ޓައިމް މެގަޒިންއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި، ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު ހިމެނިއްޖެ އެވެ.
2026 ވަނަ އަހަރުގެ މި ޝަރަފުވެރި ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއާގެ ފިލްމީ ތަރިއަކީ ރަންބީރު ކަޕޫރުކަން ފާހަގަ ކޮށްލެވެ އެވެ.
މި ލިސްޓު އިޢުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ރަންބީރުގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ މީހުންގެ ތެރެއިން މި ލިސްޓުގައި ހިމެނިފައިވަނީ ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އަދި މަޝްހޫރު ޝެފް ވިކާސް ކަންނާއެވެ.
ޓައިމް މެގަޒިންގައި ރަންބީރު ކަޕޫރާ ބެހޭގޮތުން ލިޔެފައިވަނީ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އައިޝްމަން ކުރާނާ އެވެ. އައިޝްމަން ލިޔެފައިވާ ގޮތުގައި، ރަންބީރަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫނެވެ. އޭނާއަކީ އޭނާގެ މަސައްކަތުން "ލެގަސީއެއް" ބިނާކުރަމުންދާ ފަންނާނެކެވެ.
"އިންޑިއާގެ ސިނަމާގައި އަހަރެމެން ގިނަ ފަހަރަށް ކާމިޔާބީ މިނަނީ ބޮކްސް އޮފީހުގެ ނަންބަރުތަކުންނާއި ފޭނުންގެ ފޯރިންނެވެ. ނަމަވެސް، މަދު ފަހަރަކު ނޫނީ ރަންބީރު ފަދަ އެކްޓަރަކު ފެނިގެން ނުދެ އެވެ. އޭނާއަކީ ބެލުންތެރިންގެ އިހުސާސްތަކާ ކުޅެލަން ދަންނަ، އޭނާގެ ރޯލުތަކުގެ ޒަރީއާއިން އިންޑިއާގެ ސަގާފަތާއި އަސްލު ދައްކައިދޭ ފަންނާނެކެވެ." އައިޝްމަން ލިޔެފައިވެ އެވެ.
ރަންބީރު ކަޕޫރުގެ ނުފޫޒު ގަދަވެފައިވަނީ ހަމައެކަނި އިންޑިއާގައެއް ނޫނެވެ. އޭނާ ކުޅެމުންދާ ފިލްމުތަކާއި، ހާއްސަކޮށް މިހާރު އުފައްދަމުންދާ "ރާމާޔަން" ފިލްމުގައި އޭނާ ކުޅޭ 'ލޯޑް ރާމް' ގެ ރޯލަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.
ޓައިމް މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ރަންބީރަކީ އިންޑިއާގެ ކުރީގެ ވާހަކަތަކާއި ހަގީގީ ސޫރަ ބައިނަލްއަގުވާމީ މައިދާނަށް ގެނެސްދޭ "ވާހަކަ ކިޔައިދޭ" މީހެކެވެ.
ލިސްޓުގައި ހިމެނޭ އެހެން ފާހަގަކޮށްލެވޭ ފަރާތްތައް2026 ވަނަ އަހަރުގެ ޓައިމް 100 ލިސްޓުގައި ރަންބީރުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނަންތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
ޑޮނަލްޑް ޓްރަމްޕް: އެމެރިކާގެ ރައީސް.
ސުންދަރު ޕިޗާއީ: ގޫގުލްގެ ސީއީއޯ.
ވިކާސް ކަންނާ: އިންޑިއާގެ މަޝްހޫރު ޝެފް.
ބެން ސްޓިލާ: މަޝްހޫރު ހޮލީވުޑް އެކްޓަރު.
މި ފަޚުރުވެރި ލިސްޓުގައި ރަންބީރު ހިމެނުމަކީ އިންޑިއާގެ ފިލްމީ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް ކާމިޔާބީ އެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
ތިމާވެށީގެ މިނިސްޓަރުގެ ކުރީގެ ޕޯސްޓުތަކަކާއި ގުޅިގެން ފާޑުކިޔަނީ
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު