އަހަރެންގެ ލޮބުވެތި މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔުމުން އަހަންނަށް ލިބުނު ދޮންމަންމައަކީ ހަމަ ގައިމު އެމީހެއްގެ ލެއިން އަހަރެން އުފެދުނު އަސްލު ކަމުގައިވާ އަހަރެންގެ ބައްޕައަށްވުރެ އެތައް ގުނައެއް އަހަންނަށް ހެޔޮ މީހެއްކަން ކަށަވަރެވެ. ﷲ އީ ހުރިހާ ކަމެއް ދެކެ ދެނެ ވޮޑިގެންވާ ފަރާތެވެ. މިއަދު މި، އަޅާލުން ކުޑަ އަމުދުން އަހަރެންގެ ހެވާ ލާބައަށް އެއްވެސް ކަމެއް ކޮށްނުދިން ބައްޕަގެ ކުރިމަތީ އަހަރެންގެ ދިފާޢުގައި އެ ތެދުވީ އަހަރެންގެ ދޮންމަންމައެވެ.

ބައްޕަ މިކަންތައް ކުރި ގޮތުން ގޭތެރޭގެ ހަމަ ޖެހުން މުޅިން ގެއްލިގެން ދިޔައެވެ. އެހެންކަމުން މި މާޙައުލާ ދުރަށް މާދުރަށް އަނެއްކާ ވެސް ފުރައިގެން ދާން އަހަރެންގެ ކަތިލެވިފައިވާ ހިތް އެދި ގޮވަން ފެށިއެވެ. ރައްޔާންގެ ޚަބަރެއް ނުވުމާ މީހަކާ އިނުމަށް ބައްޕަ އެޅި ބާރުގެ ސަބަބުން މިހިނގި ހަމަ ނުޖެހުމާ، މިހުރިހާ ކަމަކާ ދޭތެރޭ ވިސްނާ ވިސްނާ އަހަރެން މޮޔަވާވަރު ވެއްޖެއެވެ. އެހެންކަމުން އަހަރެން ނިންމީވީ އެންމެ އަވަހަކަށް މާލެއިން ބޭރު ވެވޭނެ މަގެއް ފެނޭތޯއެވެ.

އަނެއްކޮޅުން ރައްޔާންއާ އެންމެ އަވަހަށް ދެން ދިމާވާނީ ވެސް ކުރިން އަހަރެން މަސައްކަތްކުރި ރަށުން ކަމަށް ވާތީ ޓިކެޓެއް ލިބުމުން ދެ ދުވަސް ފަހުން އެ ރަށަށް ދާން ހުރިހާކަމެއް ހަމަޖެއްސީމެވެ. ގައިމު ސްކޫލް ހުޅުވުމުގެ އެއް ހަފުތާ ކުރިން ރައްޔާން ވެސް އެރަށަށް ދާނެތާއެވެ.

އެ ދިމާވާ ފަހަރަކުން ރައްޔާން އަހަންނަށް މިހެން މި ހަދަނީ ކީއްވެތޯ އަހަރެން ސުވާލު ކުރާނަމެވެ. އަހަރެންގެ ކުށަކީ ކޮބައިތޯ އަހާނަމެވެ. އަހަރެންގެ މައުސޫމު ހިތަށް މިވަރުގެ އަނިޔާއެއް މިދެނީ ކޮން ސަބަބަކާ ހެދިތޯ ވެސް އަހާނެމެވެ. އަހަރެން ދެކެ ލޯބި ނުވާއިރު ލޯބީގެ ނަމުގައި، އެކެހިވެރި މަޅީގައި އަހަރެން ޖެއްސީ އަހަރެން މި ވޭނުގައި ތެޅި ފޮޅެން މަޖުބޫރު ކުރަންތޯ ވެސް އަހާނަމެވެ.

