ޗުއްޓީގެ މެދަކާހަމައިން ދޮންމަންމަ އެއްދުވަހަކު ގުޅާފައި ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ވާހަކައާ އަހަރެން ދެކޭ ހިތްވާ ވާހަކަ ބުންޏެވެ. އަދި މާލެ ނާންނާނަންތޯ އެހިއެވެ. ވަރަށް ވިސްނުމަށްފަހު ދާނަން ކަމުގައި އަހަރެން ބުނީ ރައްޔާން ވެސް އެ ހާހިސާބަށް މަންމަ ގޮވައިގެން މާލެ އަރާނެތީ ދެމީހުން ދިމާވުން ވެސް އެދިގެންނެވެ.
ނަސީބަކުން ދޮންމަންމަ ގުޅި ދުވަހުގެ ފަހު ދުވަހު ޔޫޝައު މެދުވެރިވެގެން ޓިކެޓެއް ވެސް ލިބިއްޖެއެވެ. އެހެންކަމުން ރައްޔާންއަށް މެސެޖްކޮށްފައި މާލެ ދާ ވަހަކަ ބުނީމެވެ. ޖަވާބު ލިބުނީ ރައްޔާން ރަށަށް ދިޔަފަހުން އާންމުކޮށް ވެސް މެސެޖް ކުރާ ގަޑި ކަމަށްވާ ރޭގަނޑު އެގާރައިގެ ފަހުންނެވެ. ބުނީ ރައްޔާން ވެސް ހުރީ މާލޭގައި ކަމަށާ ކުއްލިއަކަށް އަންނަން ޖެހުމުން ނުބުނެވި ހުރީ ކަމަށާއި ވަގުތު ވީމާ އެރޭ ގުޅަން ހުއްޓާ އަހަރެންގެ މެސެޖް ލިބުމުން ވަރަށް އުފާވާ ވާހަކައެވެ. އޭރު ފޯނުކޮށްގެން ރައްޔާންއަށް އަހަންނާ އަނގައިން ނުބުނެވޭތާ ކިތަންމެ ދުވަހެކެވެ. ގިނަފަހަރަށް ގުޅާއިރު އޮންނަނީ ވެސް ފޯނު ނިވިފައެވެ. އެ ޝަކުވާ ކުރުމުން ރައްޔާން ބުނީ ފޯނުގެ ބެޓެރީ މައްސަލަ ޖެހިގެން އުޅޭ ކަމަށާ އާ ފޯނެއް ގަންނަން ވިސްނާ ކަމަށެވެ!
އަހަރެންގެ ހިތުގައި ޝަކުވާތައް ފުނިޖެހި އެ ބަންޑުން ކޮށްލާނެ ވަގުތު ނުލިބި ހުއްޓާ އެންމެ ފަހުން ރައްޔާން މާލެ ވެސް ދިޔައީއެވެ. އެވެސް އަދި އަންގާ ވެސް ނުލައެވެ. ހިތުގައި ޖެހުނުވަރުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެހެން ނަމަވެސް އަހަންނަކީ ކަންތައްތަކަށް ކެތްކުރަން އާދަވެފައިވާ މީހަކަށްވާތީ ކެތްކޮށްގެން ހުރީއެވެ. އޭގެ މާނައަކީ އަހަރެންގެ މޭތެރޭގައިވާ ވިންދުޖަހާ ހިތަށް އަސަރު ނުކުރަނީއެއް ނޫނެވެ. އަހަންނާ މެދު ރައްޔާން ފަރުވާ ކުޑަ ކުރާ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. މިކޮޅުން ދިޔަ ފަހުން އަދި ދުވަހަކު ވެސް ރައްޔާން އަހަންނަކަށް ނުގުޅައެވެ. ބުނާ އެއްޗެއް ވައިބަރ ކޮށް ބުނެލަނީއެވެ. އެވެސް އަދި ރެއަކާ ދުވާލު ދެ ތިން މެސެޖަކުންނެވެ.
