ރާއްޖޭގައި މިހާރު ދޭ އިންޓަނެޓްގެ ހިދުމަތުގެ އަގު އަންނަ ޖުލައި 1 އިން ފެށިގެން ހެޔޮކުރަން ސަރުކާރުން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި އިންޓަނެޓްގެ އަގު ހެޔޮކުރުމަށްޓަކައި މިރޭ ވަނީ ކަމާ ބެހޭ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެނގިފައިވާ ގޮތުގައި ދިރާގާއި އުރީދޫން އަގު ހެޔޮކުރަން އެއްބަސްވީ ކުރިއަށް އޮތް ތިން އަހަރު އާ އޮޕަރޭޓަރެއް ނުގެންނަގޮތަށް ޝަރުތުކޮށެވެ. ތިން އަހަރުފަހުން އަގުތައް އަލުން ރިވިއު ކުރާ ގޮތަށް ވެސް ވަނީ އެއްބެސްވެފަ އެވެ.
ސަރުކާރުން ހުށަހަޅާފައި ފިކްސްޑް ބްރޯޑް ބޭންޑުގެ އަގު އެކަނި ހެޔޮ ކުރުމަށެވެ. އެއީ 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 25 އެމްބީޕީއެސް) ދިނުމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް މި ވައުދު ފުއްދިފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.