އީރާނަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލެސް ހޯމަ ދުވަހު އިއުލާނު ކުރައްވައިފި އެވެ. މިއީ ދެ ގައުމު ގުޅިގެން ބޭނުންކުރާ އަސްކަރީ މަރުކަޒުތައް ބޭނުންކުރުން މަނާކުރުމަށްފަހު، ސްޕެއިންއިން އެޅި އިތުރު ހަރުކަށި ފިޔަވަޅެކެވެ.

މެޑްރިޑްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޮބްލެސް ވިދާޅުވީ، "އީރާނުގެ ހަނގުރާމައާ ގުޅުންހުރި އެއްވެސް އަމަލަކަށް އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުވަތަ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަވެސް އަޅުގަނޑުމެން ނުދޭނަން" ކަމަށެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ސްޕެއިންގެ ނޫހެއް ކަމަށްވާ 'އެލް ޕައިސް' އިންނެވެ.

ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، މެދުއިރުމަތީގެ އަމާޒުތަކަށް ދަތުރުކުރާ އެމެރިކާގެ އަސްކަރީ ބޯޓުތަކަށް މަޖުބޫރުވާނީ ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ސްޕެއިން ދޫކޮށް އެހެން މަގުތަކުން ދަތުރު ކުރުމަށެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މި އުސޫލަށް ބަދަލު އަތުވެދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ނިންމުމުގެ ސަބަބުން އެމެރިކާއާ އެކު އޮތް ގުޅުން ގޯސްވެދާނެތޯ ސުވާލުކުރުމުން، އިގްތިސާދީ ވަޒީރު ކާލޯސް ކުއާޕޯ ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެއްފަރާތަކުން އިސްވެ ފަށާފައިވާ ހަނގުރާމައެއްގައި ބައިވެރިނުވުމަށް ސްޕެއިން ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ބައެއް ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ އެއް ލީޑަރެވެ. އެމަނިކުފާނު ވަނީ މި ހަމަލާތަކަކީ ޒިންމާދާރުކަން ކުޑަ އަދި ޣައިރު ގާނޫނީ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސްޕެއިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދޭނަމަ، މެޑްރިޑާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.