އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށް ކަނޑައަޅާފައިވާ ސުންގަޑި އަންނަ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމަވާފައިވަނީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާތީ އެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރެވޭ މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެންކަމުން ހަމަލާދިނުން މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

އީރާނުގެ ތެލާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުރިން އެމެރިކާއިން ވަނީ ދީފަ އެވެ.

އެ އިންޒާރާއެކު އީރާނުންވަނީ އިޒްރޭލާއި ގަލްފް ސަރަހައްދުގެ ގައުމުތަކުގައި ހުރި ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތި ކޮށްލާނެކަމުގެ ވަރުގަދަ އިންޒާރު ދީފަ އެވެ. އެއާއެކު ޓްރަމްޕް ވަނީ ފަހަތަށްޖެހި އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ.

އީރާނާއެކު މަޝްވަރާކުރާ ކަމަށް ބުނާ ވާހަކަތައްވެސް އީރާނުން ވަނީ ދޮގުކޮށްފަ އެވެ. އީރާނުން ބުނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި ޖަވާބުދޭނީ މިސައިލުން ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ފަސްޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ލޮޅުންތަކަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ.