(ހަތަރުވަނަ ބައި) - އަހަރެންގެ ދިފާޢުގައި އަހަރެން ނޫން މީހަކު ވާހަކަ ނުދައްކާނެއެވެ. ދައްކާކަށް ނުވެސް ހުންނާނެއެވެ. އަދިވެސް އަހަރެންނަކީ އެބުނާފަދަ ވިއަޔާ ނުދާ އަންހެނެއް ނޫންކަމުގެ ގެރެންޓީ މިރޭ މަރީދައްތައަށް ނުދެވިއްޖެއްޔާ އަހަރެންގެ ބޮލުގައި އެޅިގެން އެދަނީ ވަރަށް ވެސް ބޮޑު އިލްޒާމެކެވެ. ބަދުނާމެކެވެ. އެހެންކަމުން ނެތް ހިތްވަރުލާ ވާހަކަ ދެއްކޭތޯ، ހަގީގަތް ހާމަކޮށްދެވޭތޯ އަވަސްވެގަތީމެވެ. އެހެންނަމަވެސް އެއްވެސް ވާހަކައެއް އަހަރެންގެ ދުލަކަށްނައެވެ. އެންމެ ފަހުން މަރީދައްތަގެ ގައިގާ އޮޅުލާގަނެވުނީއެވެ. އަހަރެން ރޯނެ ވަރަކަށް ރޯން މަރީދައްތަ އަހަންނަށް ވަގުތުދިނެވެ.

މަރީދައްތަގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮއެ ލެވުނީމާ އަހަރެންގެ ސިނކުޑިން ޓަނެއްގެ ބަރުދަން ލުއިވިކަމުގެ އިހުސާސްކުރެވުނެވެ. އެހިސާބުން ވާހަކަ ދެއްކޭހާ ހިތްވަރު ވެސް ލިބިއްޖެއެވެ.

"އަޅުގަނޑަށް ކުރެވެން އުޅުނު ގޯސްކަމުން މާތް ﷲ އަޅުގަނޑު ސަލާމަތް ކުރައްވައިފި! މިހާރު އަޅުގަނޑަށް ވިސްނިއްޖެ!"

މިރޭ ކުރެވެން މި އުޅެވުނު ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ކިތަންމެ ލޯބިވިޔަސް ރައްޔާނަށް ނުދޭނެ ކަމުގެ ޔަގީންކަން މަރީދައްތައަށް ދިނީމެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖައިން! ވަރަށް ދެރަ ވެއްޖެ! އަޅުގަނޑުގެ މަންމަ ދުނިޔޭގައި ހުރިނަމަ އަޅުގަނޑަށް ވެސް ދުނިޔޭގެ ވަރަށް ގިނަ ކަންކަން މިހާރަށްވުރެ ބޮޑަށް އެނގުނީސް!"

ވާހަކަ ނުދައްކާ އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް އަހަންނަށް ބުނެވުނެވެ.

އަދި އެފަދަ ގޯސް ފާފަވެރި މަގަކުން ދެވެން އުޅުނީތީ ހިތާމަ ކުރާކަމަށާ ދެން ދުވަހަކުވެސް އެހެން ނުވާނެކަމަށް ތަކުރާރުކޮށް ވެސް ބުނީމެވެ.

މަރީ ދައްތަ ވާހަކަ ދެއްކީ އަހަރެން ވާހަކަ ދައްކަން ވަގުތު ދީގެން އިނުމަށްފަހުއެވެ. ރައްޔާން ޝިބާ ދެކެ ހަގީގީ ލޯބިވާނަމަ ޝިބާގެ ފަރާތުން އެފަދަ ގުޅުމަކަށް ނޭނދޭނެ ކަމަށާ އެފަދަ ކުށް ކުށަށް އަރާގަންނަން އުޅެނީ ވަގުތީ އުފާ ހޯދަން ބޭނުންވާ މީހުންކަމަށް މަރީ ދައްތަ ބުނުމުން އަހަރެން ޙައިރާންވިއެވެ. ތެދުވެރި ޚާލިސް ލޯބީގައި އެއްވެސް ފިރިހެނަކު ލޯބިވާ އަންހެން ކުއްޖަކަށް އެފަދަ ކަމެއް ހުށަނާޅާނެ ކަމަށާ އެއީ ދެވޭ އަނިޔާއެއް ކަމަށް ވެސް މަރީދައްތަ ބުންޏެވެ. ދެންވެސް ރައްޔާން އެއީ ރަނގަޅު މީހެއްނަމަ ޝިބާގެ ފަރާތުން މަޢާފަށް އެދޭނެކަމަށާ އަދި އަހަރެން އެފަދަ ގުޅުމަކަށް މަރުހަބާ ނުކިއީތީ މަރީދައްތަ ވަރަށްބޮޑަށް އުފާވާކަމަށް ބުނަމުން އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ.

މަރީދައްތަ ދައްކަން ބޭނުންވި ވާހަކަތައް ދައްކާ ނިމުމަށްފަހު ތެދުވެގެން ހިނގައިގަތީ ދޮރާ ދިމާއަށެވެ.

"ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް! ދެން ހަމަ ޖެހިގެން ނިދާލާ!"

ދޮރުމަތީ ހުއްޓި ހުރެއަހަންނާ ދިމާއަށް ބަލާލުމަށްފަހު ދޮރު ލައްޕާލާފައި މަރީދައްތަ ނިކުމެގެން ދިޔައީއެވެ.

މަރީދައްތަ ދެއްކި ވާހަކަތަކާމެދު ވަރަށް ފުންކޮށް އަހަންނަށް ވިސްނުނެވެ. އުންމީދުކުރީ އަދި އިންތިޒާރު ކުރީ މަރީދައްތަ ބުނި ފަދައިން ރައްޔާން މައާފަށް އެދި މެސެޖް ކުރާނެ ވަގުތަކަށެވެ. ފަހަރެއްގައި ރައްޔާންގެ އެހާ ހިތްވަރު ނެތިގެން މެސެޖް ނުލިޔެވިގެން އުޅެނީކަމަށް ވެސް ނިންމީމެވެ. އަހަރެން ނިދުނުއިރު ވެސް އެ މެސެޖެއް ނުލިބެއެވެ. އިސްވެ ރައްޔާންއާ އެ ވާހަކަ ނުދައްކަން އަހަރެން ނިންމީ ހެނދުނު ވެ، އަދި ހެނދުން މެންދުރަށް ބަދަލު ވި އިރުވެސް އެ މެސެޖް ނުލިބުމުންނެވެ. މީގެ އިތުރުން ރައްޔާންގެ އެއްވެސް ކޯލެއް ވެސް އަހަންނަކަށް ނުލިބުނެވެ.

މަރީދައްތަ ދެއްކީ މުޅިން ވެސް ތެދު ރަނގަޅު ވާހަކަ ކަމަށް ގަބޫލު ކުރަންވީތޯ އަހަރެންގެ ހިތާ ސުވާލު ކުރެވެމުން ދިޔައީ މި ހުރިހާ ސަބަބުތަކަކާ ހެދިއެވެ. މަރީ ދައްތަ ދެއްކީ ރަނަގަޅު ވާހަކަކަން އެނގިހުރެވެސް އަހަރެންގެ ހިތް ދެއަތަށް ކިރެމުންދިޔައެވެ. ހަމަޖެހިފައިވާ ގޮތަށް ކަންތައް ދާނަމަ ޔަގީނުން ވެސް މިހާއިރު ވާއިރު ރައްޔާން ހުންނާނީ ރައްޔާންގެ މަންމަ ގާތު އެރަށުގައެވެ.

ރައްޔާން ކަންތައް މި ކުރިގޮތުން އަހަރެން ވަރަށް ދެރަވިއެވެ. ރޭގައި އަހަންނަށް ކަންތައް ކުރެވުނުގޮތުން ރުޅިއައީ ނޫންބާވައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު އަސްލު ރުޅިއަންނަން ޖެހެނީ އަހަންނެވެ. އެހެންވީއިރު ރައްޔާންގެ ޚަބަރެއް ނުވީ ކީއްވެހެއްޔެވެ! ނުގުޅީ ކީއްވެހެއްޔެވެ! ފުރަމުން އެވާހަކަ ވެސް ބުނެލަންވާނެ ނޫންހެއްޔެވެ! އަހަރެން ދެކިލަން ނައަޔަސް ގައިމު ގުޅާފައި ނުވަތަ ވައިބަރ މެސެޖަކުން ނަމަވެސް ކޮންމެވެސް އެއްޗެކޭ ބުނެލެވިދާނެ ނޫންހެއްޔެވެ! ހިތުގައި އުފެދުނު ހައިޖާނާ ގިނަވަމުން ދިޔަ ޝަކުވާތަކުން ބޮލަށް ބަރުވާން ފެށުމުން ފެންވަރާލައިގެން އަހަރެން ނިކުތީ ބޭރަށެވެ.