ފްލައިޓްގައި އަހަންނާ ޖެހިގެން ހުރި ސީޓްގައި އިނީ އަހަރެން މަސައްކަތް ކުރާ ސްކޫލްގެ ޕްރިންސިޕަލެވެ. ޕްރިންސިޕަލާ ދިމާވުމުން އަހަރެން އިނީ އުފާވެފައެވެ. އެހެންނަމަވެސް ޕްރިންސޕަލް ކޮށްފާނެ ސުވާލަކަށް ވެސް އަހަރެން ވިސްނަން ޖެހުނެވެ.

އެކި ކަހަލަ މައުޟޫއުތަކަށް އަހަރެމެން ވާހަކަ ދެއްކީމެވެ. މާލެދިޔައީ ކީއްކުރަންތޯއާ ޗުއްޓީގައި އިތުރު ދުވަސް އޮތްވާ ރަށަށް އަންނަނީ ކީއްވެގެންތޯ ވެސް ސުވާލުކުރެއްވިއެވެ. އަހަންނާ ދޭތެރޭ ރައްޔާން ކަންތައް ކުރި ގޮތުގެ އެއްވެސް ވާހަކައެއް އަހަރެން ނުބުނަމެވެ. އަދި ގޭތެރޭގައި ބައްޕަ ކުރުވަން އުޅުނު މަޖުބޫރު ކައިވެނީގެ ވާހަކައެއް ވެސް ނުބުނަމެވެ. އަހަރެން ބުނީ މާލެއަކީ ފޫހިތަނެއް ކަމަށާ އަތޮޅުތެރޭގެ މީހުން މާ ރަނގަޅު ކަމަށެވެ.

ވާހަކަ އިރުކޮޅަކަށް މެދުކެނޑިގެން ދިއުމަށްފަހު ޕްރިންސިޕަލް ސުވާލުކުރެއްވީ ރައްޔާންއާ ބެހޭ ގޮތުންނެވެ. ރައްޔާންގެ މަންމަ ބަލިވެގެން ގޮވައިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ހިނގައްޖެ ވާހަކަ އަހަރެން ބުނީމެވެ. އިތުރު ވާހަކައެއް ނުބުނެވުނީ ޕްރިންސިޕަލް ލޯ ބޮޑުކުރައްވާ އަހަންނާދިމާއަށް ބައްލަވަން އިންނެވި ގޮތުންނެވެ. ހީވީ ނުބުނަންވާ ވާހަކައެއް ނުބައި ދަނޑިވަޅެއްގައި އަހަންނަށް ބުނެވިގެން އުޅޭހެންނެވެ. އެވަގުތު އަހަރެން ވަރަށް ޖެހިލުންވެ ލަދު ވެސް ގަތެވެ. އެހެން ނަމަވެސް ޕްރިންސިޕަލް އިތުރު ވަކި އެއްޗެއް ދެން އެކަމާ ބެހޭ ގޮތަކުން ނުބުނުއްވައެވެ. ދެން ވާހަކަ ދެކެވުނީ މި ޒަމާނުގެ ތަޢުލީމީ މަންހަޖާ ބެހޭ ގޮތުންނެވެ.

ރަށަށް އައި ދުވަހު މެންދުރެއްހާ އިރު ޕްރިންސިޕަލް ގުޅުއްވާފައި ސްކޫލަށް އާދެވިދާނެތޯ އެއްސެވުމުން އެ ބުނި ގަޑިއާ ކައިރިކޮށް ސްކޫލަށް ހިނގައްޖައީމެވެ. ސްކޫލުން މުޅިން ވެސް ދިމާވީ އޮފީސް ސްޓާފުންނާއެވެ. ޗުއްޓީތެރެ ވީމާ ސްކޫލަށް ވަން ހަމަ އެކަނި ޓީޗަރަކީ އަހަރެން ކަމަށް ވެދާނެއެވެ. ސްޓާފުންނަށް ހީނލުމަކުން ސަލާމް ކުރަމުން އަހަރެން ގޮސްވަނީ ޕްރިންސިޕަލް ރޫމަށެވެ.

