ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ބޮޑު ދެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ސަރުކާރު ހިންގާ ޕީއެންސީގެ އިސް ފަރާތްތަކުން ފައިސާ ބަހަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިން ގެންދަވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ބަހަމުންނެވެ. އެގޮތުން ޕީއެންސީން ގެންދަނީ އައްޑޫ ސިޓީގައި ގިނަ އަދަދަކަށް ފައިސާ ބަހަމުންނެވެ. އެ ސިޓީގައި ފައިސާ ބެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރުގެ މޭޔަރު އަލީ ނިޒާރު ބަލި ކުރުން ކަމަށް ޕީއެންސީއަށް ސަޕޯޓުކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ.
ސަރުކާރުގެ ޓީމުތަކުން ބަހަމުންދާ ސިޓީއުރަތަކުގައި 10،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދުތަކަށް ފައިސާ ހުރި ކަމަށް އައްޑޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މީގެ އިތުރުން ބައެއް ކުންފުނިތަކުގެ ސިޔާސީ އިސް މިގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ދަނީ ފުވައްމުލަކާއިއި ތިނަދޫ ފަދަ ބޮޑެތި ސަރަހައްދުތަކުގައި ވެސް ފައިސާ ބަހަމުންނެވެ.
ޕީއެންސީގެ ސަރުކާރަށް މި އަހަރު ނޮވެމްބަރު މަހަށް ތިން އަހަރު ފުރޭއިރު، އެދެވޭ ނަތީޖާއެއް ނެރެވިފައި ނެތުމުން ރާއްޖޭގެ ގިނަ ބަޔަކު ވަނީ ސަރުކާރާމެދު ނުރުހުންވެފަ އެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ގިނަ ބަޔަކު ވެސް ހިމެނޭއިރު، އެމީހުން ބުނަމުންދަނީ ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީއަށް ބޮޑުކޮށް ނޫނެކޭ ބުނާނެ ކަމަށެވެ.
އިންތިހާބު ކައިރިވެ، ކުޑަ ދުވަސްކޮޅަކަށް ވުމުން ސަރުކާރުން ގެންދަނީ ކުއްލިއަކަށް ބޮޑެތި މަޝްރޫއުތައް އިއުލާން ކުރުމާއި ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާއާއި ޕްރޮމޯޝަން ދެމުންނެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ފެއިލްވެ ރައްޔިތުންގެ ނުރުހުން އަމާޒުވާން ފެށުމުން އެންމެފަހުން ގޮތް ހުސްވެ، ފައިސާ އާއި ވަޒީފާ ބަހައި، ބާރާއި ނުފޫޒުން އިންތިހާބު ކާމިޔާބު ކުރުމަށް ކުރަމުންދާ ކަންކަމާއި މެދު ބަހެއް ނުބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތިބީ އިންތިހާބާއެކު ބޮޑުކުރި މުސާރަ ގަބޫލުކޮށްގެން ހަނުކަން ފާހަގަކޮށްލެވެ އެވެ.
ފުލިދޫގައި އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރި ބައްޕަ ނިޔާވެއްޖެ
އެމެރިކާގެ އެޓާނީ ޖެނެރަލްގެ މަގާމުން ވަކިކޮށްފި
ޕާޓީތަކުން ޓެކްސީ ހަރަދު މިފަހަރު ރައްޔިތުންގެ ފައިސާއިން