އިޒްރޭލުން އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ބުނެ އިރާނުން ހޯމޫޒް ކަނޑުއޮޅީގެ އާންމު ދަތުރުފަތުރުތައް ހުއްޓުވާފައިވާ ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

އިރާނުގެ ފާސް ނިއުސް އެޖެންސީން ބުނިގޮތުގައި ލުބުނާނުގައި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވުމުގެ ސަބަބުން ސްޓްރޭޓް އޮފް ހޮރްމުޒް ތެރެއިން ދަތުރުކުރުން އީރާނުން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް އަދި މިހާތަނަށް މިކަން އިރާނުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އިރާނުގެ މީޑިއާތަކުން މިފަދައިން ރިޕޯޓުކުރަމުން ދަނިކޮށް އީރާނުގެ ޕާލަމެންޓްރީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު އިބްރާހިމް ރަޒާއީ ވަނީ އިޒްރޭލުން ލުބުނާނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ރައްދުގައި ހޮރްމޫޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުފަތުރުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ގޮވާލާފައި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ލުބުނާނުގެ ރައްޔިތުން އީރާނަށްޓަކައި އެތައް ގުރުބާނީތަކެއް ވެފައިވާއިރު، އެންމެ ހިނދުކޮޅަކަށް ވެސް އެކަން އިރާނުން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަދި އެމެރިކާއާއެކު އިރާނުން އެއްބަސްވެފައިވާނީ ލުބުނާނަށް ދެމުންދާ ހަމަލާތައް ވެސް ހުއްޓާލުމަށް ކަމަށާއި އެކަން އެގޮތަކަށް ނުވާހާ ހިނދަކު އިރާނުން ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން ވަނީ ލުބުނާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް އިންޒާރު ވެސް ދީފަ އެވެ.