ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އައްޑޫ ސިޓީއަށް ހާއްސަކޮށްގެން އެކުލަވާލި "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މި މެނިފެސްޓޯ ލޯންޗްކޮށްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި މެނިފެސްޓޯ ލޯންޗްކުރުމަށްފަހު، ދެވަނަ ދައުރަކަށް ވާދަކުރައްވާ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފާތުމަތު ހިޖުރާ ވަނީ މެނިފެސްޓޯގެ ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާދެއްވާފަ އެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ ކުރިއެރުން ގެނެވޭނީ އައްޑޫ ވަންތަ މިނިވަން ފިކުރަކާއެކު ކަމަށާއި، މި މެނިފެސްޓޯ ބިނާކޮށްފައިވަނީ އެ ފިކުރުގެ މައްޗަށް ކަމަށެވެ.
މިއީ ހުވަފެނީ ވާހަކަތަކެއް ނޫން ކަމަށާއި، މެނިފެސްޓޯގައި ހިމަނާފައިވާނީ ހާސިލްކުރެވޭނެ ކަންކަން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މިނިވަން އިގްތިސާދެއް ގެނައުމަށް މަސައްކަތް ކުރުމަށް ހިމަނާފައި ވާނީ. އައްޑޫ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިފެހެއްޓެނެވި އިގްތިސާދެއް ނެތުން. އައްޑޫ ފެހިކުރުމާއި ކަނޑުގެ ހުރިހާ މަންފާއެއް ހޯދަން ޖެހޭ،" ނިޒާރު ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫއަކީ ހިޔާބޮޑު، ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް ޒަމާނީ ސިޓީތަކުގެ ފޯމިއުލާތަކަށް ބަލާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް ހިޖުރާ ވިދާޅުވީ، މަދަނީ ކަންކަމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް މެނިފެސްޓޯގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ކައުންސިލްގެ ނިންމުންތަކުގައި ޒުވާނުންގެ ބަސް ބުނެވޭނެ ގޮތް ހެދުމަށްޓަކައި އަހަރީ ޔޫތު ފޯރަމެއް ބޭއްވުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މެނިފެސްޓޯގައި ހިމެނޭ އިތުރު މުހިންމު ކަންކަމުގެ ތެރޭގައި، މަގުތަކުގެ ތަރައްގީއާއި، އަވަށްތަކުގައި ހުރި ޖިމްތައް ހަރުދަނާކޮށް ހިންގުމާއި، ސިންތެޓިކް ދުވާ ޓްރެކެއް އެޅުން ހިމެނެ އެވެ. އަދި ކުޅިވަރާއި އިގްތިސާދު ގުޅުވާލައިގެން އާންމުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ތަސައްވުރު މި މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގަނީ
އެންސްޕާގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
އިންތިހާބާ ދިމާކޮށް ފުވައްމުލަކުގެ "ޑްރަގްގެ ބޮޑުން" ދޫކޮށްލައިފި