ބިރުވެރި ކަމެއް ނުވަތަ ހިތް ނުތަނަސް ވެއްޖެ ނަމަ އެންމެ ކުޑަކުއްޖާ ވެސް ދުވެ ފިލަ އެވެ. މިއީ އިންސާނުންގެ ތަބީއަތުގައިވާ ގޮތެވެ. އެހެން ނަމަވެސް ގަހަށް ކަމެއްދިމާވެ އަސަރު ކޮށްފިނަމަ އިންސާނުން ކަންކުރާގޮތަށް ދުވެ ފިލުމުގެ އިޚްތިޔާރެއް، ބާރެއް އަދި ގާބިލްކަމެއް ގަހަށް ލިބިފައެއް ނުވެ އެވެ.
ގަހަށް ސްޓްރެސް ލިބޭ ކަންތައްތަކުގެ ތެރޭގައި ހޫނުގަދަވުން، ފެންނު ލިބުން، އަވި ނުލިބުން، ކާނާ ނުލިބުން، މާގިނައިން ފެން ލިބި ވެލިގަނޑު ޗަކަވުން، އަދި ގަހަށް ބަލި އެރުން ހިމެނެ އެވެ.
މިސާލަކަށް އަވިގަދަ ދުވަހެއް ނަމަ، ހޫނުމިން މައްޗަށް ދިއުމުން އެ ހުރިތާ ހުރެ އެކަމާ ފިޔަވަޅެއް އެޅުމަށް މަޖުބޫރުވެ އެވެ. ނުވަތަ "ސަވައިވަލް" އަށް މަސައްކަތް ކުރަން ޖެހެ އެވެ. އެފަދަ ދަނޑިވަޅެއްގައި ގަހަށް އިތުރަށް ބޮޑުވުން ހުއްޓާލުމުގެ ބާރެއް ލިބިގެންވާ ކަމަށް ގަހާ ބެހޭ ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. އެފަދަ ސްޓްރެސް ބޮޑު ވަގުތެއްގައި، ގަހުގެ ހެދި ބޮޑުވުމުގެ މަސައްކަތް ހުއްޓާ ނުލައި ހުރިގޮތަށް ކުރިއަށް ގެންދާ ނަމަ، ގަހަށް ގެއްލުން ލިބެ އެވެ. ސެލްތައް ހަލާކުވެ އެވެ. ވީމާ ވަގުތީ ގޮތުން ގަސް ހެދިބޮޑުވުން ކުއްލިއަކަށް ހުއްޓާލަނީ ދިރި ހުރުމަށެވެ.
ގަހުގެ ހެދި ބޮޑުވުން ކުއްލިއަކަށް ހުއްޓާލާކަން ފާހަގަކުރި ސައިންޓިސްޓުން ވިދާޅުވާ ގޮތުގައި މިކަން ފެށެނީ ގަހުގެ ސެލްތަކުންނެވެ. ގަސް ސްޓްރެސް ނުވާނަމަ ގުދުރަތީ ގޮތުން އެގަސް ބޮޑުވާން ޖެހޭ ރޭޓުން ގަސް ބޮޑުވަމުން ދެ އެވެ.
ގަސް ސްޓްރެސް ވާނެ ކަމެއް މެދުވެރި ވެއްޖެ ނަމަ، ގިނައިރު ވަންދެން މަޑު ނުކޮށް ވަގުތުން ހެދިބޮޑުވުން ހުއްޓުމަށް ގަހުގައިވާ އެންޒައިމް އޭކިއުނު ޒައްރާތައް ހަރަކާތް ކުރަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ގަސް ބޮޑުވުމަށް ބޭނުންވާ މާއްދާތައް އުފެއްދުން ދައްކޮށްލުމެވެ. އަދި ސްޓްރެސްވާން މެދުވެރިވާ ކަންކަން ނިމެންދެން އެގޮތުގައި ދެމި ހުރުމެވެ.
ގަސް އަލުން ހެދެން ފަށަނީ ސްޓްރެސް ފިލުމުންނެވެ. މިސާލަކަށް ގަދަ އަވި ނަމަ ހޫނު މަޑުވުމުންނެވެ. ކާނާ މަދުވެއްޖެ ނަމަ ކާނާ ލިބުމުންނެވެ. ފެން މަދުވެ ވެލިގަނޑު ހިކިއްޖެ ނަމަ އަލުން ގަހަށް ފެން ލިބުމުންނެވެ.
ގަހުގެ ސްޓްރެސް ދިގުލާނަމަ، ހެދިބޮޑުވުމަށް ކުރާ މަސައްކަތް ހުއްޓާލައި ހަމައެކަނި ދިރިހުރުމަށް މަސައްކަތް ފަށަ އެވެ. މިއަށް ގަސް "އެޑެޕްޓް" ވުމޭ ކިޔަ އެވެ. ނަތީޖާއަކަށް ވަނީ ގަސް ހެދިބޮޑުވުން ހުއްޓުމެވެ. ފެންނާނެ ނިޝާންތަކުގެ ތެރޭގައި ގަސް ކުރުވުން އަދިފަތް ކުދިވުން ހިމެނެ އެވެ.
އަވަހަށް ގަސް ބޮޑުކުރަން ކުރާ މަސައްކަތް ފެއިލްވެފައި ވަނީ މިސަބަބާ ހުރެކަން ވެސް ސައިންޓިސްޓުން ފާހަގަ ކުރެ އެވެ.
ސައިންސްވެރިން ދެކޭ ގޮތުގައި ގަސް ސްޓްރެސްވާ ކަމާއި ސްޓްރެސް ވުމުގެ ސަބަބުން ގަހުގެ ހެދި ބޮޑުވުމަށް އަސަރު ކުރާކަން ދެނެގަނެވުމަކީ މުސްތަގުބަލުގައި ދަނޑުވެރިކަމުގައި އާ ވިސްނުންތަކަށް ޖާގަ ލިބިދޭނެ ކަމެކެވެ.