މާލެ ގޮސް އަހަރެން ރައްޔާންއަށް ގުޅީމެވެ. ބޭނުމަކީ ދެމީހުން އެއްތަންވެ ވާހަކަ ދައްކާލާ ހެދުމެވެ. ރައްޔާން ދެކޭހިތްވާ އަހަރެންގެ ލޮލަށް ފިނިކަމެއް ހޯދައިދިނުމެވެ. ދެމީހުން އެއްތަނެއްގައި އިށީނދެތިބެ މުސްތަގުބަލާމެދު ރޭވުންތަކެއް ރާވައި ގޮތްތަކެއް ކަނޑައެޅުމެވެ. އަދި އަހަރެން ވެސް ރައްޔާންގެ މަންމައާ ބައްދަލުވެ ތަޢާރަފުވުމެވެ. އެހެންނަމަވެސް ރައްޔާންގެ ފޯނު އޮތީ ނިންވާލާފައި ކަމުން ދެތިންފަހަރަކު ގުޅުމުން ވެސް އަހަރެން މާޔޫސްވުން ނޫންކަމެއް ނުވިއެވެ. ދެ ދުވަސްވަންދެން އަހަރެން ރައްޔާންއަށް ގުޅޭތޯ މަސައްކަތް ކުރީމެވެ. އެތައް މެސެޖެއް ވެސް ކުރީމެވެ. އެކަމަކު ރައްޔާންގެ ހަމަ އެއްވެސް ޚަބަރެއް ނުވިއެވެ.
ލިބުނު މޮޅިވެރިކަމާއި ހިތާމަ އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ! އަހަރެންގެ ހިތް ކުދިކުދިވެ ފަޅައިގެންދާވަރު ވިއެވެ. ރައްޔާންގެ ޚިޔާލުތަކާ ފިކުރުތައް އަބަދު ވެސް އަހަރެން ވަށާލާފައި ވިއެވެ. ރައްޔާންގެ ލޯބި ލޯބި ބަސްތަކާ އަޅާލުންތަކަށް ވީ ކީއްހެއްޔެވެ! ރައްޔާން އަހަންނަކަށް އޮޅުވައެއް ނުލާނެއެވެ! އެއަށްވުރެ މާބޮޑަށް ރައްޔާން އަހަރެންދެކެ ލޯބިވާކަމަށް އަހަރެން ގަބޫލުކުރަމެވެ. ރައްޔާންއާ ބެހޭ އެއްވެސް ޚަބަރެއް އަހަންނަށް ލިބޭނެ ގޮތެއް އޮތްތޯ ވަރަށް ވިސްނާ ފިކުރު ހިންގީމެވެ. އެކި އެކި މީހުންގެ ނަންތައް ސިކުނޑިއަށް އައެވެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ ގާތު އަހާލިއަސް އަހަރެމެން ދެމީހުންގެ ދެމެދު މައްސަލައެއް ޖެހިގެން އުޅޭކަން އެންމެނަށް ވެސް އޭރުން އެނގޭނެއެވެ. އިތުރު އެތައް ސުވާލުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންވެ އެންމެ ފަހުން ނިންމީ ރައްޔާން ގުޅަންދެން ނޫނީ މެސެޖެއް ކުރަންދެން އިންތިޒާރު ކުރުމަށެވެ!
އަހަރެން މާލެ ދިޔަތާ ތިންވަނައަށް ވީދުވަހު ހެނދުނުގެ ސައި ތައްޔާރުކުރުމަށްފަހު އައިސް ކޮޓަރީގައި އޮށޯވެލީމެވެ. އަހަރެންގެ އަމިއްލަ ޙާލަތާމެދު ފިކުރުހިންގުމުގައި އޮއްވާ އަހަރެން ސިއްސައިގެން ދިޔައީ ދޮންމަންމަގެ އަޑަށެވެ.