ޕްރިންސިޕަލްގެ އާދައިގެމަތިން ހާލުއަހުވާލު އެއްސެވުމަށްފަހު ބުނުއްވީ ވާހަކަ ދިގުކުރަން ބޭނުން ނުވާކަމަށާ ސީދާ ޕޮއިންޓަށް ދާން ބޭނުން ކަމަށެވެ. އެއަށްފަހު ކުރެއްވި ސުވާލުން އަހަރެންގެ ދެލޯ ބޮޑުވެ ނޭވާލަން އުދަނގޫވިއެވެ. ކަރުތެރެ ބެދި ހާސްވާން ފެށިއެވެ. ދުނިޔެ އެނބުރޭހެން ވެސް ހީވާންފެށިއެވެ.

''ޝިބާއަށް އެނގޭތަ ރައްޔާންގެ އަނތްބަކާ ދެ ކުދިން ތިބޭކަން!''

ގަބުވެފައި އިރުކޮޅަކު އިނުމަށްފަހު ކަރުނަވީ ދެލޮލުން ޕްރިންސިޕަލަށް ބަލާލުމަށްފަހު ނޫނެކޭ ބުނާގޮތަށް ބޮލުން އިޝާރާތް ކުރީމެވެ.

''ރައްޔާން އާ ބެހޭ ގޮތުން ހުރިހާ އެއްޗެއް ވެސް އެނގެއޭ ޝިބާ ބުނި ދުވަހު ވެސް އަހަންނަށް ޝައްކުވި! އެހެން ނަމަވެސް ޝިބާ ރައްޔާންއަށް ކުރާ އިތުބާރަކުން އިތުރަށް އެވާހަކަ އަހަރެން ނުދެއްކީ މަސްލަހަތަށްޓަކައި! ތި ދެމީހުންނަކީ ވެސް މިތާގެ ޓީޗަރުންވީމަ، ތި ގުޅުމުގެ ތެރެއަށް ނުވަންނަން އަހަރެން ނިންމީ! އެކަމަކު މިހާރު ހިތަށް އެބައަރާ އެދުވަހު ޝިބާ އެހެން ބުނީމަ ވެސް އިތުރަށް އަހާ އޮޅުން ފިލުވުނުނަމައޭ! ''

މިހިސާބަށް ޕްރިންސިޕަލްގެ ވާހަކަ ގެންދެވުނުއިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ގިސްލެވިދާނެތީ އަހަރެން އިނީ ތުންފަތުގައި ދަތް އަޅައިގެނެވެ. އަހަންނަށް ވަގުތުކޮޅެއް ދިނުމަށްފަހު ޕްރިންސިޕަލް ސްކޫލް ފޯނުން ނަމްބަރަކަށް ޖެހުމަށް ފަހު ސްޕީކަރަށް ލިއެވެ. ދެތިން ރިންގާއެކު އެކޮޅުން އަންހެނަކު ފޯނުނެގުމުން ވާހަކަ ދައްކަނީ ކާކުތޯއާ މިއީ ރައްޔާން މަސައްކަތް ކުރާ ސްކޫލްގެ ޕްރިންސިޕަލް ކަމަށްބުނެ ޕްރިންސިޕަލް ތަޢާރަފްވެ ލެއްވިއެވެ. އެކޮޅުން އެ ދިން ޖަވާބުން އަނެއްކާވެސް އަހަރެންގެ ކަރުބުޑުގައި ހިތިރަހަލީކަމުގެ އިހުސާސް ކުރެވުނެވެ. އަރުތެރެ ހަމަ މުޅިން ހިކިއްޖެއެވެ.

