ނުވަތަ ހަށިގަނޑުގައި އަޅައިގެން ބޭނުންކުރާ އާލާތްތަކުގެ ދާއިރާއަށް ވަދެ، އެޕަލް ވޮޗް އާއި އެއާޕޮޑް ފަދަ އުފެއްދުންތަކުން ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ކުކްގެ ދައުރުގައި ކުންފުނީގެ އާމްދަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެ، މިދިޔަ މާލީ އަހަރު 400 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެ އެވެ. 1998 ވަނަ އަހަރު އޭނާ އެޕަލްއާ ގުޅުނުއިރު، އެ ކުންފުނި އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ. ނަމަވެސް އޭނާ ވަނީ ކުންފުނީގެ އުފެއްދުންތެރިކަމުގެ ނިޒާމު މުޅިން ބަދަލުކޮށްލާފަ އެވެ.
އާ ސީއީއޯ ޓާނަސްއަށް ކުރިމަތިވާނެ އެންމެ ބޮޑު މަސައްކަތަކީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ އިތުރަށް ކުރިއެރުވުމެވެ. މި ދާއިރާއިން އެޕަލް މިހާރު އޮތީ އެހެން ބޮޑެތި ޓެކް ކުންފުނިތަކަށް ވުރެ ފަހަތުގަ އެވެ. އެޕަލް އިން ވަނީ ގޫގުލްގެ ޖެމިނައި އޭއައި މޮޑެލް ބޭނުންކޮށްގެން ސިރީގެ އާ ފެންވަރުގެ ވާޝަނެއް މިއަހަރު ނެރޭނެ ކަމަށް ބުނެފަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ކުކް ވަނީ އެޕަލްގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި، ސިޔާސީ މައިދާނުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. ހާއްސަކޮށް އިންޓަނެޓް ޕްރައިވެސީ ހިމާޔަތް ކުރުމަށް އޭނާ ބޮޑު އިސްކަމެއް ދެއްވި އެވެ.
ވެޑްބުޝް ސެކިއުރިޓީޒްގެ އެނަލިސްޓް ޑެން އައިވްސް ވިދާޅުވި ގޮތުގައި، ކުކް މިހާ އަވަހަށް މަގާމުން ވަކިވުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ އޭނާ އަދި މަދުވެގެން އަހަރެއްހާ ދުވަހު މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ނަމަވެސް، މިދިޔަ މަހު "ގުޑް މޯނިން އެމެރިކާ" ޝޯގައި ކުކް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
"އަހަރެން ކުރާ މަސައްކަތް ދެކެ އިންތިހާއަށް ލޯބިވަން. މީގެ 28 އަހަރު ކުރިން އެޕަލްއާ ގުޅުނު ފަހުން ކޮންމެ ދުވަހަކީ ވެސް އަހަންނަށް އުފާވެރި ދުވަހެއް،" އޭނާ އޭރު ވިދާޅުވި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމުން އަމްޖަދު އިސްތިއުފާދެއްވައިފި
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
ކޯޗެއްލާގެ ހުށައެޅުމާއެކު ލިސާއަށް ފާޑު ކިޔަނީ!