ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ވަކި ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަ ތިބި ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށް ވެސް އޮތް ޗޮއިސެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ގާނޫނީ ފްރޭމްވަރކްގެ ތެރޭގައި ހިމެނަންޖެހޭ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން ބިލު ތަސްދީގުކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިސްލާމީ ގައުމެއްގައި އެ އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިަހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއް ކަަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