އީރާނާއެކު ކުރަމުންދާ ހަނގުރާމަ ދެތިން ހަފުތާގެ ތެރޭގައި ނިންމާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ހުއްޓާލާނެ އެވެ. އަދި މި ހަނގުރާމަ ނިންމުމަކީ އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އެމެރިކާއިން ހިންގާ މި އަސްކަރީ ހަރަކާތްތައް ނިންމުމަށްޓަކައި އީރާނުން ވަކި ކަންތައްތަކަކަށް އެއްބަސްވާން ނުޖެހޭނެ ކަމަށެވެ. "އީރާނުން އަހަންނާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ. މި ބަހުން ދޭހަވަނީ ހަނގުރާމަ ނިންމާލުމާ ގުޅޭގޮތުން ވޮޝިންޓަނުން މީގެ ކުރިން ނެރެފައިވާ ބަޔާންތަކާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމެވެ.
އީރާނުގެ މަޝްރަހާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެއްވުމަށް ބުދަ ދުވަހުގެ ރޭ ޓްރަމްޕް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ. މީގެ ކުރިން އެމެރިކާއިން ބުނެފައިވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމާއި، ޔުރޭނިއަމް މުއްސަނދިކުރުން މެދުކަނޑާލުމާއި، ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުން ހިމެނޭހެން އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ސުލްހައިގެ އެއްބަސްވުމަށް އީރާނުން އިއުތިރާފު ނުވެއްޖެނަމަ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގްތިސާދަށް ނުރައްކާވެ، އެތައް ހާސް ބަޔަކު މަރުވަމުންދާ މި ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް ތައްޔާރަށް ހުންނެވި ނަމަވެސް، އީރާނުން އެއްބާރުލުން ނުދޭނަމަ ހަނގުރާމަ ކުރިއަށް ގެންދަން އެމެރިކާ އޮތީ ތައްޔާރަށެވެ.
އަނެއްކޮޅުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްގެ ފަރާތުން ސީދާ މެސެޖުތައް ލިބެމުންދާ ކަމަށާއި، ނަމަވެސް އެއީ ރަސްމީ މަޝްވަރާ ތަކެއް ނޫން ކަމަށެވެ. އެ މެސެޖުތަކުގައި ބިރުދެއްކުމާއި ހިޔާލު ބަދަލުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ބޮޑެތި ކުންފުނިތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ ތެރޭގައި މައިކްރޯސޮފްޓް، ގޫގުލް، އެޕަލް، އިންޓެލް، އައިބީއެމް، ޓެސްލާ އަދި ބޯއިން ފަދަ 18 ކުންފުންޏެއް ހިމެނެ އެވެ. މި އިންޒާރުތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އޭނާ އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އީރާނުގެ އަތުގައި ބިރުދައްކާނެ މާ ބޮޑު ބާރެއް މިހާރު ނެތް ކަމަށެވެ.
މި ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިނުވާ ގައުމުތަކަށް، ހާއްސަކޮށް އިނގިރޭސިވިލާތަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ފްރާންސާއި އިޓަލީން ވެސް ވަނީ އެމެރިކާ އާއި އިޒްރޭލުން ހިންގާ ބައެއް އަސްކަރީ ހަރަކާތްތަކާ ދެކޮޅު ހަދާފަ އެވެ.
ހަނގުރާމައިގެ ސަބަބުން އިޒްރޭލާއި އީރާނުގެ މަދަދުލިބޭ ހިޒްބުالله އާ ދެމެދު ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ. ބެއިރޫތަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ހަތް މީހަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ހަމައެއާއެކު، އީރާނުގެ އެކި ސަރަހައްދުތަކަށް ވެސް އެމެރިކާ އާއި އިޒްރޭލުން ދަނީ ހަމަލާދެމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ އިތުރުން މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަކުރެވެއެވެ. ރޮއިޓާސްއިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ތިންބައިކުޅަ ދެބައި މީހުން ބޭނުންވަނީ އެމެރިކާއިން ކަނޑައެޅި މަގްސަދުތައް ހާސިލުނުވި ނަމަވެސް، ވީހާވެސް އަވަހަކަށް މި ހަނގުރާމައިން އެމެރިކާ ވަކިވުމަށެވެ.
ސޯނަމްއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް!
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
މުއިއްޒު އުޅެނީ ހުދުމުހްތާރު ވެރިކަމެއް ގެންނަން: ސޯލިހު