ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ވާނީ ޑޮލަރު ވިއްކާފައި ކަމަށް އެ ބޭންކުން ބުންޏެވެ.

"މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދެވިފައެއް ނެތެވެ. އެހެން ނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވެ އެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެ އެވެ.

މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މި ހައްސާސް މުއްދަތުގައި ވެސް ބޭންކުން އަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށް ވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މިގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި މިބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާ އިރު، މި ހިނގާ އެޕްރީލް މަހު އެކަނި ވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށް ދީފައިވާނެ އެވެ. އަދި އިއްޔެ އެކަނި ވެސް 327 ޓީޓީ އަށް 9 ލައްކައަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ކަސްޓަމަރުންނާ ބެހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ސައްހަ މައުލޫމާތުތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއް ނެތި މިފަދަ މައުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާމެދު ވަރަށް ހިތާމަކުރާ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.