''އެހެންތޯ! މިއީ ރައްޔާންގެ މަންމަ! ''

އެ މީހަކު ޖަވާބުދީ ނިމުމުން ޕްރިންސިޕަލް ސުވާލުކުރެއްވީ ރައްޔާންއާ ބެހޭގޮތުންނެވެ. އެމީހާ ޖަވާބު ދިނީ ރައްޔާން އަންހެނުންނާ ކުދިން ގޮވައިގެން ޗުއްޓީއަށް ލަންކާއަށް ދިޔަ ވާހަކައާ އަންނައަހަރު ވަޒީފާއަށް ދާނީ މާލޭގެ ސްކޫލަކަށް ކަމަށް ރައްޔާން ބުނެފައިވާ ވާހަކައެވެ. އިތުރަށް އެދެމީހުން ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް ނީވެއެވެ. ނޫނެކެވެ. އިވުނެވެ. އެހެން ނަމަވެސް ފަހުމެއް ނުވިއެވެ. އެއަށްވުރެ އަހަރެންގެ ހާލު މާދަށެވެ. ކުށެއްނެތް އަހަރެންގެ މި މައުސޫމު ހިތަށް ކުރަމުންދިޔަ އަސަރާ ލިބެމުންދިޔަ އަނިޔާ މާ ބޮޑެވެ. އަހަރެންގެ ހިތުގެ ހިނގުން ހުއްޓި ވާނުވާ ނޭނގުނު ވަގުތުކޮޅެއް ދިޔަހެން ވެސް ހީވިއެވެ. އަހަރެންގެ ހިތް ކަތިލެވި އެތި ކޮޅުތަކަށް ބައިބައިވެގެން ދިޔަ ކަހަލައެވެ. މޫނުގައި ދެއަތް އެޅި އަޑުން އަޑުނަގައި ރުއީމެވެ. ދިލަ އަރަމުންދިޔަ އަހަރެންގެ ހިތެކޭ ހޫނު މޫސުމެއްގައި ސަހަރާ ތެރެއަށް އެއްލާލެވިފައިވާ ރޯފަތެކޭ ތަފާތެއް ނެތެވެ. މިލާ މޯޅިވެ ފެން ހުސްވެގެން ދިޔަ ފަދައެވެ.

އެ ގޮތުގައި އިނދެވުނު ތަން ވެސް ރޭކާނުލާ ހާލު ގިސްލަ ގިސްލާ އިންދާ އަހަރެންގެ ކޮނޑުގައި މީހަކު ހިފާލުމުން ހަމަ ހެއަށް ރުޖޫއަވުމަށް މަޖުބޫރު ވެއްޖެއެވެ. ޕްރިންސިޕަލް ދެތިން ޓިޝޫ އަހަރެންގެ މުށުތެރެއަށް ލައި ދެއްވިއެވެ. އިސްއުފުލާލާ، ރަތްވެ ދުޅަވެފައިވާ ދެލޮލުން އަހަރެން ބަލާލުމުން މޫނުގެ އިޝާރާތުން ނުރޯށޭ ބުނުއްވާފައި ޕްރިންސިޕަލް ރޫމުން ބޭރަށް ވަޑައިގަތީއެވެ.

ރަނގަޅު އިންސާނަކަށްވުމަށް އަހަރެން މިކުރާ މަސައްކަތާއެކު ވެސް އަހަރެން މިހާ ބަދުނަސީބު މީހަކަށްވީ ކޮންސަބަބަކާ ހެދިތޯ އެތައް ހާސްފަހަރު ދުނިޔެއާ ސުވާލުކުރެވުނެވެ. ލޯތްބާ ކުލުނާ އަޅާލުމާ މިއީ އަހަރެންގެ ނަސީބުގައި ލައްވާފައި ނުވާ ކަންތައްތަކަކީ ހެއްޔެވެ! އަހަރެން މިދުނިޔެއަށް ފޮނުއްވީ އެހެން މީހުންނަށްޓަކައި ހެއްޔެވެ! އުފަލާ ހިތްހަމަޖެހުން ލިބެންވީ އަހަރެންގެ ފަރާތުން އެހެން މީހުންނަށް ހެއްޔެވެ! ވީއިރު އަހަންނަށް ލިބެންޖެހޭ މި ކަންތައްތައް އަހަންނަށް ލިބުން ނެތީހެއްޔެވެ!

