މިވަގުތު އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ ރައީސް މުހައްމަދު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުރި ގއ. ގެމަނަފުށީ އަބްދުއް ސަލާމް. އޭނާއަކީ މިހާރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ކުއްލި ގޮތަކަށް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޮވެމްބަރު 28، 2023 ގައި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި މަތީން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް "އެކްސް"ގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މަތީން މިއަދު އިސްތިއުފާ ދެއްވިއިރު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާހިދު މިމަހުގެ 7 ވަނަ ދުވަހު ވަކިކޮށްފައިވެ އެވެ. މިވަގުތު އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ ރައީސް މުހައްމަދު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުރި ގއ. ގެމަނަފުށީ އަބްދުއް ސަލާމް އެވެ. އޭނާއަކީ މިހާރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ގެންދަވަނީ ސިޔާސީ ވަޒީފާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަށް އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގެވުމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މިއަދު ހެނދުނު މިފްކޯގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު ވެސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ އިތުރުން އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.