މާލޭގެ ނޯތު ހާބަރުގައި އަޅާފައި އޮތް ހއ. އަތޮޅުގެ ބޯޓެއްގެ ތެރޭގައި ތިބި ފަސް ފިރިހެނަކު ހާލު ދެރަވެ، ހަބަރު ހުސްވެފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:35 ހާއިރު އެވެ. ހަބަރު ހުސްވެފައި ތިއްބާ ފެނުނު ފަސް މީހުންނަށް މިހާރު ދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި ހާދިސާގައި ހާލުދެރަވި މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަސަރުކޮށްފައިވަނީ ހަތަރު ބިދޭސީންނާއި އެއް ދިވެއްސަކަށެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފުލުހުން ބުންނެވެ.

އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.