ޗުއްޓީ ދުވަސްވަރުކަމަށް ވުމުން ގޭގައި ހުރިހާ ކުދިން ވެސް އުޅެއެވެ. ބަނޑުހައިވެފައި ހުރުމުން ކާބަޔަށް ދިޔައިރު ސައިބޯން އިނީ މަރީދައްތަގެ ފިރިމީހާ ޔޫޝައު އެކަންޏެވެ. ޔޫޝައު ފެނުމުން ރޭގެ ހާދިސާގެ މަތިން ހަނދާންވެ އެވާހަކަތައް މަރީދައްތަ ޔޫޝައު ގާތު ބުނެފައި އޮވެދާނެއޭ ހީވެ ލަދުން އިސްޖަހައިލެވުނެވެ. އަދި އަނބުރާލާފައި ނުކުންނަން ހިނގައިގަތް ވަގުތު އިވުނީ ޔޫޝައުގެ އަޑެވެ.

''ޝިބާ ! ސައި ބުއީތަ! މަރީ ވީ ހޮސްޕިޓަލަށް ގޮސް!''

ޔޫޝައު އޭނަގެ އާދައިގެމަތިން މަޑުމައިތިރި، އޯގާތެރި އަޑަކުން ވާހަކަ ދެއްކިއެވެ. ނަޒަރު ހުރީ އަހަންނާ ދިމާއަށެވެ.

ޔޫޝައުއަކީ އިސްކޮޅުން ރައްޔާންއަށް ވުރެ ތަންކޮޅެއް ދިގު ބުރުސޫރަ ރީތި، އުމުރަށްވުރެ ހަނގު ކަމަށް ފެންނަ ފިރިހެނެކެވެ. ޔޫޝައުގެ ފަރާތުން އެންމެ ބޮޑަށް ފާހަގަވާކަމަކީ ޔޫޝައުގެ ހުންނަ މަޑުމައިތިރި މިޒާޖެވެ. މޫނުމަތިން އަބަދު ވެސް ފެންނާނީ ތާޒާކަމާ އަލިކަމެވެ. ހީވާގޮތުން އަހަންނަށްވުރެ ދިހަ ބާރަވަރަކަށް އަހަރު ޔޫޝައު ދޮށިވާނެއެވެ.

''އެހެންތަ! ..... ކާކާ އެކު މަރީދައްތަ މިއަދު އެ ދިޔައީ!''

އަހަރެން އެގެއަށް އައިފަހުން މަރީދައްތަ ހޮސްޕިޓަލަށް ގިނަފަހަރު ގޮއްސަ ހުންނާނީ އަހަންނާ އެކުގައެވެ. އެހެންކަމުން އަހަރެން ވެސް މަޑުމައިތިރ އަޑަކުން އެހީމެވެ.

''ޒީން ގޮވައިގެން ދިޔައީ! އިށީނދޭ ސައިބޯން!''

އަނެއްކާ ވެސް ސައިބޯން އިށީންނަން ބުނެފައި ޔޫޝައު ތެދުވެގެން ދާން ހިނގައިގަތެވެ. އަދި އަހަންނާ އަރާ ހަމަވުމުން އަހަރެންގެ އިސްޖެހިފައިވާ މޫނަށް ފަރުވާތެރިކަމާއެކު ބެލިހެން ވެސް ހީވިއެވެ. އެވަގުތު ލަދުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދަ އިޙުސާސެއް ކުރެވުނެވެ. އެކަމަކު ރޭގައި ހިނގަން އުޅުނުކަމަކާ ޔޫޝައު ނުބެހޭނެކަން އަހަންނަށް އެނގެއެވެ. އެއީ އޭނަގެ މިޒާޖެވެ.

އިރުއޮއްސެން ގާތްވެފައިވަނިކޮށް ރައްޔާންގެ މެސެޖެއް ލިބުނެވެ. ލިޔެފައި އޮތީ މަންމަ މާބޮޑަށް ބަލިވުމުން ދަތުރު އަވަސް ކުރަން ބޭނުން ކަމަށާ ފައިސާގެ ތާށިކަމެއް ހުރުމުން އަވަސް ނުކުރެވިގެން އެކަމާ އުޅޭތީ ޚަބަރެއް ބަލާނުލެވިގެން އުޅެނީކަމަށެވެ.

