ނާސާގެ އާރްޓެމިސް 2 މިޝަން ކާމިޔާބުކަމާއެކު އެމެރިކާގެ ފްލޮރިޑާ އިން ފޮނުވާލައިފި އެވެ. މިއީ ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި އިންސާނުން ބިމުގެ ދަށް އޯބިޓުން ބޭރަށް، ހަނދާ ދިމާލަށް ކުރާ ފުރަތަމަ ތާރީހީ ދަތުރެވެ.
ހަތަރު އެސްޓްރޮނޯޓުންނާއެކު ފޮނުވާލި މި މިޝަނަކީ އިންސާނުން އަލުން ހަނދަށް ފޮނުވުމަށާއި، އޭގެ ފަހުން މާސް އަށް ދަތުރުކުރުމަށް ނާސާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
ގާތްގަނޑަކަށް 32 ބުރީގެ އިމާރާތެއްގެ އުސްމިން ހުރި މި ރޮކެޓް ފޮނުވާލާފައި ވަނީ ކޭޕް ކެނަވެރަލްގައި ހުންނަ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. މި މަންޒަރު ބަލަން އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވި އެވެ.
މި ދަތުރުގައި ބައިވެރިވަނީ ނާސާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓަ ގްލޯވާ އަދި ކްރިސްޓީނާ ކޮކްގެ އިތުރުން ކެނެޑާގެ ސްޕޭސް އެޖެންސީގެ ޖެރެމީ ހެންސަން އެވެ. ދިހަ ދުވަހުގެ މި ދަތުރުގައި އެމީހުން ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު އެނބުރި އަންނާނެ އެވެ. މިއީ އެތައް އަހަރަކަށްފަހު އިންސާނުން އެންމެ ދުރަށް ކުރާ ޖައްވީ ދަތުރެވެ.
ލޯންޗް ޑައިރެކްޓަ ޗާލީ ބްލެކްވެލް-ތޮމްޕްސަން ވިދާޅުވި ގޮތުގައި މި މިޝަނަކީ މުޅި ދުނިޔޭގެ އުއްމީދުތަކާ ގުޅިފައިވާ ކަމެކެވެ. ރޮކެޓް ފޮނުވާލިތާ ފަސް މިނެޓް ތެރޭގައި، މިޝަންގެ ކޮމާންޑަރު ވައިޒްމަން ވަނީ ހަނދު ފެންނަން ފަށައިފި ކަމަށާއި، މިހާރު މި ދަތުރުކުރަނީ ސީދާ ހަނދާ ދިމާލަށް ކަމަށް ބުނެފަ އެވެ.
ރޮކެޓް ފޮނުވާލުމުގެ ކުރިން ބައެއް ފަންނީ ގޮންޖެހުންތަކާ ކުރިމަތިވި
ހައިޑްރޯޖަން ފިއުލް އެޅުމުގެ މަރުހަލާގައި މީގެ ކުރިން މައްސަލަތަކެއް ދިމާވެފައިވީ ނަމަވެސް، މިފަހަރު އެއްވެސް މައްސަލައެއް ނުޖެހި 700،000 ގެލަންގެ ތެޔޮ ވަނީ ރޮކެޓަށް އަޅާފަ އެވެ. މީގެ އިތުރުން ރޮކެޓްގެ ބައެއް މުހިންމު ސިސްޓަމްތަކަށް ދިމާވި ކުދިކުދި މައްސަލަތައް ވެސް އިންޖީނޭރުން ވަނީ ވަގުތުން ހައްލުކޮށްފަ އެވެ.
ދަތުރުގެ ކުރިއަށް އޮތް ބައިގައި އެސްޓްރޮނޯޓުން ފުރަތަމަ ދެ ދުވަހު އޯރިއަން ކެޕްސޫލްގެ ސިސްޓަމްތައް ޗެކްކުރާނެ އެވެ. އެއަށްފަހު، "ޓްރާންސްލޫނާ އިންޖެކްޝަން" މަރުހަލާގެ ތެރެއިން ބިމުގެ އޯބިޓުން ބޭރުވެ ހަނދާ ދިމާލަށް މިސްރާބު ޖަހާނެ އެވެ. ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު، ހަނދާއި ބިމުގެ ގްރެވިޓީ ބޭނުންކޮށްގެން އެނބުރި ބިމަށް އައުމުގެ ދަތުރު ފަށާނެ އެވެ.
މި ދަތުރު ނިންމާލުމަށްފަހު އެމީހުން ޕެސިފިކް ކަނޑަށް ޖައްސާނެ އެވެ.
ނާސާގެ ސައިންސް މިޝަން ޗީފް ނިކީ ފޮކްސް ވިދާޅުވީ، މިއީ ކުރީގެ "އެޕޯލޯ" މިޝަންތައް ނުދެކޭ މި ޖީލުގެ މީހުންނަށް ލިބޭ އާ އުއްމީދެއް ކަމަށެވެ. މިއީ މުޅިން އާ ޖީލެއްގެ ހަނދުގެ މިޝަނެކެވެ.
ހަނގުރާމަ ދިގުދަންމަން ޓްރަމްޕް ދަނީ މަގުފަހިކުރަމުން
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި
ވަޒީފާގައި ގިނައިރު އިށީނދެ އިންނަން ޖެހޭތަ؟