ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ސިލްސިލާ އެއްވުންތަކެއް ބާއްވަން ފަށައިފި އެވެ.
މި އެއްވުންތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވީ، މިއީ އެ ޕާޓީގެ އާންމު މެމްބަރުންގެ ވަރަށް ބޮޑު އެދުމަކަށް ފެށި ހަރަކާތެއް ކަމަށާއި، މި އިހުތިޖާޖުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެންއެފުން މިފަދަ ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވަނީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެ އެވެ. އެގޮތުން، ބޭއްވުނު އިންތިހާބުތަކުގައި އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެ އެވެ.
މަލީހް އިތުރަށް ވިދާޅުވި ގޮތުގައި، ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 68 އިންސައްތަ މީހުން ސަރުކާރާ ދެކޮޅަށް ވޯޓުލާފައިވުމަކީ، މިހާރުގެ ސަރުކާރަށް އޮތީ އެންމެ 30 އިންސައްތައިގެ ތާއީދުކަން ހާމަވާ ކަމެކެވެ. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރާ ދެކޮޅަށް އޮތުމަކީ ރައީސް މުއިއްޒު މަގާމުގައި ހުންނެވުމުގެ އުސޫލީ ގޮތުންނާއި ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރު ފެއިލްވެފައިވާ ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރާޅުގަނޑު ސަރަހައްދުގައި ރޭ ފެށި މި އިހުތިޖާޖުތަކުގައި ޕީއެންއެފްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުންދާއިރު، އެއްވުމުގެ ބައިވެރިން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.
ޒަރިޔަންދު ޕީއެންއެފްއަށް ސޮއިކޮށްފި
މޮރޮކޯގެ ފުޓުބޯޅަ ތަރި ޒިޔެޗަށް އިޒްރޭލުން މަރުގެ އިންޒާރު ދީފި
އީރާނުގެ މުހިއްމު ބިނާތަކުގެ ދިފާއުގައި ރައްޔިތުން ނުކުމެއްޖެ