އަހަރެންގެ ހާލު އަހާލުން އެއީ މުހިންމުކަމަކަށް ރައްޔާންއަށް ނުވީ އުޅެން ޖެހުނު ބުރަކަމުންނޭ ހިތަށް އެރިއެވެ. ރައްޔާންގެ އާއިލާގައި އެންމެ ދޮއްޓަށް ހުންނަނީ ރައްޔާންކަން އަހަންނަށް އެނގެއެވެ. އެހެންވީމާ އެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ރައްޔާންއޭ ހިތަށް އެރުމުން އައިސްފައި ހުރި ރުޅިއާ ހިތުގައި ހިނގަމުންދިޔަ ޝަކުވާތަކުގެ މަތިން ވެސް ހަދާން ނެތުނެވެ. ރައްޔާންގެ ބޮލުގައި ރިހޭނެ ވަރު ހިތަށް އެރުމުން ރައްޔާންއާ މެދު ހަމްދަރުދީ ވެވުނެވެ. ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމަށާ މަންމައަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރާވާހަކަ ލިޔެ އަހަރެން ވެސް މެސެޖްކޮށްލީމެވެ. އޭގެ ގަޑިއެއްހާ އިރުފަހުން އަނެއްކާ ވެސް ރައްޔާންގެ މެސެޖެއް ލިބުނެވެ. އޮތީ ފައިސާގެ ކަންތައް ހަމަ ނުޖެހޭ ކަމަށާ މަންމަގެ ހާލު ދަށަށް ދާ ވާހަކައެވެ. އަހަންނަށް ވެދެވިދާނެ އެހީއެއް ނެތްތޯ ވެސް އަހާފައި އޮތެވެ.

ކޮންމެ މަހެއްގެ މުސާރަ ލިބުމުން ދޮންމަންމައަށް އަހަރެން ބަރާބަރަށް ފައިސާ ފޮނުވާކަން ރައްޔާނަށް އެނގޭނެއެވެ. މިކަން އެނގިހުރެ ވެސް ފައިސާގެ ދަތިކަމުގެ ވާހަކަ ރައްޔާން ބުނާނީ އެއްވެސް ގޮތެއް ނެތިގެން ކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. އެހެންކަމުން އަހަރެން އަތުގައި ރައްކާކޮށްފައި ހުރި ފައިސާކޮޅުން ކޮންމެވެސް ވަރެއް ރައްޔާންގެ މަންމައަށް ދޭން ނިންމީމެވެ. ރައްޔާން ހާސްވާނެ ވަރު ހިތަށް އެރުމުން ހިތުގައި ހަމްދަރުދީ އުފެދި ރައްޔާންގެ މި ދަތި ވަގުތު ގާތުގައި ހުރުމަށް ވެސް ހިތް ނުހަނު ބޭނުން ވިއެވެ. ބޭނުންވަނީ ކިހާވަރެއްތޯ ރައްޔާން ގާތުން އެހީ އެ ދަތި ވަގުތުން އަވަހަށް އަރާގަތުމަށް ރައްޔާންއަށް އެހީ ވުމުގެ ބޭނުމުގައެވެ. ރައްޔާން ބުނީ އަހަންނަށް ދޭން ފެންނަވަރެއް ދިނީމައި ރަނގަޅުވާނެކަމަށާ އޭނާއަށް ލިބުނުހާ އަވަހަކަށް އެ ދޭ ފައިސާއެއް އަނބުރާ ދައްކާނެ ކަމަށެވެ!

ރައްޔާން އަކީ އަހަރެންގެ މުސްތަގުބަލުގެ ފިރިމީހާއެވެ. އެކަން އެގޮތަށް ވާނެކަމުގެ ޔަގީންކަން އަހަންނަށް އޮތަސް ރައްޔާން އެހެން ބުނީތީ އަހަރެން ވަރަށް އުފާވިއެވެ. އެހެންކަމުން ރައްޔާން ފޮނުވި އެކައުންޓަށް ވަގުތުން އަހަރެން އަތުގައި ރައްކާކުރެވިފައި ހުރި ފައިސާގެ ބޮޑުބައެއް ޖަމާކޮށްދިނީމެވެ. ފައިސާ ނުދިނަސް އެންމެ ރަނގަޅޭ ބުނާނީ ފަހުންނޭ ހިތަށް އަރާ އެވާހަކަ ނުބުނެ ފަސްކުރީމެވެ.

