އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދަނީ ތާވަލުގައި ރޭވިފައިވާ ވަރަށްްް ްބވުރެ ވެސް މާ ބޮޑަށް ވެސް އަވަހަށް އަދި ފުރިހަމައަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ފެށުނު ފަހުން ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެއްބަސްވުމަކަށް އައުމަށް ތެހެރާނަށް ބާރުއަޅުއްވާފަ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން ފެށި އަސްކަރީ ހަމަލާތަކަށް ގާތްގަނޑަކަށް މަހެއްވާން ކައިރިވެފައިވާއިރު، ޓްރަމްޕް ވަނީ ކުރިން ލަފާކުރި ހަތަރެއް ނުވަތަ ހަ ހަފުތާގެ މުއްދަތަށް އަލިއަޅުއްވާލައްވާފަ އެވެ.
"އެމީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ބަލާއިރު، ހުރިހާ ގޮތަކުން ވެސް މާ ދަށް ބައެއް، އެކަމަކު އެމީހުންނަކީ މަޝްވަރާކުރުމުގައި ވަރަށް މޮޅު ބައެއް. އެމީހުން މިހާރު ތިބީ އެއްބަސްވުމަކަށް އައުމަށް އާދޭސްކުރާ ހާލަތުގައި،" ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގެ ސަރުކާރުން މިހާރު ބަލި ގަބޫލުކުރަމުންދާ ކަމަށާއި، ހަނގުރާމައިގެ މިޝަން ފުރިހަމަކުރުމަށް ލަފާކުރި މުއްދަތަށް ވުރެ މާ އަވަހަށް ކަންކަން ހާސިލްވަމުންދާ ކަމަށެވެ. އަދި އީރާނުން ހެޔޮނިޔަތް ދެއްކުމުގެ ގޮތުން 10 ތެޔޮ ޓޭންކަރަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދީފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެހީތެރިވުމަށް ނޭޓޯގެ ގައުމުތަކުން ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވިކަން ފާހަގަކުރައްވައި، އެ ގައުމުގެ މަނަވަރުތަކަކީ އެމެރިކާގެ މަނަވަރުތަކާ އަޅާބަލާއިރު "ކުޅޭކުޅޭ އެއްޗެހި" ތަކެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ.
އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވި ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް އީރާނަށް ވަނީ 15 ނުކުތާގެ "އެކްޝަން ލިސްޓެއް" ފޮނުވާފައެވެ.
ވިޓްކޮފް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.
ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ މި އޮޕަރޭޝަނުގެ މަގްސަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. މި ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓިކެޓް އަގުބޮޑު ކުރުމުން ފީފާއާއި ދެކޮޅަށް މައްސަލަ ޖައްސަނީ
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
އުސް ފައިވާނުގައި ފަސޭހަ ކަމާއެކު