އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ހަތަރު އެސްޓްރޮނޯޓުންނާއެކު އީލާން މަސްކުގެ ޖައްވީ އުޅަނދު ސްޕޭސް އެކްސް، މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ކަނޑަށް ތިރިކޮށްފި އެވެ. މިއީ މީގެ ފަންސާސް އަހަރު ކުރިން އެޕޯލޯ 8 ހަނދުން އެނބުރި އައި ދަތުރަށް ފަހު ނަސާގެ އެސްޓްރޮނޭޓުން ރޭގަނޑުގެ އަނދިރީގައި ފެނަށް ޖެއްސި ފުރަތަމަ ފަހަރެވެ.

އީލާން މަސްކުގެ ކުންފުނީން އެސްޓްރޮނޯޓުންނާއެކު ކުރި ދެވަނަ ދަތުރު ކަމަށްވާ މިދަތުރުގައި ޕެރަސޫޓު ގަލްފު އޮފް މެކްސިކޯއަށް ޖެއްސީ އެމެރިކާގެ ގަޑިން ފަތިހު ތިނެއް ޖެހި އިރު އެވެ. މިއީ އިންޓަނޭޝަނަލް ޖައްވީ ސްޓޭޝަނުން ބިމަށް ކުރި ހަގަޑި ތިރީސް މިނިޓުގެ އަވަސް ދަތުރެކެވެ.

ޖަޕާނުގެ އެސްޓްރޮނޯޓަކާ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ހިމެނޭ މި ޓީމު، "ރެޒީލިއަންސް"ގެ ނަމުން ނަންދީފައިވާ މި އުޅަނދުގައި ޖައްވަށް ފުރީ މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ކެނެޑީ ސްޕޭސް ސްޓޭޝަނުންނެވެ.

"ދަތުރުގެ ބައިވެރިންނަށް ދުނިޔޭގެ ބިމުން މަރުހަބާ. ސްޕޭސް އެކްސްގެ ފްލައިޓުން ދަތުރުކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސްޕޭސް ކްރާފްޓް ކަނޑަށް ޖެއްސިތާ އިރުކޮޅެއްގެ ތެރޭގައި މިޝަން ކޮންޓްރޯލުން އެނައުންސް ކުރި އެވެ. "އަޅުގަނޑުމެންނާ އެކު އާންމުކޮށް ދަތުރުކުރާ މީހުންގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރަތްތަކަށް މިދަތުރުން 68 މިލިއަން މައިލްސް މިހާރު ވާނީ ލިބިފައި."

"އަޅުގަނޑުމެން އެ މައިލްސް ތައް ގަބޫލުކުރާނަން." ސްޕޭސް ކްރާފްޓް ކޮމާންޑަރު ޖަވާބު ދިނެވެ. "އެ މައިލްސްތައް އެހެން އެއްޗަކާ ބަދަލު ކުރެވޭނެތޯ،" ކުރި ސުވާލުގެ ޖަވާބުގައި ސްޕޭސް އެކްސްގެ ކޮމާންޑަރު ބުނީ އެކަން ޖެހޭނީ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓުން ސާފުކޮށްލަން ކަމަށެވެ.

ގާތްގަނޑަކަށް ބައި ގަޑިއެއްހާއިރުގެ ތެރޭގައި އެސްޓްރޮނޯޓުން އެ މީހުން އައި އުޅަނދުން އާދައިގެ އުޅަނދަކަށް ބަދަލުކުރި އެވެ. ނާސާއާއި ސްޕޭސް އެކްސްގެ ވެރިން ދަތުރުގެ އޮމާންކަމާމެދު ވާހަކަ ދައްކަމުން މިދަތުރު ސިފަކުރީ ރޭސް ކާރެއްގެ ދުވެލި ނިންމާލުން ފަދަ ކަމަކާ އެވެ.

މިދިޔަ 167 ދުވަހުގެ މި ސްޕޭސް މިޝަނަކީ އެމެރިކާއިން ކުރި މިބާވަތުގެ އެންމެ ދިގު ދަތުރެވެ. މީގެ ކުރީގެ ރެކޯޑަކީ 84 ދުވަހެވެ.

ސްޕޭސް އެކްސްގެ މިދަތުރު ކުރިން ރޭވިފައި އޮތީ ދުވާލުގެ ވަގުތުގައި ކަނޑަށް ތިރިކުރާ ގޮތަށެވެ. ނަމަވެސް އެހިސާބުގައި އާދަޔާ ޚިލާފަށް ވައިގަދަވުމުގެ ސަބަބުން ވައިމަޑުވި ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން ރޭގަނޑު ޖައްސާ ގޮތަށް ބަދަލުކުރީ އެވެ. މިފަދަ ހާލަތަކަށް ސްޕޭސް އެކްސް ވަނީ ކުރިން ތައްޔާރުވެ ފަރިތަ ކޮށްފަ އެވެ. އޮޕަރޭޝަން ކުރިއަށް ދިޔައިރު ކޯސްޓުގާޑުން ދިޔައީ 11 މޭލުގެ ސަރަހައްދެއް ބަންދުކޮށް ފޯރި މަރަމުންނެވެ.

އެސްޓްރޮނޯޓުން ބިމަށް ގެނައި ކެޕްސޫލް ދެން ގެންދާނީ މަރާމާތު ކުރުމަށެވެ. ދެން އޭތި ބޭނުން ކުރެވޭނީ ސްޕޭސް އެކްސް ފުރަތަމަ އަމިއްލަ މީހަކަށް ކޮށްދޭ ސްޕޭސް ދަތުރަށެވެ. މިދަތުރުގައި ޖައްވުގައި ތިން ދުވަސް ހޭދަކުރަން ބިލިއަނަރަކު ވަނީ ފްލައިޓް ބުކްކޮށް ނިންމާފަ އެވެ.

ސްޕޭސް އެކްސްއިން ނާސާއަށް ކޮށްދޭ ދަތުރެއް ދެން އޮންނާނީ އަންނަ އޮކްޓޯބަރު މަހު އެވެ.

ނާސާއިން އަމިއްލަ ފަރާތްތަކަށް ސްޕޭސް ދަތުރުތަކުގެ ކޮންޓްރެކްޓް ދޭން ފެށީ 2011 ވަނަ އަހަރު އެވެ.

ސްޕޭސް އެކްސްގެ ފުރަތަމަ ރޮކެޓް ޖައްވަށް ފޮނުވީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން ނާސާގެ އެސްޓްރޮނޯޓުން ޖައްވަށް އުފުލައި ދިނީ ރަޝިޔާއިންނެވެ.