ކުޅުދުއްފުށި ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށް، އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ވޯކިންގ ކެޕިޓަލް ފައިނޭންސިންގ" އިފްތިތާހުކޮށްފި އެވެ.

އަލަށް ތައާރަފުކުރި ވޯކިންގ ކެޕިޓަލް ފައިނޭންސިންގ ފެސިލިޓީއަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

މި ފެސިލިޓީގެ ދަށުން 2,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، ރަހުނަކާ ނުލައި 1,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެއެވެ. މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން 6 މަސްވެފައިވާ ވިޔަފާރިތަކަށެވެ.

މި ޕްރޮޑަކްޓް އިފްތިތާހު ކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއިއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ދިއުމަށް ހަމައެކަނި ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިން ނޫންކަން ވަނީ ދެނެގަނެވިފައި ކަމަށެވެ.

"އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް. ވޯކިންގ ކެޕިޓަލް ފައިނޭންސިންގ ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން. އެހެންކަމުން، މިއަދު ތައާރަފުކުރި މި ލުއި ފައިނޭންސިންގގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.

މި ޕްރޮޑަކްޓް ތައާރަފުކޮށްފައިވަނީ މާޗު 27 އިން 29 އަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކުޅުދުއްފުށި ސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަށުގެ މުޖުތަމައުއާ އޮންނަ ގުޅުން ވަނީ ބަދަހިކޮށްފަ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭގޮތުންނާއި ފައިނޭންސަށް އެދެން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ދަތުރުގެ ތެރެއިން، މާރިޗު 27 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި "ސޭލްސް އެންގޭޖްމަންޓް" އިވެންޓެއް ބާއްވައި، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝްން ހުށަހެޅުމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، މާރިޗު 28 ވަނަ ދުވަހު އެ ސިޓީގެ ހޮނިހިރު ބާޒާރަށް ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެސްއެމްއީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައްވެސް ވަނީ އޮޅުންފިލުވާފަ އެވެ.

ވޯކިންގ ކެޕިޓަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި އެވެ.