ފައިސާ ދެއްކުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ ނިޒާމު، ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ދޮގުކުރައްވައިފި އެވެ.
ބީއެމްއެލުން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 364 ފުލެޓްގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އޮޅޭ ގޮތަށް ބޭންކާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި މިއަދު އެގޮތަށް ފަތުރަން މަސައްކަތް ކޮށްފައިވާ އެއް ވާހަކައަކީ، ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމުގެ ވާހަކަ އެވެ. އެ ވާހަކަތައް ފަތުރަމުން ދަނީ ސްވިފްޓުން ބީއެމްއެލް ބްލޮކްކުރުމުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޕޭމަންޓް ނެހެދޭ ކަމަށް ބުނެ އެވެ. އަދި އެ ބޭންކުގެ ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާއެއް ނެތް ކަމަށްބުނެ ވެސް ވާހަކަތައް ދަނީ ފަތުރަމުންނެވެ.
އެ ހުރިހާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ، ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި، އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ވެސް ހުންނަންޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މިދަނީ ކްރޮސް ބޯޑާ ޕޭމަންޓުތައް ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ހިމެނޭހެން ހިދުމަތްދެމުން. ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ނަމަ، އިންޓަނޭޝަނަލް ޕޭމަންޓުގެ އެއްވެސް ހިދުމަތެއް ބޭންކަށް ނުދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އެފަަދަ ދޮގު މައުލޫމާތު ފަތުރަނީ އާންމުންނާއި އެ ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާ ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށާއި އެކަމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގުތިސާދަށް ގެއްލުންވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއާ ގުޅޭ މައުލޫމާތުދޭނީ ސީދާ އެ ބޭންކުން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަމަށާއި ކާކުކަން ނޭނގޭ ގޮތަށް އަދި ބޭންކުން ސައްހަ މައުލޫމާތަށް ބިނާނުކޮށް ފަތުރާ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ޝަރީފް އިލްތިމާސްކުރެއްވި އެވެ.
"އޭޕްރީލް ފޫލްސް ޑޭ"ގެ ސިއްރަކީ ކޮބާ؟
6 އަހަރަށްފަހު ސެލީން އަނބުރާ ސްޓޭޖަށް!
