އީރާނާއެކު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުގެ ރަނގަޅު ފަރާތްތަކާއެކު ވާހަކަދައްކަމުންދާ ކަމަށާއި، އީރާނުން ވެސް މި އެއްބަސްވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ވަނީ އީރާނަށް ހުށަހަޅާފަ އެވެ.
މި ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެއް މަސް ދުވަހުގެ ސުލްހައިގެ މުއްދަތެއް ކަނޑައެޅުމަށް އެމެރިކާއިން ބޭނުންވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާގެ ޕްލޭންގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އުވާލުމާއި، ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމުގެ އިތުރުން، ބައިނަލްއަގުވާމީ ތެޔޮ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ސްޓްރެއިޓް އޮފް ހޯމޫޒް އަލުން ހުޅުވާލުމެވެ. އީރާނުން މިހާރު ވަނީ ނިއުކްލިއާ ހަކަތައާ ގުޅުން ނެތް ކަންކަމުގަ އާއި ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން މުހިންމު ދޫދިނުންތަކެއް ދީފައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން އދ. އަށް އަންގާފައިވާ ގޮތުގައި، އީރާނުގެ ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ދުޝްމަން ނޫން އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދެވިދާނެ އެވެ. މީގެ ހަތަރު ހަފްތާ ކުރިން އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން އެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
އެމެރިކާއިން މަޝްވަރާތަކުގެ ވާހަކަ ދެއްކި ނަމަވެސް، އީރާނުން ވަނީ ސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް ޚަބަރުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ.
މި ދަނޑިވަޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ދެ ގައުމުގެ ދެމެދުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް މެދުވެރިއަކަށްވެ، ޕާކިސްތާނުގައި އެ ބައްދަލުވުންތައް ބޭއްވުމަށް މަރުހަބާ ވިދާޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސުލްހައިގެ ވާހަކަތައް ދެކެވުނު ނަމަ ވެސް، މެދުއިރުމަތީގައި އަސްކަރީ ހަރަކާތްތައް ދަނީ ވަރުގަދަވަމުންނެވެ. އެމެރިކާއިން އިތުރު އެތައް ހާސް ސިފައިންނެއް އެ ސަރަހައްދަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ތެރޭގައި އެމެރިކާގެ އެލީޓް 82 ވަނަ އެއާބޯން ޑިވިޜަންގެ ސިފައިން ހިމެނޭއިރު، މިއީ މިހާރު ވެސް އެ ސަރަހައްދުގައި ތިބި 50,000 ސިފައިންގެ އިތުރުން ފޮނުވާ ފައުޖެކެވެ.
ޖޭލޯ ބެންއަށް އަދިވެސް ޝުކުރުވެރިވަނީ މިހެންވެ!
ރޮރާންޑޯ އާއި މެސީ ވޯލްޑް ކަޕްގައި ބައްދަލު ކުރާނެތަ؟
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި