މާލޭގައި ހިންގާ މަޝްހޫރު ކޮސްމެޓިކްސް ފިހާރައެއް ކަމަށްވާ ނިއު އެޑިޝަންގެ "ނޯޓް" އިން ފޭކް ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން އަށް ހާހަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި ދެ އަންހެނަކު ހޯދަން ފަށައިފި އެވެ.
މި ދެ އަންހެނުން ވަނީ ސައްހަ ނޫން ޕޭމަންޓް ސްލިޕް ދައްކައިގެން ޖުމްލަ 8,788 ރުފިޔާގެ މުދާ ނަގާފަ އެވެ. މިކަން ފަޅާއަރާފައި ވަނީ ފަހުން ފައިސާގެ މުއާމަލާތްތައް ޗެކްކުރި އިރު، އެ އަދަދަށް ފައިސާ ޖަމާވެފައި ނުވާކަން ފާހަގަކުރެވުމުންނެވެ.
މި މައްސަލައާ ގުޅިގެން އެ ފިހާރައިން ވަނީ ސީސީޓީވީ ފުޓޭޖް އާންމުކޮށްފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ފައިސާ ދެއްކުމުގެ ކަންތައްތަކުގައި އުޅެނީ ބުރުގާ އަޅައިގެން މާސްކެއް ވެސް އަޅައިގެން ހުރި އަންހެނެކެވެ. އޭނާ ފޯނުން ސްލިޕް އެޑިޓްކުރާ ކަމަށް ބެލެވޭ މަންޒަރުތަކެއް ވެސް ވީޑިއޯއިން ފާހަގަވެ އެވެ.
ވިޔަފާރި ނިންމުމަށްފަހު، ތިން ކޮތަޅުގެ މުދާ ހިފައިގެން ފިހާރައިން ނުކުންނަ މަންޒަރު ފެންނަނީ އޭނާއާއެކު ދިޔަ އަނެއް އަންހެން މީހާ އެވެ.
މި ދެ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ފިހާރައިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި މި ދެ މީހުން ހޯދައިދޭ ފަރާތަކަށް ނުވަތަ އެމީހުންނާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ރަނގަޅު އިނާމެއް ދޭނެ ކަމަށް ވެސް އެ ފިހާރައިން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް މާލޭގެ ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ވިޔަފާރިކުރުމަށްފަހު ފޭކް ސްލިޕް ފޮނުވާ މައްސަލަ ވަނީ އިތުރުވެފަ އެވެ.
ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ކަމުގެ އިންޒާރު އދ އިން ދީފި
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!
އެމެރިކާގެ އެޓާނީ ޖެނެރަލްގެ މަގާމުން ވަކިކޮށްފި