އީރާނާއި އިޒްރޭލުން ބުދަ ދުވަހު ވައިގެ ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް، ހަނގުރާމަ ނިންމުމަށް އެމެރިކާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ބުނުން އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފި އެވެ.
އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑްގެ އިސް ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ އީރާނުގެ ސްޓޭޓް ޓީވީގައި ބުނީ ޓްރަމްޕް މަޝްވަރާ ކުރަމުން ގެންދަނީ އަމިއްލަ ނަފުސާކަމުގައި ވެދާނެ ކަމަށާއި، އީރާނުން އެމެރިކާ އާ މަޝްވަރާ ނުކުރާނެ ކަމަށާއި އަދި އެއްވެސް ޑީލެއް ނުހަދާނެ ކަމަށެވެ.
އީރާނުން މިކަން ދޮގުކޮށްފައި މިވަނީ އެމެރިކާއިން 15 ނުކުތާގެ ޕްލޭނެއް ތެހެރާނަށް ފޮނުވާފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކުރި ގޮތުގައި ވޮޝިންޓަނުން ވަނީ މެދުއިރުމަތީގެ ހަނގުރާމަ ނިންމުމަށް 15 ނުކުތާގެ ޕްލޭނެއް އީރާނަށް ފޮނުވާފަ އެވެ. އިޒްރޭލުގެ ޗެނެލް 12 އިން ތިން މަސްދަރަކާ ހަވާލާދީ ބުނީ އެ ޕްލޭނާ މެދު މަޝްވަރާ ކުރުމަށް އެއް މަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އެމެރިކާއިން މަސައްކަތް ކުރާ ކަމަށެވެ. އެ ޕްލޭންގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ރޫޅާލުމާއި، ލުބުނާނުގެ ހިޒްބުﷲ ފަދަ ޕްރޮކްސީ ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓާލުމާއި، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނޭ ކަމަށް އެ މީޑިއާއިން ބުންޏެވެ.
ބުދަ ދުވަހު ވެސް ދެ ފަރާތުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އެވެ. އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނީ ތެހެރާންގެ އެކި ސަރަޙައްދުތަކުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އީރާނުގެ ސެމީ-އޮފިޝަލް އެސްއެންއެން ނިއުސް އެޖެންސީން ބުނީ ހަމަލާތައް ސީދާ ރެސިޑެންޝަލް ސަރަޙައްދަކަށް އެރި ކަމަށެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ވަނީ ތެލް އަވީވާއި ކިރްޔާތް ޝްމޯނާ އަދި ކުވެއިތު އަދި ބަހުރެއިންގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ދީފަ އެވެ. ކުވެއިތާއި ސައޫދީ އަރަބިއްޔާއިން ވެސް ޑްރޯން ހަމަލާތައް ދިފާއުކޮށްފައިވާ ކަމަށް ބުންޏެވެ. ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ޓޭންކަކަށް ޑްރޯނެއް އަމާޒުވެ އަލިފާން ރޯވި ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ކުވެއިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނީ އެމެރިކާގެ ޑިޕްލޮމެސީއާ މެދު އީރާނަށް ވަރަށް ހިތި ތަޖުރިބާއެއް ކުރެވިފައިވާ ކަމަށާއި ވޮޝިންޓަނާ އެކު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. ފާއިތުވި ދެ އަހަރު ތެރޭ މަތީ ފެންވަރުގެ މަޝްވަރާތައް ހިނގަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އެމެރިކާއިން އީރާނަށް ހަމަލާ ދީފައިވާ ކަމަށް އީރާނުގެ ލީޑާޝިޕުން ފާހަގަކޮށްފައިވެ އެވެ. އެމެރިކާއާއި އިޒްރޭލުން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ހަމަލާ ދިނީ ނިއުކްލިއާ ޕްރޮގްރާމް ނިންމުމުގެ މަޝްވަރާތަކުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށް ބުނެ އެވެ. ނަމަވެސް މެދުވެރިއެއްގެ ދައުރު އަދާކުރި އޮމާނުން ބުނީ ފާހަގަކޮށްލެވޭ ކުރިއެރުން ލިބިފައިވާ ކަމަށެވެ. ޖޫން 2025 ގައި ވެސް އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާ ދީފަ އެވެ.
ހަތަރު ހަފުތާ ވެފައިވާ މި ހަނގުރާމައިގައި އެތައް ބަޔަކު މަރުވެ، ތާރީހުގައި ވެސް ނުދެކޭ ފަދަ ހަކަތައިގެ ކާރިސާއެއް ކުރިމަތިވެ، ދުނިޔޭގެ އިންފްލޭޝަންގެ ބިރު ބޮޑުވެފައިވެ އެވެ. ފެބްރުއަރީ މަހު ފެށި އޮޕަރޭޝަން އެޕިކް ފިއުރީ ފެށުނީއްސުރެ އީރާނުން ވަނީ އެމެރިކާގެ ބޭސްތައް ހުންނަ ޤައުމުތަކަށް ހަމަލާދީ، ގަލްފުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ރޮއިޓާސް އިން ބެލި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އީރާނުން ވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން "ނޮން-ހޮސްޓައިލް" އުޅަނދުތަކަށް ކަނޑުއޮޅިން ދަތުރުކުރެވިދާނެ ކަމަށް އދ.ގެ ސެކިއުރިޓީ ކައުންސިލާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް އަންގާފަ އެވެ.
މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބުރޫ އެރި އެވެ. ހޮރްމުޒް ކަނޑުއޮޅިން ދައުރުވާ ތެލުގެ 80 ޕަސެންޓަށް ވުރެ ގިނައިން ގަންނަ އޭޝިއާ އޮތީ ތެލުގެ ކާރިސާގެ ކުރީ ސަފުގަ އެވެ. ބައެއް ޤައުމުތަކުން ވަނީ ކޮވިޑް ދުވަސްވަރު ފަދައިން ގެއިން މަސައްކަތް ކުރުން މަޖުބޫރުކޮށް، ސްކޫލްތައް ބަންދުކޮށް، ސަރުކާރު ބަންދު ދުވަސްތައް އިއުލާންކޮށްފަ އެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ވަނީ ކާރިސާއާ ކުރިމަތިލުމަށް ސްޓްރެޓީޖިކް ރިޒާވުން ރެކޯޑް 400 މިލިއަން ފީފާ ތެޔޮ ދޫކުރަން އެއްބަސްވެފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ހަނގުރާމަ ނިންމުމަށް އެމެރިކާއާ އީރާނާ ދެމެދު މަޝްވަރާ ބާއްވައިދޭން ތައްޔާރު ކަމަށް ބުނެފަ އެވެ. ނަމަވެސް މަޝްވަރާގެ ރިޕޯޓުތައް ފެތުރެމުންދާ ދަނޑިވަޅުގައި ވެސް ޕެންޓަގަންއިން އެމެރިކާ ސިފައިންގެ 82 ވަނަ އެއާބޯން ޑިވިޝަންގެ އެތައް ހާސް ސިފައިންނެއް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް އެ ސަރަހައްދުގައި 50،000 އެމެރިކާ ސިފައިން ތިބި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެ އެވެ.
އުނގުލަށް އެރޭނީ އުނގޫފާރު މީހުންނަށް އެކަނި
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
"ފްރެންޑްސް"ގެ ސެޓުން ޖެނިފާ ގެންދިޔައީ ކޮން އެއްޗެއް؟