ލޮލުގެ ސިއްހަތާ، ފެނުން ރައްކާތެރި ކުރުމަށް ދުރާލާ ޓެސްޓުތައް ހެދުމުގެ އާދަ ދިވެހިންގެ ތެރޭގައި ބިނާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެއްވެސް އިންޒާރަކާ ނުލައި ދާއިމީކޮށް ލޯ އަނދިރިވުމަށް މެދުވެރިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމާ އާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ހޭލުންތެރިކަން ވަރަށް ކުޑަ އެވެ.
އާންމުކޮށް "ލޮލުގެ ފެނުން ވަގަށް ނަގާ ހިމޭން ދުޝްމަނު" ގެ ގޮތުގައި ސިފަކުރެވޭ ގްލޮކޯމާއަކީ، ލޮލާއި ސިކުނޑި ގުޅުވައިދޭ މައި ނާރު (އޮޕްޓިކް ނާވް) އަށް ދާއިމީކޮށް އަދި އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދޭ ބަލިތަކެކެވެ. މި ބަލި އާންމުކޮށް މެދުވެރިވަނީ ލޮލުގެ އެތެރޭގެ ޕްރެޝަރު އެއްވެސް ވޭނަކާ ނުލައި މަތިވުމުގެ ސަބަބުންނެވެ. އެއްވެސް އަލާމާތެއް ނުފެނި، ފެނުމަށް ބަދަލެއް އަންނަކަން އިހުސާސްވާ އިރު، ލިބިފައިވާ ގެއްލުމަކީ ދާއިމީ އަދި އިއާދަ ނުކުރެވޭނެ ގެއްލުމަކަށްވެއެވެ.
މިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން ކުޑަވުމަކީ ރާއްޖޭއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އައްޑޫ ސިޓީގައި ކުރެވުނު މުހިއްމު ދިރާސާއަކުން ދެއްކި ގޮތުގައި، އެ ދިރާސާގައި ބައިވެރިވި މީހުންގެ 66.9 އިންސައްތަ މީހުންނަކީ ގްލޮކޯމާއާ ބެހޭ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާ މީހުންނެވެ. ބަލީގެ މައުލޫމާތު އެނގޭ މީހުންގެ ތެރެއިން ވެސް، މި ބަލީގެ ސަބަބުން ދާއިމީކޮށް ލޯ އަނދިރިވާކަން އެނގެނީ އެންމެ 22.6 އިންސައްތަ މީހުންނަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓް އަދި ގްލޮކޯމާ ބަލީގެ ހާއްސަ ޑޮކްޓަރު، ޑރ. އަރްޗަނާ ޝަރުމާ ވިދާޅުވީ ގްލޮކޯމާ ނުވަތަ ލޮލަށް ފެންބޭރުވުމުގެ ސަބަބުން ލޯ އަނދިރިވުމަކީ ކުރިއާލައި ސަމާލުކަން ދީފިނަމަ ރައްކާތެރި ވެވިދާނެ ކަމެކެވެ. ހާއްސަކޮށް އުމުރުން 40 އަހަރުން މަތީގެ މީހުންނާއި، އާއިލާގައި މި ބަލީގެ ތާރީހެއް އޮތް ފަރާތްތަކުން ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމަށް އަޅުގަނޑުމެން ބާރު އަޅަމެވެ. ބަލި ހުރިކަން ކުރިން ދެނެގަނެވި، އެކަށީގެންވާ ފަރުވާ ހޯދުމަކީ ލޮލުގެ ފެނުން ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
އެކަމަނާގެ މެޑިކަލް ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ހާސިލްކުރެއްވީ ނޭޕާލްގެ މަނީޕާލް ކޮލެޖް އޮފް މެޑިކަލް ސައިންސަސް އިންނެވެ. އަދި ލޮލުގެ ބަލިތަކަށް ޚާއްސަވުމަށްޓަކައި އެމްޑީ ފުރިހަމަކުރެއްވީ ނޭޕާލްގެ ބީ.ޕީ ކޮއިރާލާ އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް އިންނެވެ.
ޑރ. އަރްޗަނާ ވަނީ ގްލޮކޯމާ ނުވަތަ ލޮލަށް ފެންޖަމާވާ ބައްޔަށް އިތުރަށް ޚާއްސަވުމަށްޓަކައި، ނޭޕާލްގެ ތިލްގަންގާ އިންސްޓިޓިއުޓާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާ ގުޅިގެން ހިންގި އެއް އަހަރު ދުވަހުގެ އައިސީއޯ ސާކް ފެލޯޝިޕް ފުރިހަމަކުރައްވާފަ އެވެ. މީގެ އިތުރުން، ތިލްގަންގާ އިންސްޓިޓިއުޓްގައި އެއް އަހަރު ދުވަހުގެ ރިސާޗް ފެލޯޝިޕެއް ވެސް އެކަމަނާ ވަނީ ފުރިހަމަކުރައްވާފަ އެވެ.
