އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަގްސަދުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކަންކަން މިހާރު ހާސިލްކުރެވިފައިވާ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އެމެރިކާގެ ކޮންޒަވޭޓިވް މީޑިއާއެއް ކަމަށްވާ "ނިއުސް މެކްސް" އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ މިއީ ހަނގުރާމައިގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު މިންވަރެއް ކާމިޔާބު ކުރެވިފައިވާ މަރުހަލާއެއް ކަމަށާއި ހަނގުރާމަ ނިމޭނެ ވަކި ތާވަލެއް ކަނޑައަޅަން ބޭނުން ނުވާ ކަމަށެވެ.

ފެބްރުއަރީ 28 ގައި ނަތަންޔާހޫއާ ގުޅިގެން މި ހަނގުރާމަ ފެށި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ މި ހަނގުރާމަ ހަތަރު ހަފުތާއާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، މި ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ އާންމުންގެ ނުރުހުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޯމަ ދުވަހު ބުނީ މި ހަނގުރާމަ މަސްތަކަކަށް ދިގުދެމިގެން ދިޔުމުގެ ބަދަލުގައި، ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަތަންޔާހޫ ބުނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ހާހުން މެންބަރުން މަރާލުމަކީ މި ހަނގުރާމައިގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ހަތިޔާރު އުފައްދާ ސިނާއަތްތައް އެއްކޮށް ނައްތާލުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.

"އީރާނުގެ މުޅި ސިނާއީ ބިންގާ، އެމީހުންގެ ކާރުހާނާތަކާއި، އަދި ނިއުކްލިއާ ޕްރޮގްރާމް ވެސް މިދަނީ އެއްކޮށް ފުނޑުފުނޑު ކުރަމުން،" ނަތަންޔާހޫ ބުންޏެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތްވެފައިވާ ކަމަށް ނަތަންޔާހޫ އާއި ޓްރަމްޕް ތަކުރާރުކޮށް ތުހުމަތު ކުރި ނަމަވެސް، އދ. ގެ ނިއުކްލިއާ އެޖެންސީން އެކަމަށް ބާރުދޭ ހެކިތަކެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. އަދި މިދިޔަ އަހަރު ދިން ހަމަލާތަކުގައި އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެ އެވެ.

އީރާނުގެ އިސްލާމީ ސަރުކާރު ވެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް، އެއީ މި ހަނގުރާމައިގެ މައިގަނޑު މަގްސަދު ނޫން ކަމަށް އޭނާ އަނެއްކާ ވެސް ތަކުރާރު ކުރި އެވެ.

މި ހަނގުރާމަ ފެށިފައި ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކެއް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު މަރާލިތާ ހަފުތާތަކެއް ފަހުންނެވެ.

ޓްރަމްޕް ފަހަކަށް އައިސް ވިދާޅުވަމުން ގެންދަވަނީ، އީރާނުގެ ވެރިކަމުގެ ތެރޭގައި ތިބި، އެމެރިކާއަށް ދޫ ދޭނެ ފަދަ ފަރާތްތަކަށް ބާރު ލިބިގެންދާތީ، މި ހަނގުރާމައިގެ ސަބަބުން ނުސީދާ ގޮތެއްގައި ވެރިކަން ބަދަލުކުރުމުގެ މަގްސަދު ހާސިލްވަމުންދާ ކަމަށެވެ.