ދުވަސްތައް ފާއިތުވަމުން ގޮސް މާޗް މަސް ވެސް ނިމުނީ އެވެ. އާ އަހަރު ފާހަގަކުރީ އިއްޔެ ފަދަ އިހުސާސެއް ކުރެވެ އެވެ. އެހާ އަވަހަށް އަހަރުގެ ތިން މަސް ދުވަސް ފާއިތުވީ އެވެ.
ވަގުތު އަވަސްވަމުންދާ ވާހަކައަކީ އަހަރުމެންގެ މާމަކާފަ މެން އަބަދުވެސް ދައްކާ ވާހަކަ އެކެވެ. އެ މީހުންގެ ޒުވާން ދުވަސްވަރު ދުވަހުގެ ދިގުމިނާއި މިހާރު ދިގުމިނާއި ތަފާތު ކަމަށް އުމުރުން ދުވަސްވީ ގިނަ މީހުން ބުނެ އެވެ.
މިކަމުގެ ފަހަތުގައި ސައިންޓިފިކް ހަގީގަތެއް ވޭތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމުގެ މައްޗަށެވެ.
ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ދުނިޔެ އޭގެ ނާރެހުގައި ރެކޯޑް ހަލުވި މިނެއްގައި މިހާރު ދަނީ އެނބުރެމުންނެވެ.
މިއާއެކު ދުނިޔޭގެ ރެއަކާ ދުވާލުގެ ދިގުމިން ދުވަހަކަށް ވުރެ ދުވަހެއް ކުރުވަމުންދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާ ކޮށްފައިވެ އެވެ.
އާއްމު ގޮތެއްގައި ދުނިޔެ އޭގެ ނާރެހުގައި ފުރިހަމަ ބުރެއް ޖަހަނީ 24 ގަޑިއިރުން ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެ ބުރު ފުރިހަމަ ކޮށްފައިވަނީ 24 ގަޑިއިރަށް ވުރެ 1.59 މިލި ސިކުންތު ކުރިން ކަމަށް ރިޕޯޓުތައް ދައްކަ އެވެ.
އެއަށްފަހު އައި ދުވަސްތަކުގައި ވެސް ދުނިޔޭގެ އެނބުުރުން ހުރީ މިގޮތަށް ކަމަށާއި އެންމެ ދިގު ދުވަހުގެ ދިގުމިން 24 ގަޑިއިރަށް ވުރެ 1.47 މިލިސިކުންތު ކުރު ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ސައިންސްވެރިން ބުނެފައިވަނީ މި ބަދަލަކީ ދުނިޔޭގެ ކަނޑުތަކާއި އެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް މިއީ ސައިންސްގެ ގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ދުނިޔެ ފެށުނީއްސުރެ ވެސް ކަން ހިނގަމުން އަންނަ ގޮތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
ދުނިޔޭގެ ދުވަސްތަކުގެ ދިގުމިން ބަލަނީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން އުފައްދާފައިވާ އެޓޮމިކް ގަޑިއަކުންނެވެ. މި ގަޑިއަކީ ކޮންމެ މިލި ސިކުންތެއް ވެސް ހިސާބު ކުރެވޭ ގޮތަށް އުފައްދާފައިވާ ގަޑިއެކެވެ.
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
"އޭޕްރީލް ފޫލްސް ޑޭ"ގެ ސިއްރަކީ ކޮބާ؟
އެޗްބީއޯ މެކްސް ރާއްޖެއަށް، ސަޅި ކޮންޓެންޓްތަކެއް ލިބޭނެ!