މައެއްގެ ލޯބިން އަހަރެން މަހުރޫމުވީ އުމުރުން އެހާ ތުއްތުއިރުއެވެ. ބައްޕައެއްގެ ލޯބި އަމުދުން ނުލިބި އޮއްވާ ދިރިއުޅުމާ ދޭތެރޭ ދެކެމުން އައި ރީތި ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެ މީހަކީ ރައްޔާން ކަމަށް ނިންމައިގެން ހުއްޓާ މި ލިބުނީ ހާދަބޮޑު ކެއްސެކެވެ. ލޯބިވެރިއެއްގެ ފަރާތުން މީހަކަށް ލިބޭނެ ހުރިހާ ހިތްދަތިކަމެއް ރައްޔާން އަހަންނަށް ދީފިއެވެ. ރައްޔާން މިވީ ކޮންކަހަލަ މީހަކަށް ހެއްޔެވެ! ބޭވަފާތެރިއެކެވެ. ކެހިވެރިއެކެވެ. ދޮގުވެރިއެކެވެ. މަކަރުވެރިއެކެވެ. އަނިޔާވެރިއެކެވެ. އެރޭ ރައްޔާން އަހަރެންގެ ފަރާތުން ހޯދަން ބޭނުންވި އުފާ ރައްޔާން ދެކެވާ ލޯބިން ރައްޔާންއަށް ހަދިޔާކޮށް ނުދެވުނީތީ މިއަދު އަހަރެން ފަޚުރުވެރިވަމެވެ. ރައްޔާންއަށް އަހަރެންގެ އެކައުންޓުން ފައިސާ ޖަމާކޮށްދެވުނީތީ އެއްވެސް ދެރައެއް ނުވެއެވެ. އެކަމަކު ރައްޔާންގެ ކެހިވެރިމަޅީގައި އަހަރެން ޖެހުނީތީ އަހަރެންގެ އަމިއްލަ ނަފުސު ދެކެ ލަދުވެތި ވެވުނެވެ.

ރައްޔާންގެ ހުރި ކެހިވެރިކަން އެނގުނު ދުވަހު އަހަރެން މުޅިދުނިޔެއާ ޝަކުވާކުރީމެވެ. ދުނިޔޭގެ ހުރިހާ އުފަލަކަށް ނަފުރަތުކުރީމެވެ. ކޮންމެ ފިރިހެނަކީ ރައްޔާން ކަހަލަ މީހަކަށް ވާނެކަމަށް ޔަގީންކުރީމެވެ. އެހެންކަމުން ހުރިހާ ފިރިހެނުންނަށް ބެލެން ފެށުނީ ފޫހިވެތި ބެލުމަކުންނެވެ. ނަފުރަތުގެ ނަޒަރަކުންނެވެ.

ސިކުނޑި ސުމަކަށް ދާވަރުގެ އެތައް ކަމަކުން ކާހިތްކެނޑި ނުކެވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ވަރަށް ނިކަމެތިވިއެވެ. ފެންވަރާ ރީތިވެލާނެ ހިތްވަރެއް އަމުދުން ނެތެވެ. އެއްވެސް މީހަކާ ވާހަކަދައްކާލާ ބައްދަލުކުރާކަށް ބޭނުމެއް ނުވެއެވެ. ކިރިޔާ ވެސް އުފަލެއް ލިބެނީ ކޮޓަރީގައި އެކަނި އޮވެ މާޒީގެ ތެރެއަށް ފީނައި ލެވުމުންނެވެ. އެހެންއޮވެ ރޯލުމުން ހިތަށް ފިނިކަމެއް ލިބެއެވެ. ޚިޔާލުތަކާ ފިކުރުތަކުން ސިކުނޑިއަށް ބާރު ބޮޑުވުމުން ނިދެއެވެ. އަދި ގައިގާ ވަރު ޖެހިލީމާ ތެދުވެ ނަމާދުކޮށްލުމުން ސިކުނޑިއަށާ ނަފުސަށް ހަމަޖެހުން ލިބެއެވެ.