''ޝިބާ! ބައްޕަ އެބަ ގޮވާ! ކޮންމެވެސް ވާހަކައެއް ދައްކަންހެން ހީވަނީ! ބައްޕަ ބުނާ އެއްޗަކަށް އާނއެކޭ ބުނާނީ ވަރަށް ވިސްނާފައި! ޝިބާގެ ބައްޕަ ބުނާ ވާހަކައިގެ ގޮތުން ޝިބާއަށް އެނގެން ވާނެ މިބުނީ ކީކޭ ކަން!'' ދޮންމަންމަ މި ބުނި އެއްޗަކުން އަހަރެންގެ ހިތުގައި އެތައް ސުވާލެއް އެއްފަހަރާ އެނބުރެން ފެށިއެވެ. ބައްޕަ އަހަންނާ ދައްކަން އޮންނާނީ ވެސް ވަކި ކޮން ވާހަކައެއް ހެއްޔެވެ! އަނެއްކާ ވެސް ލާރި ހޯދަން ބުނެފާނެ ހެއްޔެވެ! ބައްޕަ އަހަންނާ އަނގައިން ނުބުނާތާ ކިތައް ދުވަސްހެއްޔެވެ!
ވިސްނަން އިރުކޮޅަކު އޮތުމަށްފަހު ތެދުވެ ކޮޓަރިން ނިކުމެގެން ހިނގައިގެންފީމެވެ. ދޮންމަންމަ ކޮޓަރީގެ ދޮރުމަތީ ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. އެ ބެލުމުން އަހަންނަށް މާނަ ކުރެވުނީ އެހެން ފަހަރުތަކާ ތަފާތު ތަކެއް ހުރި ކަމެވެ. އަހަރެން ދޮންމަންމައަށް ބަލައިލުމުން އެނބުރި ގޮސް ދޮންމަންމަގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.
ބައްޕަ އިނީ ކާކޮޓަރީގައެވެ. ކޮފީއެއް ބޮނީއެވެ. އަހަރެން ގޮސް ބައްޕަ އިށީނދެ އިން ގޮޑީގެ އަރިމަތި ވާގޮތަށް ތަންކޮޅެއް ދުރުގައި ހުއްޓިއްޖައީމެވެ. ބައްޕަ އެއްވެސް އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމަށްފަހު ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލީ އިށީނުމަށެވެ!
އަހަންނާ ދޭތެރޭ ބައްޕަ މި ބެހެއްޓި ގާތްކަމަށްޓަކައި އުފާވި ވަރަށް ހައިރާން ވެސް ވިއެވެ. އަހަންނަށް ހުރެވުނީ ބައްޕައާ ދިމާއަށް ބަލާށެވެ. އެސްފިޔަ ވެސް ޖަހާ ނުލައެވެ. ދެވަނަ ފަހަރު ބައްޕަ ގޮނޑިއަށް އިޝާރާތް ކުރުމެއްނެތި އިށީންނާށޭ ބުނެފިއެވެ. އަހަރެންގެ ހިއްސުތައް މަސައްކަތް ކުރަން ފެށީ ބައްޕަގެ އަޑަށެވެ.
މަޑުމަޑުން ގޮނޑި ދަމާލުމަށްފަހު ގޮނޑީގައި އިށީނދެ އަނެއްކާ ވެސް އަހަންނަށް ނަޒަރު ދޫކޮށްލެވުނީ ބައްޕަގެ މޫނަށެވެ. އެހެންއިނދެވުނީ އިރުކޮޅަކަށެވެ. ބައްޕަ އަހަންނަށް ބަލާލަމުން ވާހަކަ ދައްކަން ފެށުމުން އިސްދަށަށް ޖަހާލެވުނެވެ.
ބައްޕަ އެހީ ވަޒީފާ އަދާކުރާ ރަށާ ބެހޭގޮތުންނެވެ. ރަށުގެ މީހުންގެ މިޒާޖާ އުޅުމާ ބެހޭ ގޮތުން ސުވާލުކުރުމަށްފަހު މުސާރަ ލިބޭވަރެއް ވެސް އެހިއެވެ. ކުރިން ބައްޕަ މިވާހަކަ ނޭހީ ކީއްވެހެއްޔެވެ! މި ސުވާލުތައް ކޮށް އޮޅުން ފިލުވަން ވާނީ އަހަރެން އެރަށަށް ދާވާހަކަ ބުނާ ހިސާބުންނެވެ. ނުވަތ އެރަށަށް ދާހިސާބުންނެވެ. އެކަމަކު އަހަރެން ދިރިހުރިތޯ ވެސް އޭރު ނުބަލައި ހުރެފައި ކުއްލިއަކަށް މިއަދު މި ސުވާލުތައް މި ކުރަން ފެށީ ކީއްވެހެއްޔެވެ! ... އަހަރެންގެ ހިތުގައި އުފެދުނު އެތައް ސުވާލެއް އެއްފަރާތް ކޮށްލުމަށްފަހު އެއްވެސް ފޮރުވުމެއް ނެތި އަހަންނަށް މުސާރަ ލިބޭވަރު ބުނީމެވެ. ކިތަންމެ މަދުން ލިބުނަސް އަދި ގިނައިން ލިބުނަސް އަހަރެން ގާތު ބުނިވަރެއް އަބަދު ވެސް އަހަރެން އައީ ދެމުންނެވެ. އެހެންވީއިރު މުސާރަ ލިބޭ ވަރެއް އެހުމުގެ ބޭނުމަކީ ކޮބައިބާވައޭ ހިތަށް އެރިއެވެ. އަހަރެންގެ ޖަވާބު އެހުމަށްފަހު ބައްޕަ އިތުރު ވާހަކައެއް ނުދައްކާ ހިމޭން ވިއެވެ. އަހަރެން ވެސް އިނީ ދެން ބައްޕަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްގެންނެވެ.
އެ ގޮތުގައި ހިމޭންކަމުގެ މަދު މިނިޓްތަކަކަށްފަހު ބައްޕަ ދެއްކީ ދުވަހަކު ވެސް އަހަރެން ވިސްނާ ނުލާ ހުރި ވާހަކަ އެކެވެ.
''ދަރިފުޅު ވެސް ތިހިރީ މިހާރު ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެވިފަ! އަމިއްލައިން އުޅެވޭ ވަރުވެފަ!''
ބައްޕަ މިހެން ބުނުމުން އަހަރެން ހިތަށް އެރިއެވެ. އަމިއްލައިން އަހަންނަށް ނޫޅެވޭ ދުވަހެއް އައި ހެއްޔެވެ! ބައްޕައަށް އެކަން އެނގޭހެއްޔެވެ! އަމިއްލަ ދެފައިމައްޗަށް ތެދުވާން ބައްޕަ އަހަންނަށް ދިނީ ކޯއްޗެއް ހެއްޔެވެ! ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ! އެންމެ ކުޑަމިނުން ހިތްވަރުގެ ބަހެއް ވެސް ބުނެލި ހެއްޔެވެ! މި ހުރިހާ ޝަކުވާއަކާ ސުވާލެއް ހުރީ އަހަރެންގެ ދުލު ކުރީގައެވެ. ބޭރެއް ނުވިއެވެ. އަނެއްކާ ވެސް ބައްޕައާމެދު އުފެދުނީ ދުރު ހިލޭ ކަމުގެ އިހުސާސެކެވެ.
އަހަރެން މި ހުރިހާ ސުވާލެއް ދުލުކުރީ ބަހައްޓައިގެން ހުއްޓަސް ބައްޕަގެ ވާހަކަ ބައްޕަ ކުރިއަށް ގެންދިޔައެވެ. ''ތި އުމުރަށް ދިޔައިމަ އަންހެން ކުދިން މީހުނާ ނީނދެ ތިބުމަކީ ރައްކާތެރި ކަމެއްނޫން!''
ބައްޕަ މި ބުނި އެއްޗަކުން އަހަރެންގެ ޚިޔާލީ ވާފަށް ބުރި ބުރިވެ ކަންފަތް ކޮޅަށްޖެހުނެވެ.
''ބައްޕަ އެބަހުރި ދަރިފުޅު އިންނަން ވަރަށް ރަނގަޅު މީހަކު ހޯދާފަ! އޭނައާ އިންނަން ތައްޔާރުވޭ!"
އަހަންނަށް ތެޅިގަނެވުނެވެ. އިން ގޮނޑިން ފުންމައިގެން ތެދުވެވިއްޖެއެވެ. އެހެން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭ ހަމަ ޖެހިލީމެވެ. އެކަމަކު އަލުން ގޮނޑީގައި އިށީންނަ ޚިޔާލެއް ނުކުރަމެވެ. އެދުރު ދައިތައެއްގެ ކުރިމަތީ ދަރިވަރަކު ހުންނަހެން ކިޔަމަންތެރިކަމާއެކު ހުރީއެވެ.
''ޝިބާ އިންނާނީ މަސްއޫދުއާ! ކީކޭ މިއަށް ބުނަނީ!''
ބައްޕަ އިސްއުފުލާ އަހަންނާ ދިމާއަށް ބަލައިލިއެވެ. މަސްއޫދުގެ ނަން އަޑު އިވުމުން ވެސް އަހަންނަށް ތެޅިގަނެވުނެވެ. އެއީ ގާތްގަނޑަކަށް ބައްޕަގެ އުމުރު ނޫނަސް އަހަންނަށް ވުރެ އެތައް އަހަރެއް ދޮށި ސިފަ ހުތުރު އުޅުމެއް ނެތް މީހެކެވެ. ފުދޭ ވަރަކަށް ލާރި ގެންގުޅޭ މީހެކެވެ. ބައްޕަ މާލޭގައި ހުންނަންޏާ ވަރަށް ގިނައިން އަހަރެމެންގެ ގެއަށް އައިސް ވެސް އުޅެއެވެ.
ދޮންމަންމަ ބުނި އެއްޗެއް އަހަންނަށް ނަގައިގަނެވުނީ ދެނެވެ. ޔަގީނުން ވެސް ދޮންމަންމަ މިކަމާ ގަބޫލުނަމަ އަހަރެން ގާތަކު އެހެނެއް ނުބުނާނެއެވެ. އެ ހިނދު ދޮންމަންމައަށްޓަކައި އަހަރެންގެ ހިތް ޝުކުރުން ފުރުނެވެ. ވަރަށް ހިތްވަރުކޮށްފައި ބައްޕަގެ ކުރިމަތީ ޖަވާބުދޭން ތައްޔާރުވެލި ވަގުތު ބައްޕަ ބުނީ ދެތިން ދުވަސްތެރޭ ކާވަނި ހަމަޖައްސާނެ ކަމަށެވެ.
ހިތަށްއެރިއެވެ. މި އޮތް ހުރިހާ ދުވަހު ވެސް އަހަރެން އުޅުނީ ބައްޕަގެ ލޯތްބާ އަޅާލުން ލިބިގެނެއް ނޫނެވެ. އަމުދުން ބައްޕައާ ދެކޮޅު ވުމަކުން މިހާރު އަހަންނަށް ގެއްލޭނެ އެއްޗެއް ވެސް ނެތެވެ. ވީއިރު އަހަރެންގެ ނުގަބޫލުގައި ނުރުހޭ މީހަކާ، ބައްޕައަށްޓަކައި މިކައިވެނި ކުރާކަށް އަހަންނަކަށް ނުޖެހޭނެއެވެ. އެވެސް އަދި މަސްއޫދު ކަހަލަ މީހަކާއެވެ. އި ޚިޔާލު އައުމުން ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ.
''ތިކަން ކުރެވޭކަށް ނެތް! އަހަރެން އިންނާނޭ މީހަކު އަހަރެން ވަނީ ހޯދާފައި!''
