'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުން އަޅާ ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގޯތި ލިބިފައިވާ ގިނަ ރައްޔިތުންތަކެއް މިހާރުގެ ހައުސިން މަޝްރޫއުތަކުގެ ދަށުން އަޅާ ފްލެޓްތަކަށް ކުރިމަތިލެވިދާނެތޯ ސުވާލުކުރަމުންދާ ކަމަށެވެ.
ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ އެއްޗަކަށް ވުމާއި، ގުޅިފަޅާއި ގިރާވަރުފަޅު ފަދަ ތަންތަނުގައި އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ވަގުތު ނަގާނެތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މި ކަންބޮޑުވުންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު، މާލެ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފައި އޮތް ގޯތި ދޫކޮށްލުމަށްފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. "މާނައަކީ މާލެ ސަރަހައްދުން، ހައުސިން ސްކީމަކުން ލިބިފައި އޮތް ގޯތި، ދޫކޮށްލުމަށްފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ގޯތި ލިބިފައިވާ މީހުންނަކީ ކުރިން އެއްވެސް ބިމެއް ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބަޔަކަށް ވުމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަ ވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ފުރުސަތު ހުޅުވާލާނީ އިންސާފުވެރި ނުވަތަ ފެއާ ޕްރޮސެސްއެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ފުރުސަތު ދިނުމަށްޓަކައި ޕޯޓަލްގެ ތެރެއިން ޖާގަ ހަދަން ވަގުތުކޮޅެއް ނަގާނެ ކަމަށާއި، އެންމެ ލަސްވެގެން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެކަން ނިންމައި ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި މާލެ ސަރަހައްދުގައި ޖުމްލަ 12,000 ހައުސިން ޔުނިޓު އަޅައި ދޫކުރުމެވެ. މީގެ ތެރެއިން 7,700 ޔުނިޓަކީ ސޯޝަލް ހައުސިން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ޓްރީ ޓޮޕް އިން ޕެއިން މެނޭޖްމަންޓް ކްލިނިކެއް ތައާރަފުކޮށްފި
އައިއޭއީއޭއަށް އީރާން: ތިޔައީ ވަރަށް ޒިންމާދާރުކަން ކުޑަބައެއް!
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