މިގޮތުގައި މާގިނަ ދުވަހަކު ކޮޓަރީގައި ބަންދުވެގެން އޮވެވޭ ގޮތެއް ނުވިއެވެ. މަރީދައްތަ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީއެވެ. ގިނަ ވަގުތު މަރީދައްތަ ގާތު އެތާ އިންނަން ޖެހުމުން ސިކުނޑިއަށް ލުއިކަން ލިބި ފިކުރުތަކުން ދުރުވެވުނެވެ. މަރީދައްތަގެ އޯގާތެރި ބަސްތަކާ ހިތްވަރުދިނުމުން އަލުން އަހަރެން މި ކެހިވެރި ދުނިޔޭގެ ކުލަތަކަށް ލޯހުޅުވި ހޭނެން ފެށިއެވެ. މަރީ ދައްތަވީ މިހާތަނަށް އަހަންނަށް ލިބުނު އެންމެ އަޅާލާ ރަނގަޅު އެކުވެރިޔާއަށެވެ.

އެރޭ އިރާކޮޅު ވެސް މަރީދައްތަ ގާތު ހޮސްޕިޓަލުގައި އިނީ އަހަންނެވެ. އެ ޢާއިލާއާ އަހަންނާ ދެމެދު މިހާރު އޮންނަނީ ކޮޓަރި ކުއްޔަށް ދޭ ގެއެއްގެ މީހުންނާ ކޮޓަރި ކުއްޔަށް ހިފި މީހާއާ ދެމެދު އޮންނަ ފަދަ ގުޅުމެއް ނޫނެވެ. އެއަށްވުރެ ބަދަހި ގުޅުމެކެވެ. އެކުވެރިކަމާ އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމެކެވެ. އެގޭ ކުދިންނާ އެގެއާ މެދު އަހަންނަށް ބެލެވެނީ އަމިއްލަ ގެ ކަމުގައެވެ. އެހެންކަމުން ޔޫޝައު، މަރީދައްތަ ގާތު ނީންނަ ހުރިހާ ވަގުތަކު މަރީދައްތަ ގާތު އިންނަނީ އަހަންނެވެ. ބުރަ ދިރިއުޅުމަކީ އަހަރެންގެ އުފަލެވެ. ހިތްހަމަ ޖެހުމެވެ. ކުރާނެ ކަމެއް ގޭގައި ނެތިއްޔާ ކުދިންނާއެކު ކުޅެ ސަކަރާތް ޖަހާލުމަކީ ވެސް ކޮޓަރީގައި އޮށޯވެގެން އޮތުމަށް ވުރެ އަހަންނަށް ހިތްހަމަ ޖެހުން ލިބޭ ކަމެކެވެ.

އެރޭ ވެސް މަރީ ދައްތަ ގާތު އިނުމަށް ހޮސްޕިޓަލަށް ޔޫޝައު ދިއުމުން އަހަރެން އައީ ގެއަށެވެ. ޢާންމުކޮށް ޔޫޝައު ހޮސްޕިޓަލަށް ދާނީ ފިހާރަ ބަންދުކުރުމަށްފަހު ގެއަށް އައިސް ކައިގެން ފެންވަރާ ހަދައިގެންނެވެ.

"ޝިބާ ގެއަށް ލައިދޭން އެބަ އާދޭ ޒާކިރު. އޭނަ އައިމަ ގޮސް ނިދާލާ!"

ޔޫޝައުގެ ޢާންމު އޯގާތެރި އަޑުން އަހަރެން ކަންކުރަންވީ ގޮތް ކިޔައިދިނީ މަރީ ދައްތަ ގާތު އިށީންނަމުން ގޮނޑި އެނދާ ކައިރިކޮށްލަމުންނެވެ. އޭރު އަހަރެން ހުރީ ނިކުންނަން ގޮސް ދޮރުމަތީގައެވެ. (ނުނިމޭ)