އަހަރެންގެ ހުރި ހިތްވަރަކުން ބައްޕަ ޖެހިލުންވިކަން ކަށަވަރެވެ. ފުރަތަމަ އަހަރެންގެ މޫނަށް ބަލަން އިނީއެވެ. ދެވަނަ ސިކުންތުގައި ތެދުވެ އަހަރެންގެ މޫނުމަތީގައި ޖެހިލެއް ބާރުކަމުން އަހަންނަށް މަންމާއޭ ކިޔައި ރޮއެ ގަނެވުނެވެ. އެ ވަގުތު ދޮންމަންމަ ހުރީ މި އަޑުއަހަން ދުރުގައިކަން އަހަންނަށް އެނގުނީ ދޮންމަންމަ ދުވެފައި އައިސް ބައްޕައާ އަހަންނާ ދެމެދަށް ވަދެ އަހަންނަށް ހިމާޔަތް ދޭ ފަދައަކުން ބައްޕަގެ ދެއަތުގައި ހިފަން މަސައްކަތް ކުރަން ފެށުމުންނެވެ. އައިސްފައި ހުރި ރުޅީގައި ބައްޕަ ދޮންމަންމަ ކޮއްޕާ ދުރަށް ލިއެވެ. އެވަރުން ވެސް ދޮންމަންމަ އަހަރެން ދިފާޢު ކުރުމަށް މަސައްކަތް ކުރިއެވެ.
ގޭތެރޭގައި އަޑުގަދަވެގެން ކޮޓަރީގައި ތިބި ކޮއްކޮމެން ވެސް ދުވެފައި އަތުވެއްޖެއެވެ. އަދި ބައްޕަގެ އަތަށް އޮޅާލައިގެން ހުރި ދޮންމަންމަގެ ބޮލުގެ އިސްތަށިގަނޑުން ބައްޕަ ދޫކޮށްލީ އެންމެ ބޮޑު ކޮއްކޮ ސަފުވާން އައިސް އޭނަގެ މަންމަގެ ގައިގާ އޮޅުލައި ގަތުމުންނެވެ.
ބައްޕަ ކޮއްޕާލުމުން ދޮންމަންމަ ވެއްޓި މޫނު މައްޗަށް ވަރަށް އަނިޔާ ވެސް ވިއެވެ. ދޮންމަންމަ އަހަރެންދެކެ ވަރަށް ލޯބިވާކަން ފުރަތަމަ ފަހަރަށް އަހަންނަށް ގަބޫލުކުރެވުނެވެ. ކޮންމެ ދޮންމަންމަ އަކީ އިންސާނިއްޔަތުކަމުން ބޭރު މީހެއްކަމަކަށް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ ލޮބުވެތި މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔުމުން އަހަންނަށް ލިބުނު ދޮންމަންމައަކީ ހަމަ ގައިމު އެމީހެއްގެ ލެއިން އަހަރެން އުފެދުނު އަސްލު ކަމުގައިވާ އަހަރެންގެ ބައްޕައަށްވުރެ އެތައް ގުނައެއް އަހަންނަށް ހެޔޮ މީހެއްކަން ކަށަވަރެވެ. ﷲ އީ ހުރިހާކަމެއް ދެކެ ދެނެ ވޮޑިގެންވާ ފަރާތެވެ. މިއަދު މި އަޅާލުން ކުޑަ އަމުދުން އަހަރެންގެ ހެވާ ލާބައަށް އެއްވެސް ކަމެއް ކޮށްނުދިން ބައްޕަގެ ކުރިމަތީ އަހަރެންގެ ދިފާޢުގައި އެ ތެދުވީ އަހަރެންގެ ދޮންމަންމައެވެ. (ނުނިމޭ)
ބީއެމްއެލްގެ އެހީގައި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް
ގަތަރު އެއާވޭސް އަލުން ރާއްޖެއަށް
އިސްކޮޅުގެ ސަބަބުން ހަކުރު ބަލީގެ ފުރުސަތު ބޮޑު ވޭތަ؟