ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ހަދަނީ "ބުހުތާނު ދޮގު" ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަދި ކުރީގެ މިނިސްޓަރު ކަމާއި ސަފީރުކަން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ދެ ބަންޑާރަ ނައިބުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރު އާއި ދިޔާނާ ސައީދު އުފައްދަވާފައިވާ "ޕޮލިސީ އެމްވީ" އިން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލައިގެން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ ހަރަދުން އަހަރަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށެވެ.
އޭނާ ހިއްސާކުރެއްވި ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ އެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ އިންތިހާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ؟" އަހުމަދު ސުވާލު އުފެއްދެވި އެވެ.
އަހުމަދު ވިދާޅުވީ އިންތިހާބުތަކުގެ ހަރަދުގެ 89 އިންސައްތައަކީ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންގެ އުޖޫރަ ކަމަށްވާއިރު، ދެ އިންތިހާބު އެއްކޮށްލިޔަސް އެ ހަރަދުތައް މަދު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ބަދަލުން މަންފާ ކުރާނީ ރައްޔިތުންނަކަށް ނޫނެވެ. މަންފާ ކުރާނީ ސިޔާސީ މީހުންނަށެވެ. އެއީ ދެ ފަހަރު ރައްޔިތުންގެ ގާތަށް ގޮސް ކުރަންޖެހޭ ކެމްޕޭން ހަރަދާއި ވޯޓު ގަތުމަށް ކުރާ ހަރަދުތައް އެއް ފަހަރަށް ކުޑަވެގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕެނަލްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، މި އިސްލާހު ގެނައުމުގެ ހަގީގީ ބޭނުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ދެވަނަ ދައުރަކަށް ހޮވޭނެ މަގު ފަހިކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވާދަނުކުރެވޭ ގޮތް ހެދުމާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
އީރާނުގެ މުޅި އަސްކަރިއްޔާ ނެތިކޮށްލާނެ ކަމަށް އިޒްރޭލުން ބުނެފި