އަހަރެން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށް ވަގުތުން ރައްޔާން މެސެޖްކުރިއެވެ. އަދި ގުޅާނުލެވިގެން އުޅެނީ ބިޒީކަމުންކަމަށާ ފަހުން ގުޅާނެ ކަމަށް ބުންޏެވެ. ބައްދަލުކޮށްނުލާ ފުރައިގެން އަންނަން ޖެހުމުން ދެރަވާ ވާހަކަ ލިޔެ ފޮނުވި މެސެޖް ލިބުމުން ރައްޔާންއަށްޓަކައި ހިތުގައި އޮތް ލޯބި އިތުރުވެ، ހުރިހާ ޝަކުވާއެއް ފިލާ ހިތް ސާފުވެގެން ދިޔައެވެ. އަހަރެން ވެސް އަޅާނުލާ މަޑުކޮށްގެން މިހިރީ ރައްޔާން އުޅޭނެ ބުރަކަން ހިތަށް އަރާ، އުދަނގޫ ނުކުރަންވެގެންނޭ ބުނެ މެސެޖް ކުރީމެވެ. އަދި ތަކުރާރުކޮށް ލޯބިވާކަމަށާ އަބަދުވެސް އެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީންކަން ދިނީމެވެ. ވަރަށް މިސްވާ ވާހަކަ އެތައްފަހަރަކު ބުނީމެވެ. އެހެންނަމަވެސް އެއްފަހަރު ވެސް ރައްޔާން އެފަދަ ޖުމުލައެއް ބުނެ ނުލައެވެ. އަހަރެންގެ ޝަކުވާއެއްނެތެވެ. ރައްޔާން މާ ބިޒީއީއެވެ.

ދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑުޗުއްޓީ ކަމަށް ވިޔަސް ދޮންމަންމަމެން ގާތަށް މާލެ ދިއުމުގެ ޝައުގެއް އަހަރެންގެ ނެތެވެ. ބޭނުންވީ ހުންނަގޭ ކުދިންނާ އެކު ޗުއްޓީ ނިންމާލުމަށެވެ! އަދި ރައްޔާން އެނބުރި އައުމުން ކާވެނީގެ ވާހަކަ ދައްކައިގެން އަވަހަށް ކައިވެނި ކުރުމަށެވެ! މި ވިސްނުމުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. އަހަރެންގެ ގިނަވަގުތު ހޭދަކުރަނީ އެގޭ ކުދިންނާ އެކު އެކިއެކި ކަންކަމުގައެވެ. މަރީދައްތަ ބަލިވެ އުޅޭތީ ގޭގެ ގިނަ ކަންތައް ކުރާނީ އަހަންނާ ޒީންއެވެ. ބާކީ އޮންނަ ވަގުތުތައް ހޭދަ ކުރަނީ އެކުދިންނާއެކު ކުޅެ ޓީވީ ބެލުމުގައެވެ. އެކުދިން ކާޓޫން ބަލަންޏާ އަހަރެންވެސް ބަލާނީ ކާޓޫނެވެ. އެގަޑިތަކުގައި އަހަރެން ވެސް ވާނީ އެކުދިންނާ ދާދި އެއް އުމުރުގެ މީހަކަށެވެ. މި ގޮތަށް ދުވަސްތައް މާޒީވަމުން ދިޔައިރު ރައްޔާންގެ ހަނދާންތަކުން ލިބޭ ނުތަނަވަސްކަމެއް ފިޔަވާ ދެން އަހަރެން އުޅުނީ އުފަލުގައެވެ.

ޗުއްޓީގެ މެދަކާހަމައިން ދޮންމަންމަ އެއްދުވަހަކު ގުޅާފައި ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ވާހަކައާ އަހަރެން ދެކޭ ހިތްވާ ވާހަކަ ބުންޏެވެ. އަދި މާލެ ނާންނާނަންތޯ އެހިއެވެ. ވަރަށް ވިސްނުމަށްފަހު ދާނަން ކަމުގައި އަހަރެން ބުނީ ރައްޔާން ވެސް އެހާހިސާބަށް މަންމަ ގޮވައިގެން މާލެ އަރާނެތީ ދެމީހުން ދިމާވުން ވެސް އެދިގެންނެވެ. (ނުނިމޭ)