މާލެސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުރުސަތު ސަރުކާރުން ނުދީފިނަމަ، އެކަމާ ދެކޮޅަށް ނިކުންނަވާނޭކަމަށް މާލެސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ މާލޭގެ ތަރައްގީއާއި ރައްޔިތުންގެ ލާބައަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ނިމިގެންދިޔަ އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިހާރުވެސް މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމު ފުރުއްވަމުން އަންނަ އާޒިމް ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރަން އެއްބާރުލުންދީ އެކަމަށް ހުރަސް ނޭޅުމަށް އެދޭކަމަށެވެ. މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފިނަމަ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ނިކުންނާނޭކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރުމަށް ހުށަހެޅި ކަންކަން ކުރުމަށް ސަރުކާރުން ފުރުސަތު ދޭންޖެހޭނޭ ކަމަށާއި، އެކަމަށް ހުރަސްއެޅުމަކީ ސަރުކާރަށް ލިބިގެންވާ ހައްގެއް ނޫންކަމަށެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީއަށް އިންތިހާބުން މިވަރުގެ ކާމިޔާބީއެއް ލިބިފައިމިވަނީ، ސަރުކާރުން އާސަންދައަށްވުރެ ބޮޑަށް ސިޔާސީކަންކަމަށް ހަރަދުކޮށް މަގާމުތައް އުފައްދަމުން ދަނިކޮށްކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ އެކަން ރައްޔިތުން ބަލައިނުގަތް މަންޒަރުކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ އަބަަދު ވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ކަމަށާއި، ރައްޔިތުން މިއަދު އެމްޑީޕީއަށް ފުރުސަތު ދިނީ އެކަން ގަބޫލުކުރާތީ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގަ ސިޔާސީ މީހުންނަށް އިތުބާރު ގެއްލިގެން ގޮސްފައި ވަނީ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.
ކުރިއަށްއޮތީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއާއެކު މާލެސިޓީ ކައުންސިލާ ހަވާލުވެ، ކޮރަޕްޝަންތައް ފުހެލުންކަމަށާއި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ ކަންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށް އާޒިމް ވިދާޅުވި އެވެ.
ކޮރަޕްޝަނުގެ ވާހަކަ އެބޭފުޅުން އެބީދައިން ދައްކަވަނީ އެބާވަތުގެ ކަންކަން ކޮށްފައި ހުރުމުންކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފި
އެމްޑީޕީ މޭޔަރުން: މި އަންނަނީ 2028 ވެސް ކާމިޔާބު ކުރަން!