ލޭގެ ޕްރެޝަރު މަތިވުމަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ދުނިޔެ ދޫކުރާ އެއް ސަބަބެވެ. ގިނަ ފަހަރަށް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދު ކުރުމަށެވެ.

ނަމަވެސް، 25 އަހަރުގެ ތަޖުރިބާހުރި ހިތުގެ ސާޖަނެއް ކަމަށްވާ ޑރ. ޖެރެމީ ލަންޑަން ބުނާގޮތުގައި، ލޮނަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ ހަކުރެވެ.

ހަކުރާއި ލޭގެ ޕްރެޝަރާ ހުރި ގުޅުން

ޑރ. ޖެރެމީ ހާމަކުރި ގޮތުގައި، ގިނަ އަދަދަކަށް ހަކުރު ނުވަތަ "ރިފައިންޑް ކާބޯހައިޑްރޭޓްސް" ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެ، އިންސިއުލިން އުފައްދާ މިންވަރު އިތުރުވެ އެވެ. މިކަން މިގޮތަށް ތަކުރާރުވާނަމަ ހަށިގަނޑުގެ ސެލްތަކުން އިންސިއުލިންއަށް އިޖާބަދިނުން ހުއްޓާލަ އެވެ. މިއީ "އިންސިއުލިން ރެސިސްޓެންސް" އެވެ.

އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ކިޑްނީއަށް އަންނަ ބަދަލުތަކަކީ ލޭގެ ޕްރެޝަރަށް ސީދާ އަސަރުކުރާ ކަމެކެވެ:

ފެނާއި ލޮނު ހިފެހެއްޓުން: އިންސިއުލިން މަތިވުމުން ކިޑްނީއަށް އަންގަނީ ހަށިގަނޑުގައި އިތުރަށް ފެނާއި ސޯޑިއަމް (ލޮނު) ހިފެހެއްޓުމަށެވެ. މީގެ ސަބަބުން ލޭގެ ވޮލިއުމް އިތުރުވެ، ނަތީޖާއެއްގެ ގޮތުން ޕްރެޝަރު މަތިވެ އެވެ.

ލޭ ހޮޅިތައް ހިމަވުން: އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާއެއް ކަމަށްވާ "ނައިޓްރިކް އޮކްސައިޑް" އުފައްދާ މިންވަރު ދަށްވެ އެވެ. މީގެ ސަބަބުން ލޭހޮޅިތައް ބާރުވެ، ހިމަވެ އެވެ.

ސްޓްރެސް ހޯމޯން އިތުރުވުން: ހަކުރު ގިނަވުމަކީ ހަށިގަނޑުގެ ނާވަސް ސިސްޓަމް ހީވާގިކޮށް، ހިތުގެ ވިންދު އަވަސްކުރުވާ ކަމެކެވެ. މިއީވެސް ލޭގެ ޕްރެޝަރު މަތިކުރުވާ ސަބަބެކެވެ.

ޑޮކްޓަރުގެ އިރުޝާދު

ޑރ. ޖެރެމީ ވިދާޅުވާ ގޮތުގައި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަކީ ހަމައެކަނި ލޮނު މަދު ކުރުމެއް ނޫނެވެ. މިއީ މުޅި މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުގެ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ލޭގެ ޕްރެޝަރު ދަށްކުރަން ބޭނުންނަމަ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ބަރުދަން ލުއިކުރުމަށާއި، ގަވާއިދުން ކަސްރަތު ކުރުމަށް އޭނާ އިރުޝާދު ދެއްވަ އެވެ.

"މިއީ ހަމައެކަނި ލޮނެއް ނޫން، މިއީ ހަކުރާއި، އިންސިއުލިން އާއި، އަދި ތިޔަބޭފުޅުންގެ މެޓަބޮލިޒަމް،" އޭނާ ވިދާޅުވި އެވެ.