މި ބަލީގެ ނުރައްކާ އޮތީ ކޮން ބަޔަކަށް؟
ގްލޮކޯމާ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. ނަމަވެސް އަންނަނިވި ފަރާތްތަކަށް މި ބަލީގެ ނުރައްކާ ބޮޑެވެ:
- އުމުރުން 40 އަހަރުން މަތީގެ މީހުން (އުމުރުން ދުވަސްވާ ވަރަކަށް ނުރައްކާ ބޮޑުވޭ).
- އާއިލާގައި ގްލޮކޯމާ ބަލި ހުންނަ މީހުން.
- ހަކުރުބަލި ހުންނަ މީހުން ނުވަތަ ލޮލުގެ ޕްރެޝަރު މަތި މީހުން.
- ގިނަ މުއްދަތަކަށް ވަންދެން "ސްޓިރޮއިޑް" ހިމެނޭ ބޭސް ބޭނުންކޮށްފައިވާ އަދި ކުރަމުންދާ މީހުން
ގްލޮކޯމާއަކީ މުޅިން އެއްކޮށް ރަނގަޅު ކުރެވިދޭ ބައްޔެއް ނުން ކަމުގައި ވިޔަސް، ދުރާލާ ބަލި ދެނެގަނެވިއްޖެނަމަ، ލޮލުގެ ފެނުން ގެއްލުނަ ނުދީ ބަލި ކޮންޓްރޯލް ކުރެވިދާނެ އެވެ. މިއީ މިއަހަރުގެ ގްލޮކޯމާ ހަފުތާގެ ޝިއާރު ކަމަށްވާ "ގްލޮކޯމާ ނެތް ދުނިޔެއަކަށް އެންމެން އެކުވެގެން" މީގެ މައިގަނޑު މެސެޖެވެ.
ގްލޮކޯމާއަކީ އޭގެ ޒާތުގައި ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެއްނަ ބައްޔަކަށް ނުވާތީ، ގިނަ މީހުން ޑޮކްޓަރަށް ދައްކަނީ މާ ލަސްވާ ފަހުންނެވެ. އެހެންކަމުން، ފެނުން ގެއްލުމުން ފަރުވާ ހޯދުމުގެ ބަދަލުގައި، ފެނުން ގެއްލުނަނުދީ ރައްކާތެރިވުމަށް އިސްކަންދޭން ޖެހެ އެވެ. ލޯ ރަނގަޅަށް ޗެކަޕްސް ގަވައިދުން ހެދުމަށް ސަމާލުކަން ދިނުމަކީ ތިބާގެ ފެނުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.
ލޮލުގެ ފެނުން ރައްކާތެރިކުރުން: އެންމެންގެ ޒިންމާއެއް
އާދައިގެ ގޮތަކަށް ލޯ ޗެކްކޮށްލުމަކުން އެކަނި ނުފުދެ އެވެ. ގްލޮކޯމާ ބަލި ކުރީކޮޅު ދެނެގަނެވޭނީ ލޮލުގެ ކަޅި ބޮޑުކޮށްގެން ކުރާ ފުރިހަމަ ޓެސްޓަކުންނެވެ. މި ޓެސްޓުގެ އެހީގައި ޑޮކްޓަރުންނަށް ލޮލުގެ ފަހަތުގައިވާ މައި ނާރަށް ގެއްލުމެއް ލިބިފައިވޭތޯ ބެލޭނެ އެވެ.
މިއަދުވެސް ލޮލުގެ ފުރިހަމަ ޗެކަޕެއް ހެދުމަށް އެޕޮއިންމަންޓެއް ހަމަޖައްސަވާ.
އާއިލާގެ މެންބަރުން، ހާއްސަކޮށް މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ މީހުން އަދި ދަރިން ލޯ ޗެކްކޮށްފިތޯ އަހާ އޮޅުންފިލުވާ.
ބަލި ހުރިކަން އެނގިއްޖެނަމަ، ފަރުވާގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ބާރުއެޅުއެޅުއްވުން މުހިންމެވެ. ލޮލަށް އަޅާ ބޭސްތަކާއި، ލޭޒާ ފަރުވާ އަދި އޮޕަރޭޝަނަކީ ލޮލުގެ ޕްރެޝަރު ދަށްކޮށް، އިތުރު ގެއްލުންވުން ހުއްޓުވައިދޭ ފަރުވާތަކެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޯބެ ވާދަކުރައްވަނީ
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރަން ފަށަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ނަޝީދު ހަމަޖައްސައިފި