ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ. މި ހަފުލާއަކީ އެ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމަށް ބޭއްވުނު ހާއްސަ ހަފްލާއެކެވެ.
މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކައިފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ހަފްލާއެކެވެ.
މީގެ އިތުރުން، މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފްލާއެކެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަޙްމަދު، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުން، އިސް ވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މި ހަފްލާގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 87 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 2 އައުޓްސްޓޭންޑިންގ ލީޑަރސް އެވޯޑް، 14 ޑިވިޝަނަލް މެރިޓް އެވޯޑް، 10 ސްޕެޝަލް މެރިޓް އެވޯޑް އަދި 3 ޕްރޮޖެކްޓަކުން 8 މުވައްޒަފުން ވަނީ އިނޮވޭޝަން އެވޯޑް ހާސިލުކޮށްފައެވެ.
ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޗެއަރޕަރސަންސް އެވޯޑު' ހާސިލުކޮށްފައިވަނީ ކޮންސިއުމަރ ސަރވިސަސްގެ ޚަލަފް މުޙައްމަދު ނާފިޒެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މަސައްކަތުގެ މައިދާނަށް ނުކުތް ޚަލަފަކީ، މިއަދު އެ ކުންފުނީގައި ހީވާގި ކަމާއެކު މަސައްކަތްކުރަމުންދާ ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރޭ މުވައްޒަފެކެވެ. މި ގޮތުން، ޚަލަފް ވަނީ ބާޒާރުގެ ބޭނުންތަކަށް އަވަހަށް އިޖާބަދީ، މި މަސައްކަތްތައް އިތުރަށް ހަލުއިކުރެވޭނެ ޕްލެޓްފޯމެއް ތަސައްވުރުކޮށް، އެ ޕްލެޓްފޯމް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޕްލެޓްފޯމްގެ އެހީގައި ކުންފުންޏައް އިތުރު ފައިދާތައް ހޯދައިދީފަ އެވެ.
ދިރާގު، ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.
ބިންހެލުމެއްގައި ކަޕޫރު އާއިލާގެ އާސާރީ ގެއަށް ގެއްލުންތަކެއް!
މާލެ އާއި އައްޑޫން ޕީއެންސީއަށް ލިބުނީ އެންމެ ގޮނޑިއެއް!
