ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެކި ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާތާ ހަ ގަޑިއިރުފަހުން ބައެއް ޓަވަރުތަކަށް ވަނީ ކަރަންޓް ލިބިފަ އެވެ.

ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރޭގައި ވިނަރެސްއާއި ހިޔާގެ ބައެއް ޓަވަރުތައް ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މިހާރު ބައެއް ޓަވަރުތަކަށް ވަނީ ކަރަންޓް ދެވިފައި. ބާކީ ހުރި ޓަވަރުތަކަށް ވެސް ކަރަންޓް ދިނުމުގެ މަސައްކަތް ކުރެވެމުން ދަނީ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މައްސަލަ ދިމާވީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުން ކަމަށެވެ. އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

"މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި،" ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު، ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.