ސައިކަލް ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ނިންމުމަށް ފަހު ދައުވާކޮށްދިނުމަށް އެދިފައި ވަނީ އެ ކުންފުނީގެ އިތުރުން ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް، ދ. ބަނޑިދޫ، އަހުމަދު އާތިފް ހަސަންގެ މައްޗަށެވެ.
ފުލުހުން ބުނި ގޮތުގައި ޖުމްލަ 158 މީހެއްގެ އަތުން ސައިކަލު ޕޭމަންޓުގެ ނަމުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ވަނީ ނަގައިފަ އެވެ.
އެ ކުންފުނިން ސައިކަލު ވިއްކުމުގެ ނަމުގައި ވިޔަފާރި ފެށީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ސައިކަލުތައް ނުލިބި ލަސްވީ ޝިޕްމެންޓް ލަސްވެގެން ކަމަށް ކިންގްސްޓަނުން އެ ދުވަސްވަރު ބުންޏެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެ ކުންފުނީގެ ޝޯ ރޫމުގައި ބެހެއްޓި ސައިކަލުތަކަކީ ވެސް ވީ މޮޓާސް ކިޔާ ކުންފުންޏަކުން ލޯނެއްގެ ދަށުން ނެގި ސައިކަލުތަކެކެވެ.
އެ ސައިކަލްތައް ވިއްކުމުގެ ހުއްދައެއް ނެތި ވިއްކައިގެން 1.2 މިލިއަން ރުފިޔާ ހޯދި ނަމަވެސް އެ ފައިސާ ވީ މޮޓާސްއަށް ދައްކައިފައެއް ނުވެ އެވެ.
ވީ މޮޓާސްގެ ފައިސާ ދެއްކުމަށް ކިންގްސްޓަނުގެ މައްޗަށް އޮގަސްޓް 2025 ގައި ވަނީ ކޯޓުން ހުކުމްކޮށްފަ އެވެ.
ގޯތި ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ
އާސަންދައިގެ ތެރެއިން އެމްބިލާންސްގެ ހިދުމަތް ހަމަޖައްސަނީ
ފަހަށް ބަތް ރައްކާ ކުރެވޭ ގޮތަކުން ސިއްހަތަށް ނުރައްކާވޭ!